ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ސްވިޑަން އަތުން 5-1 ގެ ބޮޑު ތަފާތަކުން ބަލިވުމާ ގުޅިގެން، ޓިއުނީޝިއާގެ ހެޑް ކޯޗުގެ މަގާމުން ސަބްރީ ލަމޫޝީ ވަކިކޮށް، އެ މަގާމަށް ތަޖުރިބާކާރު ކޯޗު ހާވް ރެނާޑް ހަމަޖައްސައިފިއެވެ.

ގްރޫޕް އެފްގައި ހިމެނޭ ޓިއުނީޝިއާއިން ވޯލްޑް ކަޕްގެ އެންމެ މެޗަކަށް ފަހު ކޯޗު ވަކިކުރިއިރު، ލަމޫޝީ ވެގެންގޮސްފައިވަނީ ވޯލްޑް ކަޕްގެ ތާރީޚުގައި ވެސް އެންމެ މެޗަކަށް ފަހު މަގާމުން ވަކިކުރި ފުރަތަމަ ކޯޗަށެވެ.

މި ބަދަލާއެކު ރެނާޑް އެޓީމާ ހަވާލުވާނީ މި ފަހަރުގެ މުބާރާތުގައި ޓިއުނީޝިއާ ކުޅެންޖެހޭ ބާކީ ދެ މެޗަށެވެ. އެއީ ޖަޕާނާއި ނެދަލޭންޑްސްއާ ދެކޮޅަށް ކުޅޭ މެޗުތަކެވެ.

ޓިއުނީޝިއާގެ ފުޓްބޯޅަ ފެޑެރޭޝަނުން ފުރަތަމަ ނިންމާފައިވަނީ ވަގުތީ ކޯޗެއްގެ ގޮތުގައި މުންދިރު ކަބާއިރް އައްޔަންކުރުމަށެވެ. ނަމަވެސް، ކުއްލި ނިންމުމަކާއެކު އެ ފެޑެރޭޝަނުން ވަނީ ވޯލްޑް ކަޕް ނިމެންދެން ރެނާޑްއާ ޓީމު ހަވާލުކުރިކަން އިންސްޓަގްރާމް މެދުވެރިކޮށް ކަށަވަރުކޮށްދީފައެވެ.

View this post on Instagram

A post shared by Federation Tunisienne de Football (@ftf.tn)

ވޯލްޑް ކަޕަށް ފަހު، ވަކި ޚާއްޞަ ކާމިޔާބީތަކެއް ހާސިލުކުރުމަށް އަމާޒުކޮށް ދިގު މުއްދަތުގެ އެއްބަސްވުމަކަށް ދިއުމުގެ މަޝްވަރާތައް ކުރިއަށްގެންދާގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ. މިއީ 2024 ވަނަ އަހަރުގެ ފެށުނު ފަހުން ޓިއުނީޝިއާގެ ގައުމީ ޓީމާ ހަވާލުވި ހަތްވަނަ ކޯޗެވެ.

ހާވް ރެނާޑްއަކީ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ، ޚާއްޞަކޮށް އެފްރިކާގެ ފުޓްބޯޅައިގައި ނަން މަޝްހޫރު ކޯޗެކެވެ.

އޭނާ ވަނީ 2012 ވަނަ އަހަރު ޒެމްބިއާއާއެކު އަދި 2015 ވަނަ އަހަރު އައިވަރީ ކޯސްޓާއެކު އެފްރިކާ ކަޕް އޮފް ނޭޝަންސް ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން، 2022 ގެ ވޯލްޑް ކަޕްގައި ސައުދީ އަރަބިއްޔާ ގޮވައިގެން ނުކުމެ، އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދި އާޖެންޓީނާ ބަލިކޮށްފައެވެ.

އޭގެފަހުން ފްރާންސްގެ އަންހެން ގައުމީ ޓީމަށް ވެސް އިރުޝާދުދިން ރެނާޑް ވަނީ އަލުން ސައުދީއާ ހަވާލުވެ، މިއަހަރުގެ ވޯލްޑް ކަޕަށް އެ ޓީމު ކޮލިފައިކޮށްދީފައެވެ.