20 Sep 2012, 14:43
ޔޫއޭއީގައި އަންނަ މަހުގެ އެއްވަނަ ދުވަހު ފަށާ އޭސީސީ އެލީޓް ކުރިކެޓް މުބާރާތުން ރާއްޖެއަށް ރީތި ނަމެއް ހޯދާދިނުމަށް ގައުމީ ކުރިކެޓް ޓީމްގެ ކިބައިން ކުޅިވަރާ ބެހޭ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފް (މޮންދޮ) އެދިވަޑައިގެންފި އެވެ.
ޔޫއޭއީ ގައި އޮންނަ މި މުބާރާތުގެ ކުރިން މިމަހުގެ 22 ވަނަ ދުވަހު ގައުމީ ޓީމު ސްރީލަންކާއަށް ތަޖުރިބާގެ ދަތުރެއްކޮށް އެގައުމުގެ ބައެއް ޓީމުތަކާ ދެކޮޅަށް މެޗުތަކެއް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.
މި މުބާރާތައް ގައުމީ ކްރިކެޓް ޓީމް ފުރުމުގެ ކުރިން ޓީމާ އެކު މިނިސްޓަރު މިދިޔަ ހޯމަ ދުވަހުގެ ރޭ ރޯޔަލް ޕާކް ރެސްޓޯރަންޓުގައި ބޭއްވި ބައްދަލުވުމުގައި އެ މުބާރާތުގައި ވާދަކުރާ ގައުމީ ކްރިކެޓް ޓީމުގެ ކުޅުންތެރިންނަށް ޓީމުގައި ހިމެނުމުގެ ސެޓްފިކެޓް މިނިސްޓަރު ވަނީ ދެއްވާފަ އެވެ.
މިބައްދަލުވުމުގައި ކުޅުންތެރިންނާ މުހާތަބުކުރައްވާ މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި ގައުމީ ކްރިކެޓް ޓީމް މީގެކުރިން ވެސް ހޯދާފައިވާ މަތިވެރި ކާމިޔާބީތަކާ އޭގެ ސަބަބުން ގައުމަށް ލިބިފައިވާ ރީތި ނަން ފާހަގަކުރައްވާ މިމުބާރާތުގައި ވެސް ޓީމުން އެފަދަ ކާމިޔާބީތަކެއް ހޯދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ. އަދި ގައުމު ތަމްސީލުކުރުމަކީ ފަހުރެއް ކަމުގައި ދެކިގެން މަތިވެރި އަހްލާގެއް ދެމެހެއްޓުމަށާއި ހިތްމަތާއި މިންނަތާއެކު އޮފިޝަލުން ދެއްވާ މަތިވެރި އިރުޝާދު ކަނުލާ އަޑުއަހައިގެން ކުޅުމުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް ކޮންމެ ކުޅުންތެރިއެއް ވެސް މަސައްކަތްކުރުމަށް ނަސޭހަތްތެރިވެވަޑައިގަތެވެ. އަދި ރާއްޖޭގައި ކްރިކެޓް ކުރިއެރުވުމަށް ސަރުކާރުން އިތުރު މަސައްކަތްތަކެއް ކުރިކެޓް ބޯޑާ ގުޅިގެން ކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިފަހަރުގެ މުބާރާތުގައި ވާދަކުރުމަށް ގައުމީ ކުރިކެޓް ސްކޮޑަށް 14 ކުޅުންތެރިއަކު ނެގި އިރު އެތަނުން ތިން ކުޅުންތެރިން ނަކީ އަލަށް ސްކޮޑަށް ނެގި ކުޅުންތެރިންނެވެ.
މުބާރާތުގައި ވާދަކުރުމަށް ރާއްޖެ ޓީމަށް ނެގި ސްކޮޑުގައި ޓީމުގެ ކެޕްޓަނެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ މޫސާ ކަލީމެވެ. އަދި ޓީމުގެ ވައިސް ކެޕްޓަނަކަށް ހަމަޖައްސާފައި ވަނީ އަހުމަދު އަފްޒަލް ފާއިޒެވެ.
ރާއްޖެ ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ އަބްދުﷲ ސާހިދު، މުހައްމަދު މަހުފޫޒް، އަހުމަދު ނަސީމް ނާސިރު، އިސްމާއީލް ނިހާދު، އިޝާން، ހުސާމް އިބްރާހިމް، ސަފްރާޒް ޖަލީލް، މިއުސަން ހާމިދު، މުހައްމަދު ރިސްވާން، ހަސަން އިބްރާހިމް، މުހައްމަދު އާޒަމް އަދި އަހުމަދު އަމީލް މައުރޫފު އެވެ.
ރާއްޖެޓީމުގެ މެނޭޖަރަކަށް ފަރުހަތު ޖަލީލް ހަމަޖައްސާފައިވާއިރު، ޓީމުގެ ކޯޗަކީ އަވައްޓެރި ލަންކާގެ ކޯޗެއް ކަމަށްވާބެރެންޑޮން ކުރުއްޕު އެވެ.
ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ މިމުބާރާތުގައި ރާއްޖެ މިފަހަރު ހިމެނުނީ ގްރޫޕް އޭ ފަޅިގައެވެ. އެގޮތުން ރާއްޖެއާއެކު މިގްރޫޕްގައި ދެން ހިމެނޭ އަނެއް ހަތަރު ގައުމަކީ އަފްގާނިސްތާން، މެލޭޝިޔާ، އޮމާން އަދި ބޫޓާނެވެ. މުބާރާތުގެ ގްރޫޕް ބީގައި ވާދަކުރާ ގައުމުތަކަކީ ނޭޕާލް، ހޮންކޮން، ޔޫއޭއީ ސައުދިއަރަބިއްޔާ އަދި ކުވައިތެވެ.
މުބާރާތުގައި ވާދަކުރުމަށް މިމަހުގެ 30 ވަނަ ދުވަހު ރާއްޖޭގެ ޓީމް ޔޫއޭއީ އަށް ފުރުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ބައްދަލުކުރާނީ ބޫޓާނާ ދެކޮޅަށެވެ. އަދި ދެ ވަނަ މެޗުގައި އަންނަ މަހުގެ ހަ ވަނަ ދުވަހު އަފްގާނިސްތާނާ ދެކޮޅަށް ނިކުނައިރު، ރާއްޖެ ކުޅޭ ތިން ވަނަ މެޗުގައި އަންނަ މަހުގެ ހަތް ވަނަ ދުވަހު ނިކުންނާނީ މެލޭސިޔާއާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖްގައި ރާއްޖެ ކުޅޭ ފަހު މެޗުގައި އަންނަ މަހުގެ ނުވަ ވަނަ ދުވަހު ރާއްޖެ ނިކުންނާނީ އޮމާންއާ ދެކޮޅަށެވެ.