20 Sep 2012, 15:09
ރާއްޖޭގެ މައްސަލަތައް ހައްލުކުރަން ޖެހޭނީ ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުގެ މެދުގައި ވާހަކަ ދެކެވިގެން ކަމަށާއި ބޭރުގެ ފަރާތްތަކުން ސީދާ ގޮތެއްގައި އެފަދަ ކަންތައްތަކާ ބެހުން އެއީ ރަނގަޅުކަމެއް ނޫންކަމަށް ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫނު އަބުދުލް ގައްޔޫމު ވިދާޅުވެއްޖެ އެވެ.
އދ. ގެ އާއްމު ޖަލްސާގައި ބައިވެރިވަޑައިގެންނެވުމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އެމެރިކާއަށް ކުރައްވާ ދަތުރުފުޅާ ބެހޭ މައުލޫމާތު ދެއްވުމަށް ފޮރިން މިނިސްޓްރީގައި މިއަދު އޮތް ނޫސް ކޮންފަރެންސެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ދުންޔާ ވިދާޅުވީ ބޭރުގެ ފަރާތްތަކުން ރާއްޖޭގެ މައްސަލަތަކާ ބޭރުގެ ފަރާތްތަކުން ބެހުމަކީ ރަނގަޅު ކަމެއް ނޫން ކަަމަށާއި އެހެން ނަމަވެސް މަޝްވަރާ ދެވިދާނެ ކަަމަށެވެ.
"ރާއްޖޭގެ މައްސަލަތައް ހައްލުކުރަން ޖެހޭނީ ރާއްޖޭގެ އެތެރޭގައި ވާހަކަ ދައްކައިގެން، ބޭރުގެ ފަރާތްތަކުން އެފަދަ ކަންތައްތަކާ ބެހުމަކީ ރަނގަޅު ކަމެއް ނޫން، އެހެން ނަމަވެސް މަޝްވަރާ ދެވިދާނެ،" ދުންޔާ ވިދާޅުވިއެވެ.
ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް) ގެ ފޯމަލް އެޖެންޑާއިން ރާއްޖެ ނުނެގުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލެއްވި ގޮވާލެއްވުމާ މެދު ވިދާޅުވަނީ ކީކޭތޯ ސަން އޮންލައިނުން ސުވާލު ދެންނެވުމުން ދުންޔާ ވިދާޅުވީ ރައީސް މުހައްމަދު ނަޝީދު އެފަދަ ގޮތަކަށް ވާހަކަފުޅު ދައްކަވަނީ ބޭރުގެ ދުނިޔޭގެ ތާއީދު އެމަނިކުފާނަށް ގެއްލިވަޑައިގަންނަވަމުން ދާތީ ކަމަށެވެ.
"ކުރީގެ ރައީސް އެކަމުގައި ދެގޮތަކަށް ވާހަކަފުޅު ދައްކަވާތަން އަޅުގަނޑުމެންނަށް މި ފެންނަނީ، އަޅުގަނޑު ދުށިން ސީމެގް އެޖެންޑާއިން ރާއްޖެ ނެގުމަށް ގޮވާލައްވަނިކޮށް ވެސް، އެފަދަ ގޮތަކަށް މިހާރު އެ ވާހަކަފުޅު ދައްކަވަނީ ބޭރުގެ ތާއީދު ގެއްލެމުން ގޮސް، މިހާރު އޮތް ހަމަ އެކަނި ތަނަކީ ސީމެގް ކަމަށް ވާތީ،" ދުންޔާ ވިދާޅުވިއެވެ.
ދުންޔާ ވިދާޅުވީ ސީމެގުގެ އެޖެންޑާއިން ރާއްޖެ ނެގުމުން ރައީސް ނަޝީދުގެ އެފަދަ ވާހަކަފުޅުތައް ހުއްޓޭނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
އދ. ގެ އާއްމު ޖަލްސާގައި ބައިވެރިވެޑައިގަންނެވުމަށް ރައީސް ވަހީދު މާދަމާ ފައްޓަވާ ދަތުރުފުޅާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ދުންޔާ ވިދާޅުވީ އެ ދަތުރުފުޅުގައި ރައީސް ވަހީދު ނިއުޔޯކްގައި ހަފުތާއެއް ހޭދަކުރައްވާނެ ކަމަށާއި އދ. ގައި ދެއްވާ ތަގުރީރުގައި ކުދި ގައުމުތަކުގެ މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ތިމާވެށީގެ މައްސަލަތަކަށް އަލިއަޅުއްވާލައްވާނެ ކަމަށެވެ.
ރާއްޖެއަށް ބައިނަލް އަގުވާމީ އެހީ ލިބެމުންދާ ގޮތާ ބެހޭ ގޮތުން ވެސް ވާހަކަފުޅު ދައްކަވާނެ ކަމަށާއި ސޫރިޔާގެ މައްސަލައާއި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމް ކުރުމުގެ މައްސަލައާ މެދު ވެސް ވާހަކަ ދައްކަވާނެ ކަމަށް ދުންޔާ ވިދާޅުވި އެވެ. މީގެ އިތުރުން ގާނޫނުގެ ވެރިކަން (ރޫލް އޮފް ލޯ) އާ ބެހޭ ގޮތުން އޮންނަ މަޝްވަރާތަކެއްގައި ވެސް ރައީސް ބައިވެރިވަޑައިގަންނަވާނެ ކަމަށް ދުންޔާ ވިދާޅުވި އެވެ.
ރައީސް ވަހީދު އދ. ގެ އާއްމު ޖަލްސާގައި ތަގުރީރުކުރައްވާނީ މިމަހުގެ 27 ވަނަ ދުވަހު އެވެ.