20 Sep 2012, 15:01
މިއަދު ހެނދުނު ވަގުތެއްގައި މާލެ ވަޑައިގަތް އިންޑިއާގެ ޖީއެމްއާރުގެ، ޗެއާމަން ޖީއެމްރާއޯ އާއި އެ ކުންފުނީގެ އިސްވެރިން މިއަދު ހަވީރުގެ ވަގުތެއްގައި ރާއްޖެއިން ފުރާވަޑައިގަތުމަށް ހަމަޖެހިފައިވާކަން ކަށަވަރުވެއްޖެ އެވެ.
އެއާޕޯޓުން ވާހަކަ ދެއްކި އޮފިޝަލަކު މިއަދު ވިދާޅުވީ ޖީއެމްއާރުގެ ޗެއާމަނާއި އިސްވެރިންގެ ވަފުދެއް ރާއްޖެ ވަޑައިގަތީ މިއަދު ހެނދުނު ޕްރައިވެޓް ޖެޓެއްގައި ކަމަށާއި އެ ބޭފުޅުން މިއަދު ހަވީރުގެ ވަގުތެއްގައި ފުރަން ޝެޑިއުލްކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ސަބަބަކާއިހުރެ ކަމެއް އޭނާ ވިދާޅެއްނުވެ އެވެ.
އެއާޕޯޓްގެ ޗެއާމަން އެންޑްރޫ ހެރިސަން ސަން އޮންލައިންއަށް މިއަދު ވިދާޅުވީ ޖީއެމްރާއޯ ފުރާވަޑައިގަންނަވާނީ މިއަދު ހަވީރު 3:00 ޖަހާކަން ހާއިރު ސިންގަޕޫރު އެއާލައިންސްއިން ކަމަށާއި ރާއޯ ރާއްޖެ ވަޑައިގަތީ އާންމުކޮށް ވަޑައިގަންނަވާ ގޮތަށް "ބިޒްނަސް ރިވިއުކުރެއްވުމަށް" ކަމަށެވެ.
"އެފަދަ ދަތުރުތަކުގައި ރާއޯ މާގިނަ އިރު މަޑެއް ނުކުރައްވާނެ، ހަމަ އާންމުކޮށް ވެސް އަވަހަށް ވަޑައިގަންނަވާނެ،" އެންޑްރޫ ވިދާޅުވި އެވެ. ރާއޯ އެހާ އަވަހަށް ފުރާވަޑައިގަންނަވަނީ ބައްދަލު ކުރައްވަން ބޭނުންފުޅުވި ބައެއް ބޭފުޅުންނާ ބައްދަލު ނުކުރެއްވިގެންތޯ ދެނެވުމުން ވިދާޅުވީ އެއީ "ތެދު ވާހަކަ އެއް" ނޫން ކަމަށާއި ރާއޯ ރާއްޖެ ވަޑައިގަތީ ބަޔަކާއި ބައްދަލުކުރެއްވުމަށް ނޫން ކަމަށެވެ.
ސަރުކާރުގެ ސްޕޯކްސް ޕާސަން އައްބާސް އާދިލް ރިޒާ އިއްޔެ ވިދާޅުވެފައިވަނީ ޖީއެމްއާރުގެ ވަފުދުން ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާ ބައްދަލު ކުރެއްވުމަށް އެދިވަޑައިގެންފައި ނެތް ކަމަށާއި ރައީސްގެ ދަތުރުފުޅުތައް ހަމަޖެހިފައި ހުރި ގޮތުން ރައީސަށް ވަގުތު ދެއްވޭނެ ކަމަށް ހީފުޅުވެ ވަޑައިނުގަންނަވާ ކަމަށެވެ. ރައީސް މާދަމާގެ ވަގުތެއްގައި އދ. ގެ ޖެނެރަލް އެސެމްބްލީގައި ބައިވެރިވެ ވަޑައިގަތުމަށް ފުރާވަޑައިގަންނަވާނެކަން ވަނީ އެނގިފަ އެވެ.
ޖީއެމްރާއޯ މީގެ ކުރިން ވަނީ މިހާރު އިންޑިއާގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ ވެސް ބައްދަލުކުރައްވައިފަ އެވެ. ޖީއެމްއާރުގެ އިސްވަފުދުގެ ދަތުރާ ދިމާކޮށް އަދާލަތު ޕާޓީން ވަނީ އެއާޕޯޓް މިނިވަން ކުރުމަށް ހުރަސް އެޅޭ އެއްވެސް މުއާމަލާތެއް ނުކުރުމަށް ގޮވާލައިފަ އެވެ.
އަދި އިންޑިއާ ހައިކޮމިޝަނަރު އަދާލަތުގެ ރައީސް އިމްރާން އަބްދުﷲ އާ ބައްދަލުކުރައްވަން ދައުވަތު ދެއްވުމުން އޭނާ ވަނީ އެކަމަށް ދެކޮޅު ހައްދަވައިފަ އެވެ.