ދަރުމާގެ ފުރަތަމަ މަޅަޔާލަމް ފިލްމު އިއުލާނުކޮށްފި
ދަރުމާގެ ފުރަތަމަ މަޅަޔާލަމް ފިލްމު އިއުލާނުކޮށްފި

ބޮލީވުޑްގެ އެންމެ ވަރުގަދަ އެއް ފިލްމު ކުންފުނި ކަމަށްވާ ދަރުމާ ޕްރޮޑަކްޝަންސްއިން އުފައްދާ ފުރަތަމަ މަޅަޔާލަމް ފިލްމު އިއުލާނުކޮށްފިއެވެ.

ދެކުނު އިންޑިއާގެ ކުޅަދާނަ އެކްޓަރު އަދި ފިލްމު ޕްރޮޑިއުސަރު ޕްރިތުވީރާޖް ސުކުމާރަން ކޯ-ޕްރޮޑިއުސްކޮށް، ރާހުލް ސަދާސިވަން ޑައިރެކްޓްކުރާ މި ފިލްމުގެ ނަމަކީ "އޮޑިޔަން: ދަ އޭޖް އޮފް އިލޫޝަން"އެވެ.

ޕްރިތުވީރާޖް އަދި ދެކުނު އިންޑިއާގެ ބަތަލާ މަންޖޫ ވާރިއާ ލީޑް ރޯލްތަކުން ފެންނާނެ މި ފިލްމަކީ، 19 ވަނަ ގަރުނުގެ ކެރެލާގެ ފޯކްލޯރާއި ސަގާފީ ގަބޫލުކުރުންތަކުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެއް ކަމަށް މީޑިއާ ރިޕޯޓުތަކުން ވަނީ ބުނެފައެވެ. އެގޮތުން ފިލްމުގެ މައިގަނޑު ވާހަކަ ބިނާކޮށްފައިވަނީ، ކެރެލާގެ ފޯކްލޯރުގައި ކިޔައިއުޅޭ، ސިފަބަދަލުކުރުމުގެ ކުޅަދާނަކަން ލިބިފައިވާ 'އޮޑިޔަން'އެއްގެ މައްޗަށް ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ.

ނުފޫޒުގަދަ އާއިލާއަކަށް މި އޮޑިޔަންގެ ނުރައްކާތެރިކަން ކުރިމަތިވުމާ އެކު، ހަގީގަތާއި ވަހުމުގެ މެދުގައި ހިނގާ ވަރުގަދަ ހަނގުރާމައެއް މި ފިލްމުން ބެލުންތެރިން ތަޖުރިބާކުރާނެއެވެ.

މި ފިލްމާ ގުޅޭގޮތުން ކަރަން ޖޯހަރް ބުނީ، އޭނާއަކީ އަބަދުވެސް މަލަޔާޅަމް ސިނަމާއަށް ވަރަށް ބޮޑަށް ތާއީދުކުރާ އަދި އެ ދާއިރާގެ މަސައްކަތްތަކުގައި ބައިވެރިވާން ބޭނުންވެފައި ހުރި މީހެއް ކަމަށެވެ.

ދަރުމާ ޕްރޮޑަކްޝަންސްއިން އުފައްދާ މަޅަޔާލަމް ފިލްމު "އޮޑިޔަން"ގެ ޕޯސްޓަރު--ފޮޓޯ/ޓެލެގްރާފްއިންޑިއާ

"މަލަޔާޅަމް ފިލްމު އުފައްދާ ފަރާތްތަކުގެ ހުނަރާއި، އެމީހުންގެ ކެރުމުގެ އިތުރުން ބެލުންތެރިންނަށް ކުރާ އިތުބާރަކީ އަހަރެން އަބަދުވެސް ހައިރާންކުރުވާ ކަމެއް،" ކަރަން ބުނެފައިވެއެވެ.

މި ފިލްމާ ގުޅޭގޮތުން ވާހަކަ ދައްކަމުން އެކްޓަރު ޕްރިތުވީރާޖް ސުކުމާރަން ބުނީ، "އޮޑިޔަން" އަކީ ހަމައެކަނި ހިޔާލީ ވާހަކައެއް ނޫން ކަމަށެވެ. އެއީ ކެރެލާގެ އަމިއްލަވަންތަކަމާ ގުޅިފައިވާ، ޖީލުތަކަކަށް ދެމިގެންގޮސްފައިވާ ސަގާފީ ލެޖެންޑެއް ކަމުން ފިލްމުގެ ވާހަކަ ގެނެސްދޭނީ، އެ ސަގާފަތާއި ތާރީޚަށް އިހުތިރާމްކުރާ ފަދަ ގޮތަކަށް ކަމަށް ނެޝަނަލް އެވޯޑު ކާމިޔާބުކޮށްފައިވާ އެކްޓަރު ބުނެފައިވެއެވެ.

މި ފިލްމު އިއުލާނުކުރި ނަމަވެސް ފިލްމުގެ މަސައްކަތް ފަށާނެ ތާރީޚާއި ބެލުންތެރިންނަށް ފިލްމު ގެނެސްދޭނެ އިރެއް ހާމައެއް ނުކުރެއެވެ.

ޕްރިތުވީރާޖް އެންމެފަހުން ބެލުންތެރިންނަށް ފެނުނު ފިލްމުތަކުގެތެރޭ ދަރުމާ ޕްރޮޑަކްޝަންސްއިން ގެނެސްދިން ފިލްމު "ސަރްޒަމީން" ހިމެނޭއިރު އޭނާ ވަނީ މީގެކުރިންވެސް ބައެއް ހިންދީ ފިލްމުތަކުގައި މަސައްކަތްކޮށްފައެވެ.