06 Sep 2010, 07:42
ގިނަ ފަނޑިޔާރުންތަކަކާ ބެހޭ ޝަކުވާތަކެއް ހުށަހެޅުމުން ބަލައި ނުދިން ކަމަށް ބުނެ ޖުޑީޝަލްސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މައްޗަށް އަމިއްލަ ކުންފުންޏަކުން މިއަދު ދައުވާއެއް ކޮށްފި އެވެ. މި ދައުވާ ޖުޑީޝަލް ސާވިސް ކޮމިޝަންގެ މައްޗަށް ކުރީ ޓްރެޝާ އައިލެންޑް ގެ ފަރާތުންނެވެ.
މިއީ ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މައްޗަށް މިފަދަ ދައުވާއެއް ކުރި ފުރަތަމަ ފަހަރެވެ.
އެ ކުންފުނިން ޖުޑީޝަލް ސާވިސް ކޮމިނުގެ މައްޗަށް އުފުލި ދައުވާގައި ބުނަނީ 8 ޖުލައި 2008ގައި ފަނިޔާރުންތަކަކާ ބެހޭ ތިން ޝަކުވާއެއް ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހުށަހެޅުމުން ބަލައި ނުދީ ދޫކޮށްލުމުގެ އިތުރުން އެއީ ކޮމިޝަނުގެ މަސްއޫލިއްޔަތެއް ނޫން ކަމަށް ޖަވާބު ދީފައިވާ ކަމަށެވެ.
އެ ކުންފުނިން ބުނީ ފަނޑިޔާރުންގެ މައްސަލަތައް ބެލުމަކީ ކޮމިޝަނުގެ މަސްއޫލިއްޔަތެއް ނޫން ކަމަށް ބުނުމާއި އެއީ ގާނޫނާ ހިލާފަށް ދީފައިވާ ޖަވާބެއް ކަމަށްވާ އިރު ފަނޑިޔާރުންގެ ޝަކުވާތައް ބެލުމަކީ ކޮމިޝަނުގެ މަސްއޫލިއްޔަތެއް ނޫންކަން ކޯޓުގައި ކޮމިޝަނުން ސާބިތުކޮށްދޭން ޖެހޭނެ ކަމަށެވެ.
ޓްރެޝާ އައިލެންޑުން ބުނީ މި ދައުވާ ކޮށްފައި ވަނީ ކޮމިޝަނުން ގާނޫނު އަސާސީގެ 142 ވަނަ މާއްދާއާ ހިލާފަށް ޖަވާބެއް ދީފައިވާތީ ގާނޫނު އަސާސީގެ 159 ވަނަ މާއްދާގެ (ށ) އާއި 160 ވަނަ މާއްދާއާ ހަވާލާދީ ކަމަށެވެ.
ޓްރެޝާ އައިލެންޑުން މި ދައުވާ ކުރުމުން އެ ކޮމިޝަނުން މިއަދު ކޯޓުގައި ބުނީ ޖަވާބު ދިނުމަށް ފުރުސަތަކަށް އެދޭ ކަމަށެވެ.