ވިއެޓްނާމުގައި މަހުގެ ބޭނުމަށް ވަގަށް ނަގާފައިވާ 400 އަށްވުރެ ގިނަ ބުޅާ ސަލާމަތްކޮށްފި
ވިއެޓްނާމުގައި މަހުގެ ބޭނުމަށް ވަގަށް ނަގާފައިވާ 400 އަށްވުރެ ގިނަ ބުޅާ ސަލާމަތްކޮށްފި

ވިއެޓްނާމުގައި ކަތިލުމަށްޓަކައި ވަގަށް ނަގާފައިވާ 400 އަށްވުރެ ގިނަ ބުޅާ، އެ ގައުމުގެ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ސަލާމަތްކޮށްފިއެވެ.

ޖަނަވާރުންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތަކުން ބުނި ގޮތުގައި، މިއީ ބުޅާ ވަގަށް ނެގުމުގެ ބޮޑު ވިއުގައެއް ހުއްޓުވުމަށް ހިންގި ކާމިޔާބު އޮޕަރޭޝަނެކެވެ. މި މައްސަލައިގައި މިހާތަނަށް ނުވަ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ހޯ ޗީ މިން ސިޓީގެ ފުލުހުންގެ ރަސްމީ ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުން، ހައްޔަރުކުރި މީހުންނަކީ ބުޅާ ވަގަށް ނެގުމާއި އެއްކުރުމަށް ޚާއްސަވެފައިވާ ކުށްކުރާ ގްރޫޕެކެވެ. ފުލުހުން މި ގްރޫޕް ހޯދާފައިވަނީ، ހޯ ޗީ މިން ސިޓީގައި އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރުތައް ވަގަށް ނަގަމުންދާ މައްސަލަތަކެއް ތަހުގީގުކުރުމަށްފަހު، މި މަހުގެ 11 ވަނަ ދުވަހުއެވެ.

ފާއިތުވި ހަފުތާގައި ޓޭ ނިން ޕްރޮވިންސާއި ހޯ ޗީ މިން ސިޓީގައި ހިންގި ރޭޑުތަކުގައި، ދިރިހުރި 400 އަށްވުރެ ގިނަ ބުޅަލުގެ އިތުރުން، އައިސްކޮށްފައިވާ 80 ވަރަކަށް މަރުވެފައިވާ ބުޅާ ފެނިފައިވެއެވެ. އަދި އެހެން ތަނެއް ބަލައި ފާސްކުރުމުގެ ތެރޭގައި އިތުރު 21 ބުޅާ ވަނީ ހޯދާފައެވެ.

ފުލުހުން ބުނި ގޮތުގައި، ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި ވިއެޓްނާމުގެ ދެކުނުގެ ސަރަހައްދުތަކުން ބުޅާ ހިފައި، އެއްކުރަމުންދިޔަ ކަމަށް ތުހުމަތުކުރެވޭ މީހުން ވަނީ އެކަމަށް އެއްބަސްވެފައެވެ. ވަގަށް ނަގާ ބުޅާތައް ވަގުތީ ތަންތަނުގައި ބޭތިއްބުމަށްފަހު، ކޮންމެ ދެ ދުވަހަކުން ނުވަތަ ތިން ދުވަހަކުން ވިޔަފާރިވެރިންނަށް ވިއްކަމުންދިޔަ ކަމަށް ތަހުގީގަށް ވަނީ އެނގިފައެވެ.

ވަގަށްނާގަފައިވާ ބުޅާތަކުގެ ތެރެއިން 40 ބުޅާ ވަނީ ވެރިފަރާތާ ހަވާލުކޮށްފައި. ފޮޓޯ/ހޯޗީ މިން ސިޓީ ޕޮލިސް

'ހިއުމޭން ވޯލްޑް ފޯ އެނިމަލްސް' އިން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސަލާމަތްކުރި ބުޅާތަކުގެ ތެރެއިން 40 ވަރަކަށް ބުޅާ މިހާރު އޭގެ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް، ލިބުނު އަނިޔާތަކާއި އުނދަގޫތަކުގެ ސަބަބުން ބައެއް ބުޅާތައް މަރުވެފައިވާ ކަމަށް އެ ޖަމާއަތުން ފާހަގަކުރިއެވެ.

މި މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު، ހެކީގެ ގޮތުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި ޖަނަވާރުތަކަށް ބޭނުންވާ ކާނާއާއި އެހެނިހެން ތަކެތި ފޯރުކޮށްދެމުންދާ ކަމަށް އެނިމަލް ވެލްފެއާ ގްރޫޕުން ވަނީ ބުނެފައެވެ. ފުލުހުން ވަނީ، އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރެއް ގެއްލިފައިވާނަމަ، ފެނިފައިވާ ޖަނަވާރުތައް ދެނެގަތުމަށް އެހީތެރިވުމަށް އާންމުންނަށް ގޮވާލާފައެވެ.

ވިއެޓްނާމުގައި ކުއްތާއާއި ބުޅަލުގެ މަސް ކެއުމަކީ ގާނޫނީ ގޮތުން ހުއްދަ ކަމެކެވެ. ނަމަވެސް، އެ ތަކެތި ވިއްކާ ފަރާތްތަކުގެ އަތުގައި، އެ ޖަނަވާރުތައް ހޯދި ގޮތް އަންގައިދޭ ހުއްދަތައް އޮންނަން ޖެހެއެވެ. 'ހިއުމޭން ވޯލްޑް ފޯ އެނިމަލްސް' އިން އަންދާޒާކުރާ ގޮތުގައި، ވިއެޓްނާމުގައި ކޮންމެ އަހަރަކު ފަސް މިލިއަން ކުއްތާއާއި އެއް މިލިއަން ބުޅާ ހިފައި، ވަގަށް ނަގައި، ވިޔަފާރިކޮށް، މަހުގެ ބޭނުމަށް ކަތިލައެވެ. ގޭބިސީތަކުން އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރުތައް ވަގަށް ނެގުމަށް، ވިހަލާފައިވާ ކާނާއާއި، ކަރަންޓު ދޭ ހަތިޔާރާއި، ދަގަނޑު އާލާތްތަކުގެ އިތުރުން މަޅި ފަދަ ތަކެތި ބޭނުންކުރާ ކަމަށް އެ ޖަމާއަތުން ބުނެއެވެ.

އޭޝިއާގެ އެހެން ގައުމުތަކާ އަޅައި ބަލާއިރު، ވިއެޓްނާމުގައި ކުއްތާއާއި ބުޅަލުގެ މަސް ކެއުން އާންމު ނަމަވެސް، މިހާރު މީހުންގެ ވިސްނުން ބަދަލުވަމުން އަންނަ ކަމަށް ކެމްޕެއިންކުރާ ފަރާތްތަކުން ބުނެއެވެ. އެގޮތުން 2023 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާ ގޮތުގައި، ޚާއްސަކޮށް ޒުވާނުންނާއި އޮޅު ޖަނަވާރު ގެންގުޅޭ މީހުންގެ މެދުގައި މިކަމާ ދެކޮޅުހެދުން ވަނީ އިތުރުވެފައެވެ. އަދި ގިނަ ބަޔަކު މި ވިޔަފާރި މަނާކުރުމަށް ތާއީދުކުރެއެވެ.