20 Sep 2012, 14:47
އެއްގަމު ދަތުރު ފަތުރާ ބެހޭ ޤާނޫނުގައި ބޮޑެތި މައްސަލަ ތަކެއް ހުރިކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ފާހަގަ ކޮށްފި އެވެ.
އިންޖީނުލީ އެއްގަމު އުޅަނދު ފަހަރު ތާޑް ޕާޓީ އިންޝުއަރެންސްއާ ބެހޭގޮތުން ނޫސްވެރިން ނަށް މައުލޫމާތު ދެއްވަމުން ޗެއާމަން އަބްދުއްރަޝީދު ނާފިޒް މިއަދު ވިދާޅުވީ އެއްގަމު ދަތުރު ފަތުރާބެހޭ ޤާނޫނަށް އިސްލާހު ގެންނަން އެޓާނީ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.
"މި ޤާނޫނަކުން އެނގޭކަށް ނެތް ދުވާލަކު ކިތަށް ފަހަރު އެކްސިޑެންޓް ވީމަތޯ ޖުރިމަނާ ކުރަނީ، މިހާރުން މިހާރަށް މި ޤާނޫނު ތަންފީޒު ކުރެވުނެއް ކަމަކު މި ޤާނޫނުގަ ވަރަށް ގިނަ އުނި ކަންތައް ތަކެއް އެބަހުރި. ދުވާލަކު ކިތަންމެ ވަރަކަށް ވެސް ޖުރިމަނާ ކުރުމުގެ ބާރު ފުލުހުން ނަށް ނުވަތަ ދެންވެސް އެކަން ކުރައްވާ ފަރާތަކަށް މި ޤާނޫނު މިހާރު އޮތް ގޮތުން ލިބޭ. ސްޓިކާ ޖެހުމުގައި ވެސް އޮންނަ ގޮތަކީ ދުވާލަކު ކިތަންމެ ފަހަރަކު ވެސް ސްޓިކާ ޖެހި ދާނެ، އެހެން ނަމަވެސް އެއަށް ފައިސާ ދައްކަން ޖެހެނީ ކޮން އުސޫލަކުން ކަމެއްވެސް ޤާނޫނަކު އެނގޭ ކަށް ނެތް،" ނާފިޒު ވިދާޅު އެވެ.
އޭނާ ވިދާޅުވީ ތާޑް ޕާޓީ އިންޝުއަރެންސް ދިނުމަށް ހަތަރު ކުންފުންޏެއް ރަޖިސްޓްރީ ކޮށްފައިވާ ކަމަށާއި، އެ ހަތަރު ކުންފުނިން ވެސް އިންޝުރެންސް ޕެކޭޖް ވިއްކުމުގަ ތަފާތެއް ނުހުންނާނެ ކަމަށެވެ. ރާއްޖެ އަށް މުޅިން އަލަށް ތައާރަފް ކުރާ ކަމަކަށް ވާތީ ވަރަށް ގިނަ އުނދަގޫ ތަކެއް ދިމާ ވެދާނެ ކަމަށް ވެސް ނާފިޒު ވިދާޅުވި އެވެ.
ތާޑް ޕާޓީ އިންޝުރެންސް ގެ ޚިދުމަތް ދޭ ފަރާތެއް ކަމަށްވާ އަމާނާ ތަކާފުލްގެ ސީނިއާ ސޭލްސް އެގްޒެކެޓިވް އަބްދުﷲ މުރުޝިދު ވިދާޅުވީ އެކްސިޑެންޓެއް ހިނގާ ވަގުތު ލަސްނުކޮށް އެކަން ފުލުސް އޮފީހަށް އަންގަން ޖެހޭނެ ކަމަށާއި، ޕޮލިހުން އެކަމެއް ތަހްޤީގު ކުރުމަށް ފަހު ރިޕޯޓް ހުށަހެޅުމުން ކުންފުނިން ބަދަލް ދިނުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
"ޕޮލިހުން ރިޕޯޓް ހުށަހެޅުމުން އެއަށް ބަލާފައި އަޅުގަނޑުމެން ނިންމާނީ ކޮން ފަރާތެއް ކަން ކުށްވެރި ވަނީ، ކުށްވެރިވާ ފަރާތަކުން މި ޖެހެނީ އެކަމަށް ޒިންމާ ވާން، އެ ހިސާބުން އިންޝުއަރެންސް ކުންފުނީގެ މަސައްކަތް ފެށޭނީ. އަދި ޕޮލިސް ރިޕޯޓާ އެކު އަޅުގަނޑުމެން ބޭނުން ވާނެ އުޅަނދުގެ ވެރިފަރާތުގެ ސިޓީ އަކާއި މާލެ ސިޓީ ކައުންސިލްގަ ރެޖިސްޓްރީ ކޮށްގެން ހިންގާ ތިން ގަރާޖެއްގެ ކޯޓޭޝަން ވެސް" މުރުޝިދު ވިދާޅު ވިއެވެ.
ތާޑް ޕާޓީ އިންޝުރެންސް ނުކުރާ އެއްވެސް އުޅަނދެއް އަންނަ މަހުގެ 11 ވަނަ ދުވަހުގެ ފަހުން ދުއްވާ ނަމަ އެ އުޅަނދެއް 750ރ. އިން ޖުރިމަނާ ކުރާނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ އިއުލާން ކޮށްފައެވެ.