16 Jun 2026, 21:02
ކުރިޔެކޭ އެއްގޮތަށް އަދިވެސް ފިޔާ ލިބެން އެބަހުރި ކަމަށާއި، އަންނަ ހަފުތާއިން ފެށިގެން ހޯލްސޭލްކޮށް ފިޔާ ވިއްކަން ފަށާނެ ކަމަށް، ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯއިން މިއަދު ބުނެފިއެވެ.
އެސްޓީއޯއިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައިވަނީ، ފިޔާ ލިބުމުގައި ދަތިތައް އުޅޭ ކަމާއި އަގުބޮޑުކޮށް ފިޔާ ލިބޭ ކަމަށް ބުނެ ބައެއް ޚަބަރުތައް މީސްމީޑިއާގައި ފެންނަމުން އަންނަ ކަމަށެވެ.
އެކަމަކު ކުރިޔެކޭ އެއްގޮތަށް އެސްޓީއޯގައި އަދިވެސް ފިޔާ އެބަހުރި ކަމަށާއި، އެސްޓީއޯއިން ފިޔާ ކިލޯއެއް ވިއްކަނީ ކުރިންވެސް ވިއްކާ އަގު ކަމަށްވާ 13 ރުފިޔާއަށް ކަމަށް، އެ ކުންފުނިން ބުންޏެވެ.
މީގެ އިތުރުން އަންނަ ހަފުތާގައި ހޯލްސޭލްކޮށް ފިޔާ ވިއްކަން ފަށާނެ ކަމަށާއި، އެސްޓީއޯގެ ސަރަހައްދީ ފިހާރަތަކަށްވެސް ފިޔާ ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި މަސައްކަތްތައް ކުރަމުން އަންނަ ކަމަށްވެސް، އެސްޓީއޯއިން ބުންޏެވެ.
އެސްޓީއޯއިން ފިޔާ ކިލޯއިން 13 ރުފިޔާއަށް ލިބެންހުންނަ އިރު، އާންމު ގޮތެއްގައި ފިހާރަތަކުން 16 ނުވަތަ 18 ރުފިޔާއަށް ފިޔާ ކިލޯއެއް ލިބެއެވެ. އެކަމަކު، މީގެ ދެ ހަފުތާ ކުރިން މާލޭގެ ފިހާރަތަކުން ފިޔާ ކިލޯއެއް ލިބެން ހުރީ 30 އާއި 35 ރުފިޔާއަށެވެ.