19 Jun 2026, 10:27

މި އަހަރުގެ އޯގަސްޓް މަހު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތް ފިލްމު "ބަޓްވާރާ 1947"ގެ ތަރިންގެ ކެރެކްޓާތައް ދައްކުވައިދޭ ޕޯސްޓަރުތަކެއް ދައްކާލައިފިއެވެ.
އާމިރު ހާން ޕްރޮޑިއުސްކޮށް، ރާޖްކުމާރު ސަންތޯޝީ ޑައިރެކްޓްކުރާ މި ފިލްމުގެ މުހިއްމު ރޯލްތަކުން ފެންނާނެ ތަރިންގެތެރޭ، ސަނީ ޑިއޯލް، ޕްރިތީ ޒިންތާ، ޝަބާނާ އާޒްމީ، އަލީ ފަޒަލް އަދި ސަނީ ޑިއޯލްގެ ދޮށީ ދަރިފުޅު ކަރަން ޑިއޯލްގެ އިތުރުން އަބިމަންޔޫ ސިންގް ހިމެނެއެވެ.
މި އަހަރު ސިނަމާތަކަށް އަންނާނެ އެންމެ އުއްމީދީ ފިލްމުތަކުގެތެރޭ ހިމެނޭ "ބަޓްޗާރާ 1947" އަކީ އިންޑިއާ ބައިބައިވެ ޕާކިސްތާން އުފެދިގެން ދިޔަ ދުވަސްވަރުގެ ހާދިސާތަކުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.

"ބަޓްވާރާ 1947"ގެ ކާސްޓުގައި ހިމެނޭ މުހިއްމު ތަރިންގެ ކެރެކްޓަ ފެންނަ ޕޯސްޓަރެއް--ފޮޓޯ/ޓެލެގްރާފްއިންޑިއާ
ފިލްމުގެ ޕޯސްޓަރުތައް އާއްމުކުރުމަށްފަހު އާމިރު ހާން ޕްރޮޑަކްޝަންސްއިން އެކްސްގައި ކުރި ޕޯސްޓުގައި ބުނީ، ވަކިވެފައިވާ ދުނިޔެއެއްގައިވެސް އެހެން މީހުންނަށް ހިތްވަރާއި ކެތްތެރިކަމުގެ ނަމޫނާ ދެއްކި ބައެއްގެ ވާހަކަ ބަލަން ބެލުންތެރިން ތައްޔާރަށް ތިބުމަށެވެ.
ފިލްމީ ތަރިން ކަމަށްވާ ސަނީ ޑިއޯލް އާއި އާމިރު ހާން އެކީގައި ފުރަތަމަ ފަހަރަށް މަސައްކަތްކުރާ ފިލްމު "ބަޓްވާރާ 1947" ސިނަމާތަކަށް ގެންނާނީ އޯގަސްޓް މަހުގެ 14 ވަނަ ދުވަހުއެވެ.
މީގެ ދެ އަހަރު ކުރިން އިއުލާނުކުރި މި ފިލްމަށް އެންމެ ފުރަތަމަ ދެވުނު ނަމަކީ، "ލަހޯރު 1947"އެވެ. ނަމަވެސް އިންޑިއާ އާއި ޕާކިސްތާނުގެ މަސްރަހު ހޫނުވެދާނެ ކަމަށް ބަލައި ފިލްމުގެ ނަން "ބަޓްވާރާ 1947"އަށް ބަދަލުކުރިކަން އިއުލާނުކުރީ މި މަހުގެ ކުރީކޮޅުއެވެ.
މި ފިލްމަކީ ސަނީ ޑިއޯލް އާއި ޕްރިތީ ޒިންތާ ދިގުމުއްދަތަކަށްފަހު އަލުން އެކީގައި މަސައްކަތްކުރާ ފުރަތަމަ ފިލްމުވެސްމެއެވެ.