ސަރުކާރުގެ ޓެކްސީ ޚިދުމަތް، މާލޭ ޓެކްސީ ލައިން ވިލިމާލޭގައި މިއަދު ފަށައިފިއެވެ.

ވިލިމާލޭ ފެރީ ޓާމިނަލް ކައިރީގައި ބޭއްވި ރަސްމިއްޔާތެއްގައި، މާލޭ ޓެކްސީގެ ޚިދުމަތް ފައްޓަވައިދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދެވެ.

އެ ރަސްމިއްޔާތުގައި ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްޓީސީސީން ވަނީ ވިލިމާލޭގައި އިލެކްޓްރިކް ވެހިކަލްގެ ދަތުރުފަތުރުގެ ނިޒާމެއް ތައާރަފު ކުރުމާ މެދު ފަޚުރުވެރިވާ ކަމަށާއި، އެއީ ރައްކާތެރި، އިތުބާރު ކުރެވޭ ޚިދުމަތަކަށް ވާނެ ކަމަށެވެ.

މިދިޔަ އޭޕްރިލް މަހުގެ ދެވަނަ ދުވަހު ސަރުކާރުން ޓެކްސީގެ ޚިދުމަތް ފަށައި، ފުރަތަމަ ދެ ހަފުތާގައި އެ ޚިދުމަތް ދިނީ ހިލެއެވެ. އެހާ ހިސާބުން ފެށިގެން ވެސް މާލޭ ޓެކްސީއަށް ޑިމާންޑް ވަނީ ވަރަށް ބޮޑުވެފައެވެ. އެއާއެކު، ޑިމާންޑު ބޮޑުވެ، ނުގުޅޭ ކަމުގެ ޝަކުވާތައް ވެސް ފެންމަތިވިއެވެ.

އޭގެ ފަހުން، މި މަހުގެ ތެރޭގައި އެ ޚިދުމަތަށް ޚާއްސަކޮށް އެޕްލިކޭޝަނެއް ވަނީ ތައާރަފުކޮށްފައެވެ.

މާލެ ޓެކްސީ ލައިންގެ ޚިދުމަތް ފެށި ފުރަތަމަ މަހުގެ ތެރޭގައި އެކަނިވެސް 13,000 އަށްވުރެ ގިނަ ދަތުރު ކޮށްދީފައިވާކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

މި ޚިދުމަތް ދިނުމަށްޓަކައި ތިމާވެއްޓާ ރައްޓެހި، 100 އިންސައްތަ އިލެކްޓްރިކް (އީވީ) 150 އުޅަނދު ވަނީ ރާއްޖެ ގެނެސްފައެވެ. މީގެ ތެރޭގައި މާލޭގެ ހަނި މަގުތަކަށް ޚާއްސަ ކުދި ކާރުތަކާއި، އެއާޕޯޓް ދަތުރުތަކަށް ޚާއްސަ ބޮޑެތި އުޅަނދުތައް ހިމެނޭހެން ތިން ސައިޒެއްގެ ކާރުތައް ހިމެނެއެވެ.

ހިތްފަސޭހަ ވިލިމާލެއަކީ އާންމުކޮށް އިންޖީނުލީ އުޅަނދު ދުއްވުން މަނާ އަވަށެކެވެ. ނަމަވެސް ފާއިތުވި އަހަރުތަކުގައި އެ އަވަށުގައި ބެޓެރި ސައިކަލް ފަދަ އުޅަނދުތައް އިތުރުވުމުގެ ކަންބޮޑުވުން ވަނީ އުފެދިފައެވެ.