ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލުތައް ފާސްކުރަނީ ބިލުތަކަށް އެކަށީގެންވާ ވަރަށް ބަހުސްނުކޮށް، ދިރާސާކުރުމެއްވެސް ނެތި ކަމަށާއި، މިއަދު ފެންނަނީ އޭގެ ހިތި ނަތީޖާ ކަމަށް، ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މަޢުރޫފް ޛާކިރު މިއަދު ވިދާޅުވެއްޖެއެވެ.

އިންސާނުންގެ ގުނަވަންތައް ޓްރާންސްޕްލާންޓްކުރުމުގެ ބިލު ތަސްދީގުނުކުރައްވައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ ބިލު މިދިޔަ މެއި މަހުުގެ 31ވަނަ ދުވަހު އަނބުރާ ފޮނުވައިލައްވައިފައެވެ.

ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީފުޅެއްގައި އެމަނިކުފާނު ވަނީ، ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު އަނބުރާ ފޮނުވައިލެއްވީ ގައިދީންނަކީ ފުރިހަމަ ރުހުމާއެކު ގުނަވަން ހަދިޔާކުރާނެ ބައެއް ކަމުގައި ފެނިވަޑައިނުގަންނަވާތީ ކަމަށް ލިޔުއްވައިފައެވެ.

ރައީސްގެ ސިޓީފުޅަށް އިޝާރާތްކުރައްވައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަޢުރޫފް ވިދާޅުވީ، ސަރުކާރުން ފޮނުވާ ބިލުތައް މަޖިލީހުގެ ކޮމިޓީތަކުގައި އެކަށީގެންވާ ގޮތެއްގައި ދިރާސާނުކުރާ ކަމަށެވެ.

އެގޮތުން ބިލުތަކަށް ބަހުސްކޮށް ބިލުތަކާ މެދު މަޝްވަރާނުކުރާ ކަމަށާއި، ޕީއެންސީގެ ސާފު އަޣުލަބިއްޔަތު އޮންނަ މަޖިލީހުން މަސައްކަތްކުރަނީ ބަންޑާރަނައިބަށާއި ވަޒީރުންނަށް ގުޅައި، ބިލުތައް އަވަހަށް ނިންމޭތޯ ކަމަށް، މަޢުރޫފް ވިދާޅުވިއެވެ. މިއަދު މި ފެންނަނީ އޭގެ ނަތީޖާ ކަމަށް، މަޢުރޫފް ވިދާޅުވިއެވެ.

ގުނަވަންތައް ޓްރާންސްޕްލާންޓްކުރުމުގެ ބިލު އޮތީ، މަޢުރޫފް ސިފަކުރެއްވިގޮތުގައި، ގާނޫނުތައް ހަދައި ތަންފީޒުކޮށް ނުނިމެނީސް ބައެއްގެ ގުނަވަން ނަގާ ހާލަތުގައެވެ.

"ކޮމިޓީތަކުގައި ރަނގަޅަށް ދިރާސާއެއް ނުކުރޭ، ކަމާބެހޭ ފަރާތްތަކެއް ހާޒިރެއް ނުކުރޭ، ކޮމިޓީތަކުގައި އަނގައިން ބުނާ މީހަކު ނޫޅޭ، ތަޅުމުގައި ފްލޯގައި ހުއްދަދީފިއްޔާ ނޫނީ އަނގައިން ބުނާ މީހަކު ނޫޅޭ،" މަޢުރޫފް ވިދާޅުވިއެވެ.