އެމެރިކާގެ ކެޕިޓޮލްއަށް ދިން ހަމަލާގެ ހާދިސާއަށް ބިނާކޮށް ފިލްމެއް އުފައްދަނީ
އެމެރިކާގެ ކެޕިޓޮލްއަށް ދިން ހަމަލާގެ ހާދިސާއަށް ބިނާކޮށް ފިލްމެއް އުފައްދަނީ

މީގެ ފަސް އަހަރު ކުރިން އެމެރިކާގެ ކެޕިޓޮލްއަށް ދިން ހަމަލާގެ ވަގުތުގައި އެތަނުގައި ހުރި ފުލުހެއްގެ ޒުވާން ދުވަސްވަރުގެ ހަޔާތުގެ މައްޗަށް ބިނާކޮށް، މަޝްހޫރު ފިލްމީ ތަރި އަދި ޑައިރެކްޓަރު ޝޯން ޕެން ފިލްމެއް އުފެއްދުމަށް ތައްޔާރުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ވޯނާ ބްރަދާސްއިން އުފައްދާ މި ފިލްމުގެ މައި ރޯލުން ފެންނާނީ ބްރެޑްލީ ކޫޕާ ކަމަށް ބެލެވޭއިރު، ފިލްމު ބިނާކޮށްފައިވާ އަސްލު ފުލުސް މީހާއަކީ ކޮބައިކަން އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

މި ފިލްމަކީ "އެކުވެރިކަމުގެ މައްޗަށް ބިނާކޮށްފައިވާ ހީނުކުރާ ފަދަ އާދަޔާހިލާފު ވާހަކައެއް" ކަމަށް ސިފަކޮށްފައިވެއެވެ. މި ފިލްމު އުފެއްދުމުގައި އިސްވެ ހަރަކާތްތެރިވާ ޓީމާ ގުޅުންހުރި މަސްދަރުތަކުން ބުނާ ގޮތުގައި، މި ފިލްމަކީ މައިގަނޑު ގޮތެއްގައި ޖެނުއަރީ ހައެއްގެ ހަމަލާއާ ގުޅޭ ފިލްމެއް ނޫނެވެ. ނަމަވެސް މި ފިލްމުގައި ގެނެސްދޭ ވާހަކަ އާއި އެ ހާދިސާއާ ކޮންމެވެސް ވަރެއްގެ ގުޅުމެއް ހުންނާނެ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ޑައިރެކްޓަރު ޝޯން ޕެން އަލަށް އުފައްދާ ފިލްމުގެ ލީޑް ރޯލްއިން ފެންނާނެ ކަމަށް ބެލެވޭ ހޮލީވުޑްގެ އެކްޓަރު ބްރެޑްލީ ކޫޕަ--ފޮޓޯ/ޓެ؛ެގްރާފްއިންޑިއާ

މި ފިލްމުގެ މަސައްކަތް ފަށަން ތައްޔާރުވަމުން މިދަނީ ވޯނާ ބްރަދާސް ޑިސްކަވަރީ އާއި ޕެރަމައުންޓް ގުޅުމުގެ މަސައްކަތްތަކެއް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުގެ ހުއްދައާ އެކު ކުރިއަށްދާ ދަނޑިވަޅެއްގައެވެ.

ޕެރަމައުންޓްގެ އިސްވެރިޔާ ޑޭވިޑް އެލިސަންގެ އާއިލާއާ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އޮންނަ ގާތް ގުޅުމުގެ ސަބަބުން، ޕެރަމައުންޓްގެ ލީޑަޝިޕުން މި ފިލްމާމެދު ދެކޭނެ ގޮތަކާ މެދު ބައެއް ސުވާލުތައް ވަނީ އުފެދިފައެވެ.

ޝޯން ޕެން އަކީ މީގެ ކުރިން ވެސް ޓްރަމްޕަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވާ ފަރާތެކެވެ. އޭނާ ވަނީ ޓްރަމްޕަކީ "އިންސާނިއްޔަތުގެ ދުޝްމަނެއް" ކަމަށް ވެސް މީގެ ކުރިން ސިފަކޮށްފައެވެ.

ޝޯން ޕެން ވަނީ ދާދި ފަހުން ވޯނާ ބްރަދާސްގެ އުފެއްދުމެއް ކަމަށްވާ "ވަން ބެޓްލް އާފްޓަ އެނަދަ"އިން އޭނާގެ ތިންވަނަ އެކަޑެމީ އެވޯޑް (އޮސްކާ) ހާސިލުކޮށްފައެވެ.

މީގެ ކުރިން އޭނާ ވަނީ "މިސްޓިކް ރިވަ" އަދި "މިލްކް"އިން ވެސް އެންމެ މޮޅު އެކްޓަރުގެ އޮސްކާ ހޯދާފައެވެ. އޭނާ ޑައިރެކްޓްކޮށްފައިވާ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "ދަ އިންޑިއަން ރަނަ"، "ދަ ޕްލެޖް" އަދި "އިންޓު ދަ ވައިލްޑް" ހިމެނެއެވެ.

އަލަށް އުފައްދާ ފިލްމުގެ ސްކްރީންޕްލޭ ލިޔެފައިވަނީ ވެސް ޕެން އެވެ. އަދި އޭނާއާ އެކު ޖޯން އައިރާ ޕާމާ އަދި ޖޯން ވައިލްޑަމޫތު މި ފިލްމު ޕްރޮޑިއުސް ކުރާނެއެވެ. ފިލްމުގެ އަމަލީ މަސައްކަތް ފެށުމަށް އަމާޒު ހިފާފައިވަނީ މި އަންނަ އަހަރުގެ މެދުތެރޭގައެވެ.