އިސްރާއީލުން ފަލަސްތީނުގައި ހިޞާރުކޮށްފައިވާ ބިންތަކުގައާއި އިރުމަތީ ގުދުސްގައި ހިންގަމުންދާ އިންސާނީ ހައްގުތަކާ ހިލާފު އަމަލުތަކަށް އެ ގައުމު ޖަވާބުދާރީކުރުވުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ދިވެހިރާއްޖެއިން މިއަދު ގޮވާލައިފިއެވެ.

މިއަދު ކުރިއަށްދިޔަ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 62 ވަނަ ސެޝަންގައި، ފަލަސްތީނުގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ މިނިވަން ބައިނަލްއަގުވާމީ ކޮމިޝަން އޮފް އިންކުއަރީއާއެކު ބޭއްވި ބަހުސްގައި ރާއްޖޭގެ ފަރާތުން ބަޔާން އިއްވައިދެއްވީ ޖެނީވާގައި ހުންނަވާ ދިވެހިރާއްޖޭގެ ދާއިމީ މަންދޫބު އެމްބަސެޑަރު ޑރ. ސަލްމާ ރަޝީދެވެ.

ޑރ. ސަލްމާ ދެއްވި ބަޔާނުގައި، އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންތަކާއި، އިންސާނީ އެހީ ފޯރުކޮށްދިނުމަށް އަޅަމުންދާ ހުރަސްތައް ދިވެހި ސަރުކާރުގެ ނަމުގައި ހަރުކަށި އިބާރާތުން ކުށްވެރިކުރެއްވިއެވެ.

މީގެ އިތުރުން، ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން އިސްރާއީލުން އުފުލަންޖެހޭ ޒިންމާތަކަށް ފުރިހަމައަށް ބޯލެނބުމަށާއި، އާންމު ރައްޔިތުންނާއި އާންމުން ދިރިއުޅޭ ތަންތަނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ. އަދި އެއްވެސް ހުރަހެއް ނެތި، ރައްކާތެރިކަމާއެކު ދެމެހެއްޓެނިވި ގޮތެއްގައި އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ފުރުސަތު ދިނުމަށް ވެސް ރާއްޖޭގެ ބަޔާނުގައި ބާރުއަޅާފައިވެއެވެ.

ރާއްޖޭގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އިސްރާއީލުން ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފުވަމުންދާއިރު، އެއްވެސް އަދަބެއް ނުލިބި ސަލާމަތްވުމުގެ ސަގާފަތް ނިމުމަކަށް ގެނެސް، އެގައުމު ޖަވާބުދާރީކުރުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

ފަލަސްތީނުގެ މައްސަލައަށް އިންސާފުވެރި، ދެމެހެއްޓެނިވި އަދި ސުލްހަވެރި ހައްލެއް ހޯދުމަށް ބޭނުންވާ މާހައުލެއް ގާއިމުކުރުމަށް ރާއްޖެއިން ގޮވައިލައި ގޮވައިލުން އައުކުރައްވަމުން، ފަލަސްތީނުގެ ރައްޔިތުންގެ އަމިއްލަ އިޚުތިޔާރުގައި ގޮތް ނިންމަން ފުރުސަތު ދިނުމުގެ ހައްގަށް އިހުތިރާމްކުރުމަށް ވެސް ރާއްޖޭންވަނީ ގޮވާލާފައެވެ.

ބަޔާން ނިންމަވާލައްވަމުން، އިސްރާއީލުގެ ޣައިރު ގާނޫނީ އަމަލުތައް ނިމުމަކަށް ގެނައުމަށާއި، 1967 ގެ ބޯޑަރުތަކުގެ މައްޗަށް ބިނާވެފައިވާ، އިރުމަތީ ގުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައެޅިފައިވާ، މިނިވަން އަދި މުސްތަގިއްލު ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް ކުރާ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެކަމުގެ ޔަގީންކަން ރާއްޖެއިން ވަނީ ދީފައެވެ.