ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބެލެނިވެރިޔާ، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސްކަމަށް އަލުން އައްޔަންކުރި މުޙައްމަދު ނިޒާރަށް ރުހުން ހޯދަން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.

ނިޒާރު އެ މަގާމަށް އައްޔަންކުރީ، ޕީސީބީގެ ކުރީގެ ރައީސް މުޙައްމަދު އަނަސް މިދިޔަ އޭޕްރިލް މަހުގެ 30ވަނަ ދުވަހު މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.

ނިޒާރަށް ރުހުން ހޯދަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސިޓީފުޅު ފޮނުއްވީ މިދިޔަ މެއި މަހުގެ 21ވަނަ ދުވަހެވެ. އެ ސިޓީ އިއްވީ މިއަދުގެ ޖަލްސާގައެވެ.

ނިޒާރުގެ ނަން ދިރާސާކުރުމަށްޓައި ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ހިއްސާވާ ކުންފުނިތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.

ނިޒާރަކީ ބައިނަލްއަގުވާމީ ވިޔަފާރި، ކޯޕަރޭޓް މެނޭޖްމަންޓް އަދި ދައުލަތުގެ އިދާރާތައް ހިންގުމުގެ ދާއިރާއިން 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

ނިޒާރު ވަނީ، 2014ވަނަ އަހަރުން ފެށިގެން 2019އަށް ޕީސީބީގެ ރައީސްކަން މީގެ ކުރިން ކުރައްވައިފައެވެ.

ސަރުކާރުގެ ޓްރޭޑް ކުންފުނި އެސްޓީއޯގައި 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައި، އެ ކުންފުނީގެ މުހިންމު ދާއިރާތަކުގެ ޖެނެރަލް މެނޭޖަރުކަމާއި ޑެޕިއުޓީ ޑިރެކްޓަރުކަން ފަދަ އިސް މަގާމުތައް ނިޒާރު ފުރުއްވިއެވެ.

އޭނާ ވަނީ، ސަޕްލައި ޗެއިން ހަރުދަނާކުރުމާއި، ބައިނަލްއަގުވާމީ ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުން ފަދަ އިސްތިރާޖީ މުހިންމު މަޝްރޫއުތަކުގައި ބައިވެރިވެވަޑައިގެންފައެވެ.

މީގެ އިތުރުން، މޯލްޑިވް ގޭހާއި މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑް ފަދަ ކުންފުނިތަކުގެ ބޯޑު މެންބަރުކަން ވެސް އޭނާ ފުރުއްވައިފައިވެއެވެ.

ނިޒާރަކީ ޔުނިވާސިޓީ އޮފް ސައުތު އޮސްޓްރޭލިއާއިން އެމްބީއޭ، އަދި ގްރެޖުއޭޓް ސެޓްފިކެޓުން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

މީގެ އިތުރުން، ކޯޕަރޭޓް ގަވަނަންސާއި ދައުލަތުގެ ކުންފުނިތައް ހިންގުމާ ގުޅޭ ބައިނަލްއަގުވާމީ ގިނަ ތަމްރީނު ޕްރޮގްރާމްތަކާއި މަތީ ފަންތީގެ ފޯރަމްތަކުގައި ބައިވެރިވެވަޑައިގެންފައިވެސް ވެއެވެ.