ކްލަބް މޯލްޑިވްސް އިން ރާއްޖޭގެ ފުޓްސަލްގެ ޗެމްޕިއަނުންނަށް ހާއްސަކޮށްގެން ބޭއްވި "ކިންގްސް ކަޕް 2026" ގެ ފޯރިގަދަ ފައިނަލް މެޗުގައި ކްލަބް ހޯކްސްގެ މައްޗަށް ކުރިހޯދައި، ސްޓެލްކޯ ރިކްރިއޭޝަން ކްލަބުން ޗެމްޕިއަންކަން ހޯދައިފިއެވެ.

ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު މި ފައިނަލް މެޗު ސްޓެލްކޯއިން ކާމިޔާބުކުރީ 7-4 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މި ޝަރަފުވެރި ކާމިޔާބީއާއެކު، ފާއިތުވި ދެ އަހަރުގެ އޮފީސް ލީގުގެ ޗެމްޕިއަންކަންވެސް ހޯދާފައިވާ ސްޓެލްކޯއިން ވަނީ ރާއްޖޭގެ ފުޓްސަލްގެ އެންމެ އުހަށް ދަތުރުކޮށް، އެޓީމުގެ ވަރުގަދަކަން ސާބިތުކޮށްދީފައެވެ.

ފޯރިގަދަ އަދި އެހާމެ ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ.

ފުރަތަމަ ހާފުގައި ހޯކްސްއަށް ނަތީޖާ ހަމަހަމަކޮށްދިނީ ލިބުނު ދުރު ޕެނަލްޓީއަކުން އެޓީމުގެ ތަރި މުހައްމަދު ފާސިރު (ފާއްޓެ) އެވެ. ނަމަވެސް، ދެވަނަ ހާފު ފަށައިގެން ސްޓެލްކޯއިން ކުޅުން ވަރުގަދަކޮށް، އަލުން ލީޑު ނަގައި މެޗުގެ ކޮންޓްރޯލް ހޯދިއެވެ.

މި ހާފުގައި ސްޓެލްކޯގެ ކުޅުންތެރިންގެ ފަރާތުން ފެނުނީ އާދަޔާ ހިލާފު ކުޅުމެކެވެ. އެގޮތުން އެޓީމުގެ މުހައްމަދު ނަޒާމް، ޝުއައިދު ސައީދު، އަދި މުބާރާތުގެ ސުލްތާން އޮފް ފުޓްސަލްގެ މަގާމު ހޯދި އިބްރާހީމް ރިމާހު ކުރެ ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހިއިރު، ބާކީ ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު ސިރުހާންއެވެ.

މެޗުގެ ފަހުބައިގައި ހޯކްސްއިން ލީޑު ކުޑަކުރުމަށްޓަކައި "ޕަވަރ ޕްލޭ" އަށް ބަދަލުކޮށްގެން ކުޅެމުންދަނިކޮށް، ސާދު މުހައްމަދު ނިޒާމުގެ ގޯލާއެކު ނަތީޖާ 4-3 އަށް ހަނިކުރިއެވެ.

މެޗުގެ އެންމެ ހޫނުގަދަ ދަނޑިވަޅަކަށްވީ، ހޯކްސްގެ ހަމަލާއެއްގައި ސްޓެލްކޯގެ ކުޅުންތެރިއެއްގެ އަތުގައި އޭރިޔާ ތެރެއިން ބޯޅަ ޖެހުނު ކަމަށް ބުނެ ހޯކްސްއިން ޕެނަލްޓީއަކަށް އެޕީލްކުރި ވަގުތެވެ. ނަމަވެސް ރެފްރީ ޕެނަލްޓީ ނުދިނުމުން އުފެދުނު ހިތްހަމަނުޖެހުންތަކުގައި، ރެފްރީއަށް ފާޑުކިޔުމުން ހޯކްސްގެ ދެ އޮފިޝަލަކަށް ރަތް ކާޑު ދެއްކިއެވެ.

އެއާއެކު ލިބުނު ފުރުސަތުގައި ސްޓެލްކޯއިން ވަނީ ކައުންޓަ އެޓޭކެއްގައި ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. މެޗުގެ ފަހު މިނެޓުގައި ސްޓެލްކޯއިން ވަނީ ހޯކްސްގެ ހުސް ގޯލުގެ ބޭނުން ހިފައި އިތުރު ދެ ގޯލު ޖަހައި މެޗު ކާމިޔާބުކޮށްފައެވެ.

ހޯކްސްއިން ޖެހި އަނެއް ގޯލުތައް ކާމިޔާބުކުރީ ދެ ގޯލު ޖެހި ސާދުގެ އިތުރުން ހޫދު އަހުމަދު ފަތުހީއެވެ.

ސްޓެލްކޯ ވަނީ ކުއާޓާ ފައިނަލުގައި ވަރުގަދަ އެމްޓީސީސީ ބަލިކޮށްފައެވެ. އަދި ސެމީ ފައިނަލުގައި އެޓީމު ކުރިއަށްދިޔައީ ފޯރިގަދަ ޕެނަލްޓީ ޝޫޓްއައުޓެއްގައި ކޯރާ ކޯރާ މޯލްޑިވްސްގެ މައްޗަށް ކުރިހޯދައިގެންނެވެ.

މިއަހަރުގެ ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަނުގައި ޖުމްލަ ހަތް މުބާރާތެއް ބޭއްވުމަށް ތާވަލުކޮށްފައިވާއިރު، ކިންގްސް ކަޕަކީ މިއަހަރު ނިމިގެންދިޔަ ފުރަތަމަ މުބާރާތެވެ.