20 Sep 2012, 15:17
ފުލުހުންނާއި ދެކޮޅަށް ރާއްޖެ ޓިވީން ދައުވާ ކުރި މައްސަލަ ސިވިލް ކޯޓުން މިއަދު ބާތިލްކުރުމުން އެ މައްސަލަ އަލުން ކޯޓަށް ހުށަހަޅައިފި އެވެ.
ސިވިލް ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ރާއްޖެ ޓީވީއަށް ފުލުހުން އެއްބާރުލުން ނުދޭން ނިންމުމުން އެ ސްޓޭޝަނުން ފުލުހުންގެ މައްޗަށް ދައުވާ ކުރި މައްސަލަ ބާތިލްކުރީ މިއަދުގެ ޝަރީއަތުގެ މަޖިލީހަށް ރާއްޖެ ޓީވީގެ ފަރާތުން ހާޒިރު ނުވުމުން ކަމަށެވެ. އަދި ރާއްޖެ ޓީވީގެ ފަރާތުން އަލުން އެ މައްސަލަ ކޯޓަށް ހުށަހަޅާފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
"ރާއްޖެ ޓީވީން މިއަދުގެ ޝަރީއަތުގެ މަޖިލީހަށް ހާޒިރު ނުވުމުން ގަވާއިދުގައިވާ ގޮތަށް މައްސަލަ ކޯޓުން ބާތިލްކުރީ. ނަމަވެސް މިހާރު އަލުން އެ މައްސަލަ ރާއްޖެ ޓީވީގެ ފަރާތުން ވަނީ ކޯޓަށް އަލުން ހުށަހަޅާފައި،" އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުންގެ މައްޗަށް ރާއްޖެ ޓީވީން ދައުވާކޮށްފައި ވަނީ އެ ސްޓޭޝަނަށް އެއްބާރުލުން ނުދޭން ފުލުހުން ނިންމި ނިންމުން ބާތިލްކޮށް ދިނުމަށެވެ.
މީގެއިތުރުން ރައީސް އޮފީހުން ވެސް ރާއްޖެ ޓީވީއަށް އެއްބާރުލުން ނުދޭން ނިންމުމުން ރައީސް އޮފީހުގެ މައްޗަށް ވެސް އެ ސްޓޭޝަނުން ވަނީ ދައުވާ ކޮށްފަ އެވެ.