ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް ސްޓޭޖުގައި މިއަދު ހެނދުނު ކުޅުނު ފޯރިގަދަ މެޗުން އުޒްބެކިސްތާން ބަލިކޮށް ކޮލަމްބިއާއިން މުހިންމު މޮޅެއް ހޯދައިފިއެވެ.

މެކްސިކޯގެ ތާރީހީ އެސްޓާޑިއޯ އަޒްޓެކާ ސްޓޭޑިއަމްގައި ކުޅުނު "ގްރޫޕް ކޭ" ގެ މި މެޗު ކޮލަމްބިއާއިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ކޮލަމްބިއާއިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، ފަބިއޯ ކަނަވާރޯގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ އުޒްބެކިސްތާންގެ ޑިފެންސް ފެނުނީ ވަރުގަދަކޮށެވެ. ނަމަވެސް މެޗުގެ 40 ވަނަ މިނެޓުގައި ލުއިސް ޑިއާޒް ތަނަވަސްކޮށްދިން ފުރުސަތަކުން ޑިނިއެލް މުނިއޯޒް ވަނީ ގޯލެއް ޖަހައި ކޮލަމްބިއާއަށް ލީޑު ހޯދައިދީފައެވެ.

ދެވަނަ ހާފު ފަށައިގެން އުޒްބެކިސްތާނުން ކުޅުން ރަނގަޅުކޮށް، މެޗުގެ 60 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކުރިއެވެ. މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ރީބައުންސް ބޯޅައަކުން އަބޮސްބެކް ފޭޒުއްލާވް އެވެ. ނަމަވެސް އޭގެ ފަސް މިނެޓު ފަހުން ކޮލަމްބިއާގެ ތަރި ލުއިސް ޑިއާޒް ވަނީ އަލުން އެޓީމަށް ލީޑު ހޯދައިދީފައެވެ.

މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކޮލަމްބިއާގެ ތިންވަނަ ގޯލު ބޮލުން ޖަހައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިޔާ ޖަމިންޓަން ކަމްޕާޒް އެވެ. މިއީ އުޒްބެކިސްތާނުން ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗުކަމަށްވާއިރު، އެޓީމަށް ވަނީ ބޮޑު މާޔޫސްކަމެއް ކުރިމަތިވެފައެވެ.

މި ގްރޫޕުގައި ދެން ހިމެނޭ ޕޯޗުގަލް އާއި ޑީއާރް ކޮންގޯ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

ކޮލަމްބިއާއަކީ ވޯލްޑް ކަޕްގައި މިހާތަނަށް ހަ ފަހަރު ވާދަކޮށް، 2014 ވަނަ އަހަރު ކުއާޓާ ފައިނަލަށް ދަތުރުކޮށްފައިވާ ތަޖުރިބާކާރު ޓީމެކެވެ. އަނެއްކޮޅުން އުޒްބެކިސްތާނަކީ މިއަހަރު އަލަށް ވޯލްޑް ކަޕުން ޖާގަ ހޯދި، އޭޝިއާގެ އުންމީދީ ބާރެކެވެ.