20 Sep 2012, 14:20
ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދައިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.
އިބްރާހިމް ރަޝީދު (ބޮންޑޭ) ގެ މައްޗަށް ދައުލަތުގެ ފަރާތުން ދައުވާކުރަނީ އެމްޑީޕީން މާލޭގައި ޖުލައި 30 ގައި ބޭއްވި ސައިކަލް ބުރެއްގައި ފުލުހަކަށް ހަމަލާދީ ފުލުހުންގެ ވާޒިބަށް ހުރަސްއަޅައިފައިވާ ކަމުގެ ތުހުމަތުގަ އެވެ.
އެމްޑީޕީގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުގައި ބޮންޑޭގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް އަންނަ މަހުގެ 17 ގައި ބޭއްވުމަށް ވަނީ ސެޑިލްކޮށްފަ އެވެ. އެމައްސަލައިގެ ޝަރީއަތަށް ހާޒިރުވާން ބޮންޑޭއަށް ކޯޓުން ޗިޓު ފޮނުވައިފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.
އިބްރާހިމް ރަޝީދު މިއަދު ވިދާޅުވީ އޭނާގެ މައްޗަށް ދައުލަތުގެ ފަރާތުން ކުރާ އެދައުވާއާ ގުޅިގެން ބާއްވާ ޝަރީއަތުގެ މަޖިލީހަށް ހާޒުރުވުމަށް މިދިޔަ އަންގާރަ ދުވަހު ޗިޓު ފޮނުވާފައިވާ ކަމަށެވެ. " ކޯޓުން ފޮނުވާފައިވާ ޗިޓުގައި ބުނެފައިވަނީ ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި ފުލުހަކަށް ހަމަލާދިން ކަމުގެ ދައުވާ،" ބޮންޑާ ވިދާޅުވި އެވެ.
ބޮންޑޭގެ މައްޗަށް ދައުވާ ކުރަން ފުލުހުން މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި އެމައްސަލަ ޕީޖީއަށް ހުށަހަޅާއިފައިވާ އޭނާގެ މައްޗަށް ވަރަށް ގިނަ ތުހުމަތު ތަކެއް ފުލުހުން ވަނީ ކޮށްފަ އެވެ. އޭނާގެ މައްޗަށް ފުލުހުން ކުރާ ތުހުމަތުތަކުގެ ތެރޭގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމާއި ފުލުހުންނާއި މެދު މާރާމާރީ ހިންގުމާއި އަމަން ނަގާލަން މަސައްކަތް ކުރުމާއި އިންޒާރުދިނުން ހިމެނެވެ.