ދެކުނު އެމެރިކާގެ ތިން ގައުމުކަމަށްވާ އެމްރިކާ، ކެނެޑާ އަދި މެކްސިކޯގައި މިހާރު ފެށިގެން ކުރިއަށްދާ ފީފާ ވޯލްޑް ކަޕް 2026 ގައި ޖޯޑަން ކުޅުނު ފުރަތަމަ މެޗުން އޮސްޓްރިއާ އަތުން 3-1 ގެ ނަތީޖާއަކުން ބަލިވެއްޖެއެވެ.

އެމެރިކާގެ ލެވީސް ސްޓޭޑިއަމްގައި މިއަދު ހެނދުނު ކުޅުނު "ގްރޫޕު ޖޭ" ގެ މި މެޗަކީ ޖޯޑަންގެ ވޯލްޑް ކަޕް ތާރީހުގައި އެ ގައުމުން ކުޅުނު ފުރަތަމަ މެޗެވެ.

މެޗުގެ ފުރަތަމަ ހާފުގައި އޮސްޓްރިއާ އިން ވަނީ ބޯޅަ ހިފަހައްޓައިގެން ގިނަ ވަގުތު ކުޅެފައެވެ. އެގޮތުން މެޗުގެ 20 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ރޮމާނޯ ޝްމިޑް ވަނީ އޮސްޓްރިއާއަށް ލީޑު ނަގައިދީފައެވެ.

ނަމަވެސް ދެވަނަ ހާފު ފަށައިގެން ފަސް މިނެޓުގެ ތެރޭގައި ޖޯޑަންގެ އަލީ އޮލްވާން ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. މިއީ ވޯލްޑް ކަޕް ތާރީހުގައި ޖޯޑަނުން ކާމިޔާބުކުރި ފުރަތަމަ ގޯލެވެ.

އޮސްޓްރިއާ އިން އަލުން ލީޑު ހޯދީ މެޗުގެ 76 ވަނަ މިނެޓުގައެވެ. މިއީ ސަބިޓްޒާ ނަގައިދިން ކޯނަރެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ޖޯޑަންގެ ޑިފެންޑަރު ޔަޒާން އަލް އަރަބް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އަދި މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ތަޖުރިބާކާރު ފޯވާޑް މާކޯ އާނަޓޮވިޗް ވަނީ އޮސްޓްރިއާގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

އޮސްޓްރިއާ އަކީ މީގެ ކުރިން ހަތް ފަހަރަކު ވޯލްޑް ކަޕްގައި ވާދަކޮށްފައިވާ ޓީމެކެވެ. ނަމަވެސް މިއީ 1998 ވަނަ އަހަރަށްފަހު އެ ގައުމުން ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން ޖޯޑަން އަކީ ފަހަކަށް އައިސް އޭޝިއާގައި ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ ޓީމެކެވެ. އެގޮތުން އެ ޓީމުން ވަނީ 2023 ވަނަ އަހަރުގެ އޭޝިއަން ކަޕްގެ ފައިނަލްގައި ކުޅެފައެވެ.

މި ގްރޫޕުގައި ދެން ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އާއި އަލްޖީރިއާ އެވެ. މި ގްރޫޕުގެ އަނެއް މެޗުގައި އާޖެންޓީނާ ވަނީ ލިއޮނެލް މެސީގެ ހެޓްރިކާއެކު 3-0 އިން އަލްޖީރިއާ ބަލިކޮށްފައެވެ.