20 Sep 2012, 15:03
ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އީ ގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީން ދެ ލަނޑު ޖަހާފައި ވަނިކޮށް ފަހަތުން އަރާ ޔުވެންޓަސް އިން މެޗް ހިފަހައްޓައިފި އެވެ.
ލަންޑަނުގެ ސްޓެމްފަޑް ބްރިޖްގައި ރޭ ރާއްޖެ ގަޑިން 11:45 ގައި ކުޅުނު މިމެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ނެގީ ޗެލްސީއިންނެވެ. ޗެލްސީއަށް އެލަނޑު މެޗުގެ ފުރަތަމަ ހާފުގެ 31 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ބްރެޒިލްގެ މިޑްފީލްޑަރު އޮސްކާ އެވެ. އަދި މެޗުގައި ޗެލްސީއަށް ލީޑް ނަގައި ދިން ލަނޑު ވެސް ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ވެސް އޮސްކާ އެވެ.
ދެޓީމުގެ ފަރާތުން ވެސް ބަލާހިތްވާ ކަހަލަ މޮޅު ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ފޯރި ގަދަވެގެން ދިޔައީ މެޗުގެ 38 ވަނަ މިނެޓުގައި ޔުވެންޓާސް އިން ޗެލްސީކޮޅަށް ލަނޑެއްޖަހާ މެޗުގެ ނަތީޖާ 2-1 ލަނޑަށް ބަދަލު ކޮށްލި ހިސާބުންނެވެ. އެލަނޑު ޔުވެންޓާސް އަށް ކާމިޔާބު ކޮށްދިނީ ޗިލީގެ މިޑްފީލްޑަރު ވިޑާލް އެވެ.
ރޭގެ މެޗުގައި ޔުވެންޓަސްއަށް މެޗް އެއްވަރު ކޮށްދިން ލަނޑު މެޗުގެ ދެ ވަނަ ހާފުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ 80 ވަނަ މިނެޓުގައި އިޓަލީގެ ފޯވާޑް ކުއަގްލިއެރެލާ އެވެ.
ރޭގެ މެޗަށް ފަހު ޗެލްސީގެ ކޯޗް ރޮބާޓޯ ޑިމަޓޭއޯ ބުނީ އޭނާގެ ޓީމުގެ ފަރާތުން ފުރަތަމަ ހާފުގެ ކުރީ ކޮޅު މޮޅު ކުޅުމެއް ދެއްކި ނަމަވެސް ޔުވެންޓަސްއިން ލަނޑު ޖެހުމުން ޓީމުގެ އަސްލު ކުޅުން ގެއްލި ގިނަ މިސްޓޭކްތަކެއް ކުޅުންތެރިންނަށް ހެދުނު ކަމަށެވެ. އަދި ޗެލްސީގެ ޑިފެންޑަރުންނަށް ފުރަތަމަ ހާފުގެ ފަހުކޮޅާއި ދެ ވަނަ ހާފުގައި ވެސް ގިނަ މިސްޓޭކް ތަކެއް ހެދުނު ކަމަށް ރޮބާޓޯ ބުންޏެވެ.
"މެޗަށް ނިކުތީވެސް މިގްރޫޕްގައި ޗެލްސީ ކުޅެންޖެހޭ ކޮންމެ ޓީމަކީ ވެސް ވަރުގަދަ ޓީމެއްކަން ދަނެ މޮޅުވުމަށް. މެޗުގެ ލީޑް ނެގުނު ކަމުގައި ވިޔަސް ލީޑް ގެއްލުނީ ކުޅުންތެރިން ފަރުވާ ކުޑަކޮށްލުމުން. އެކަމަކު ވެސް މެޗުގައި އޮސްކާ ދެއްކީ ހިތް ހަމަޖެހޭ ވަރުގެ މޮޅު ކުޅުމެއް" ރޮބާޓޯ ބުންޏެވެ.
މި ގްރޫޕުގެ އަނެއް މެޗުގައި ޔޫކްރޭނުގެ ޗެމްޕިއަން ޝަކްތާ ޑޮނެސްޓްކް ވަނީ ޑެންމާކުގެ ޗެމްޕިއަން ނޯޑްސްއައެލެން އަތުން 2- 0 އިން މޮޅުވެފަ އެވެ.
ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު އިތުރު މެޗްތަކަށް ބަލާއިރު ގްރޫޕް އެފް ގައި ވެލެންސިޔާ އާ ދެކޮލަށް ކުޅުނު މެޗް ބެޔާން މިއުނިކުން ކާމިޔާބު ކުރީ 2-1 ލަނޑުންނެވެ. އަދި މިގްރޫޕްގެ ދެ ވަނަ މެޗުގައި ލިލޭ އާ ދެކޮލަށް ކުޅުނު މެޗް ބަޓޭބޮރިސޯވް ކާމިޔާބު ކުރީ 3-1 ލަނޑުންނެވެ. އަދި ގްރޫޕް ޖީގައި ރޭ ކުޅުނު ދެ މެޗުގެ ތެރެއިން ސްޕާތޮކް މޮސްކޯ އަތުން ބަސެލޯނާ 3-2 ލަނޑުން މޮޅުވިއިރު، ބެނިފިކާއާ ދެކޮޅަށް ކެލްޓިކް ބައްދަލުކުރި މެޗް ނިމުނީ ދެ ޓީމް ކުރެ އެއްޓީމަކަށް ވެސް ގޯލެއް ކާމިޔާބު ނުކުރެވި އެވެ.
މީގެއިތުރުން ގްރޫޕް އެޗްގައި ރޭ ބަރަގާ އަތުން 2-0 ލަނޑުން ސީއެފްއާރު ކްލިޗް މޮޅުވިއިރު މި ގްރޫޕްގެ ދެ ވަނަ މެޗް މެންޗެސްޓާ ޔުނައިޓެޑުން ކާމިޔާބު ކުރީ ގަލަޓަސާރޭ އަތުން 1-0 ލަނޑުންނެވެ.