ސަރުކާރު ހިންގާ އިއްތިހާދުގެ ފަރާތްތަކުން ގުޅިގެން އެއާޕޯޓް ޖީއެމްއާރް އަތުން ހޯދުމަށް ފަށާފައިވާ މަސައްކަތަށް ހުރަސްއެޅޭނެ އެއްވެސް ކަމެއް ޖީއެމްއާރު ކުންފުނިން ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ފަރަތްތަކާ އެކީ ނުހިންގުމަށް އަދާލަތު ޕާޓީން ގޮވާލައިފި އެވެ.

އަދާލަތުން މިއަދު ނެރެފައިވާ ނޫސް ބަޔަނެއްގައި ބުނެފައި ވަނީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ދިވެހިންގެ އެންމެ އަގުބޮޑު ސްޓެރެޓެޖިކް ބިނާ ބޭރުގެ ވިޔަފާރި ބަޔަކަށް ވިއްކާލާފައިވަނީ ރައްޔިތުންގެ އިހްސާސްތަކާއި ދިވެހި ދައުލަތުގެ އިސްތިގުލާލު މުގުރާލުމަށްފަހު ކަމަށާއި އެހެންކަމުން ދިވެހި ރައްޔިތުންގެ ނަމުގައި ވެފައިވާ "ބާތިލް" އެއްބަސްވުން ނިމުމަކަށް ގެނެސް ގައުމަށާއި ރައްޔިތުނަށް އިގްތިސާދީ މިނިވަންކަން ހޯދައިދިނުމަށް ޓަކައި އެންމެހާ ފަރާތްތަކުން އަތާއަތްގުޅައިގެން ގައުމީ ޖިހާދެއް ފަށަފައިވާ ކަމަށެވެ. މިފަދަ ވަގުތެއްގައި ކުއްލިއަކަށް ޖީއެމްއާރް ގެ އިސްވެރިން ހިމެނޭ ވަފުދެއް ރާއްޖެއަށް ޒިޔާރަތްކުރުމަކީ އިއްތިފާގެއް ކަމަށް އެޕާޓީން ނުދެކޭ ކަމަށެވެ.

"ދިވެހި ރައްޔިތުން އެމައްޗަށް އަމަލުކުރުން ލާޒިމުވާ ގޮތަށް ދިވެހި ރައްޔިތުންނަށް ސިއްރު މަގަކުން ނިމިދިޔަ ރައީސް ނަޝީދުގެ ސަރުކާރުން ވެފައިވާ ބާތިލް އެއްބަސްވުން އުވާލުވުމަށްޓަކައި މިފަދަ ކޮންމެ ފުރުސަތެއްގެ ބޭނުން ހިއްޕެވުމަށާއި ދިވެހި ރައްޔިތުނަށް ފުރިހަމަ އިގްތިސާދީ މިނިވަންކަމާއި ފާގަތިކަން ހޯއްދަވައިދެއްވުމަށްޓަކައި ކުރައްވަމުން ގެންދަވަ މަސައްކަތްޕުޅުގައި ފިސާރި ކެރިގެން ސާބިތުކަމާއެކު ދެމިތިއްބެވުމަށް ދިވެހި ރާއްޖެގެ އިއްޒަތްތެރި ރައީސްޖުމްހޫރިއްޔާ އަށާއި ދައުލަތުގެ ވަޒީރުންނަށާއި ރައްޔިތުންނަށް ހިދމަތްކުރެއްވުމުގެ ޒިންމާ އުފުއްލަވަމުންގެންދަވާ އެންމެހާ ފަރާތްޕުޅުތަކަށް އިހްލަސްތެރިކަމާއެކު ނަސޭހަތްތެރި ވަމެ" އަދާލަތު ޕާޓިގެ ބަޔަނުގައި ބުނެފައިވެ އެވެ.

އަދާލަތު ޕާޓިން މިފަދަ ބަޔާނެއް ނެރެފައިވާއިރު އެޕާޓިގެ ރައީސް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވަނީ އިންޑިއާގެ ޖީއެމްއާރު ކުންފުނީގެ މައްސަލަ ހޫނުވެފައި ވަނިކޮށް އިމްރާންއާއި އިންޑިއާ ހައިކޮމިޝަނަރު ބައްދަލުކުރައްވަން އެދިވަޑައިގެންނެވުމުން އެކަމަށް ދެކޮޅު ހައްދަވައިފަ އެވެ.

އަދި އެ މައްސަލައިގައި ޑިއާރްޕީ ފިޔަވައި ސަރުކަރުގެ ކޯލިޝަނުގައި ހިމެނޭ އެހެން ޕާޓީތަކުން ވަނީ ޖީއެމްއާރުގެ އަތުން އެއާޕޯޓް ނެގުމަށް، "ދިވެހިންގެ އެއާޕޯޓް ދިވެހިންނަށް" ނަމުގައި ހާއްސަ މަސައްކަތްތަކެއް ކުރުމަށް އެއްބަސްވެ، އެކަން އިއްޔެ އިއުލާނު ކޮށްފައެވެ.