20 Sep 2012, 15:19
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އެޗްގައި މެންޗެސްޓާ ޔުނައިޓެޑް ކުޅެންޖެހޭ އެއްވެސް މެޗެއް ފަށޭހަ ނުވާނެ ކަމަށް ޔުނައިޓެޑްގެ ކޯޗު އެލެކްސް ފާގަސަން ބުނެފި އެވެ.
މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ގުރޫޕް އެޗްގައި ޔުނައިޓެޑް ރޭ ތުރުކީގެ ގަލަޓަސަރާއީއާ އަތުން 1-0 ލަނޑުން މޮޅުވި މެޗަށްފަހު ފާގަސަން ބުނީ، ގަލަޓަސަރާއަތުން މޮޅުވެ ތިން ޕޮއިންޓު ހޯދި ކަމުގައި ވިޔަސް ޔުނައިޓެޑާ ދެކޮޅަށް މިގްރޫޕްގައި ނިކުންނަ ކޮންމެ ޓީމަކީ ވެސް ވަރުގަދަ ޓީމް ތަކަކަށް ވީއިރު ގްރޫޕްގައި ކުޅޭ ކޮންމެ މެޗެއް ކާމިޔާބު ކުރުމަކީ ޔުނައިޓެޑުގެ ޓާގެޓް ކަމަށެވެ. އަދި މިފަހަރުގެ ޗެމްޕިއަންސް ލީގައި ޔުނައިޓެޑުން ކުރިމަތިލީ މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުން ޔުނައިޓެޑް ކެޓުމުގެ ހިތި ހަނދާންތައް ފުހެލާ އާ އަޒުމަކާ އެކު ކަމަށް ވެސް ފާގަސަން ބުންޏެވެ.
"އަހަރެން މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގައި ޓީމަށް ލިބުނު ހިތި ހަދާންތައް އަދި ހިތުން ފިލައިގެނެއް ނުދެ. އަމިއްލަ ދަނޑުގައި ކުޅެ ރޭގެ މެޗް ކާމިޔާބު ވުމުން އުފާކުރަން. ޓީމުގެ މުހިންމު ކުޅުންތެރިޔާ އަދި ފޯވާޑް ރޫނީއަށް އަނިޔާވެ އޭނާއަށް ޗެމްޕިއަންސް ލީގުގުގައި އަދި ކުޅެވޭގޮތް ނުވުމުން އަހަރެން ކަންބޮޑުވޭ. އެކަމަކު ވެސް ޓީމްގައި ދެރައޭ ބުނާ ވަރުގެ ކުޅުންތެރިއަކު ނެތް" ފާގަސަން ބުންޏެވެ.
ފާގަސަން ބުނީ މެޗުގެ ކުރީ ކޮޅު ލަނދެއް ޖަހާ މެޗުގެ ލީޑް ނެގި ކަމުގައި ވިޔަސް އެ ލީޑް ފުޅާ ކުރުމަށް ލިބުނު ޕެނަލްޓީ ނާނިއަށް ނުޖެހުމުން އެކަމާ ހިތާމަކުރާ ކަމަށެވެ. އެހެން ނަމަވެސް ނާނިއަށް އެޕެނަލްޓީ ކާމިޔާބު ކުރެވުންނަމަ ރޭގެ މެޗުގައި ޔުނައިޓެޑުން ކުރަމުން އަންނަ އުންމީދު މުޅިން ފުރިހަމަ ވާނެ ކަމަން ފާގަސަން ބުންޏެވެ.
ޗެމްޕިއަންސްލީގުގައި ޔުނައިޓެޑް ރޭ ގަލަޓަސަރާއީއާ ދެކޮޅަށް ކުޅުނު މެޗުގެ ހަމައެކަނި ލަނޑު ޔުނައިޓެޑަށް ޖަހައި ދިނީ އިންގްލޭންޑުގެ މީކާއިލް ކެރިކް އެވެ. އޭނާ އެލަނޑު ޔުނައިޓެޑަށް ކާމިޔާބު ކޮށްދިނީ މެޗުގެ ހަތް ވަނަ މިނެޓުގަ އެވެ.
މިއަހަރުގެ ޗެމްޕިއަންސް ލީގުގެ ގުރޫޕް އެޗްގެ ފޭވަރިޓުންގެ ގޮތުގައި އޮތް ޔުނައިޓެޑް މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުން އަލްވަދާއު ކިޔަން ޖެހުނީ ގުރޫޕް ސްޓޭޖުގައި ބެންފީކާ އާއި ބާސެލް އަދި އޮޓެލުލް ގަލާޓީއާ ވާދަކޮށްގެންނެވެ.