20 Sep 2012, 13:12
މަސްތުވާތަކެއްޗަށް ދެކޮޅަށް ކަސްޓަމްސް އިން ހިންގާ ހާއްސަ އޮޕަރޭޝަންތަކުގައި މިއަހަރުގެ މިހާތަނަށް 5.2 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.
ކަސްޓަމް އޮފިސަރު ހުސެއިން ޝާޒް މިއަދު ވިދާޅުވީ މިއަހަރުގެ މިހާތަނަށް ކަސްޓަމްސް އިން މަސްތުވާތަކެތީގެ ހަތް މައްސަލައެއްގައި 2098.0424 ގްރާމްގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށާއި އެ ތަކެތީގެ ސްޓްރީޓް ވެލިއު ނުވަތަ އަގު ގާތްގަނޑަކަށް 2.2 މިލިޔަން ރުފިޔާއަށް އަރާ ކަމަށެވެ. ފުލުހުނާއި ކަސްޓަމްސްގުޅިގެން މާލެތެރެއިން އަތުލައިގެން 3502.3599 ގުރާމް އަރާއިރު އެތަކެތީ އަގަށް 3.02 މިލިއަން ރުފިޔާ އަރާ ކަމަށް ވެސް ޝާޒު ވިދާޅުވި އެވެ.
ކަސްޓަސްގެ ތަފާތު ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް އަތުލައިގެން މަސްތުވާތަކެތީގެ ތެރެއިން 1680.0559 ގްރާމްސް މަސްތުވާތަކެއްޗަކީ ހެރޮއިންނެވެ. އަދި 13.5951 ގްރާމްސް އަކީ ކެނެބިސް އެވެ. އަދި 19.3914 އަކީ އޮޕިއޭޓްސް އެވެ.
ޝާޒް އަދި ވިދާޅުވީ ރާއްޖެއަށް އެތެރެކުރަން މަސައްކަތް ކުރާ މަސްތުވާތަކެތި އަތުލައިގަތުމަށް ރާއްޖެއަށް އަންނަ މީހުނާއި ބޯޓްތައް ޗެކްކުރަމުންދާ ކަމަށާއި އަދި ކުރިއަށް އޮތްތަނުގައި ކަމާބެހޭ ފަރާތްތަކާއެކު ގިނަ މަސައްކަތްތަކެއް ކުރަމުންދާނެ ކަމަށެވެ.
ކަސްޓަމްސުން އިން 2010 ވަނަ އަހަރު 8.9 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަތެވެ. މިދިޔަ އަހަރު 6.3 ކިލޯގްރާމްގެ މަސްތުވާތަކެތި އެކި ހާދިސާތަކުގައި އަތުލައިގަތެވެ.