20 Sep 2012, 14:54
ބާސެލޯނާގެ ބްރެޒިލް ޑިފެންޑަރު ޑަނީ އަލްވޭސްއަކީ ކްލަބެއްގެ ރައީސެއް ނަމަ ރެއާލް މެޑްރިޑްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދުމަށް ލޯބިކުރާނެ ކަމަށް އަލްވޭސް ބުނެފި އެވެ.
މިސީޒަނުގެ ސްޕެނިޝް ލަލީގާގައި ރޮނާލްޑޯއަށް ރަނގަޅު ކުޅުމެއް ދެއްކިފައިނުވާތީ ސްޕެއިންގެ ގިނަ މީޑިޔާތަކަކުން އޭނާއަށް ފާޑުކިޔާފައިވެ އެވެ. އަދި އެކުޅުން އޭނާއަށް ނުދެއްކެނީ ކުލްބާ މެދު ހިތްހަމަނުޖެހޭތީ ކަމަށް ވެސް ބައެއް މީޑިޔާ ރިޕޯޓްތައް ބުނަމުންދެ އެވެ. މިހުރިހާ ކަމެއް މިހެން ހުރިކަމުގައިވީ ނަމަވެސް އަލްވޭސްއަކީ ކްލަބެއްގެ ރައީސެއް ނަމަ ރޮނާލްޑޯ އެކުލަބަކަށް ގެންދިއުމަށް ލޯބިކުރާނެ ކަމަށް އޭނާ ބުނެފައިވެ އެވެ.
"އަހަރެން މިއީ ކްލަބެއްގެ ރައީސެއްނަމަ އެކުލަބަކަށް ރޮނާލްޑޯ ގެންދިއުމަށް އުފާކުރާނަން. އެއްވެސް މީހަކީ އެންމެ ފުރިހަމަ މީހާއެއް ނޫން. ނަމަވެސް ރޮނާލްޑޯގެ ކުޅުމާމެދު އަހަރެން ހިތްހަމަޖެހޭ. ކޮންމެ މީހެއްގެ އަމިއްލަ ކަންތައްތަކެއް އޮންނާނެ. އެކަންތައްތަކަށް އަހަރެން ފާޑެއް ނުކިޔާނަން. އެގޮތަށް ގިނަ ބަޔަކަށް އަހަރެންގެ ކަންތައްތައްތަކެއް ވެސް ގޯސްވެދާނެ." އަލްވޭސް ބުންޏެވެ.
ރޮނާލްޑޯއަށް ލަލީގާގައި ރަނގަޅު ކުޅުމެއް އަދި ދެއްކިފައިނުވި ނަމަވެސް އޭނާ ވަނީ އަންގާރަ ދުވަހުގެ ރޭ އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި ދެކޮޅަށް ކުޅުނު ޗެމްޕިއަންސް ލީގު މެޗުގައި މެޑްރިޑަށް ލީޑް ހޯދައިދީފަ އެވެ. މިލަނޑު ރޮނާލްޑޯ ކާމިޔާބުކުރީ މެޗުގެ އެންމެ ފަހު ވަގުތު އެވެ.