މާލެ ސިޓީގެ އެކި ސަރަހައްދުތަކުގައި އާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފަށް ހުރި ގްރެފިޓީތައް ނައްތާލުމުގެ މަސައްކަތް ފުލުހުންގެ ގޭންގު ކުރައިމް ސަޕްރެޝަންއާއި، މާލެ ސިޓީ ކައުންސިލު ގުޅިގެން ކުރިއަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ، މި ހަރަކާތަކީ މާލެ ސިޓީގެ މާހައުލު ރީތިކޮށް ބޭއްވުމަށާއި، އިޖުތިމާއީ މިންގަނޑުތައް ހިފެހެއްޓުމަށް ކުރެވޭ މަސައްކަތުގެ ބައެއްކަމަށެވެ.

ފުލުހުން ބުނީ އިއްޔެ ކުރިއަށް ގެންދިޔަ މި މަސައްކަތުގެ ތެރެއިން މާލޭގެ އެކި މަގުތަކާއި ފާރުތަކުގެ އިތުރުން ސިނަމާލެ ބުރިޖުގައި ހުރި ބޭއަދަބީ ކުރެހުންތަކާއި ލިޔުންތައް ވަނީ ފޮހެ ނައްތާލާފައި ކަމަށެވެ.

މިއީ ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަސައްކަތެކެވެ. މިގޮތުން މާލެ ސިޓީގެ އިތުރު ސަރަހައްދުތަކުގައި ހުރި މިފަދަ ކުރެހުންތަކާއި ލިޔުންތައް ނައްތައިލުމުގެ މަސައްކަތް ވެސް ކުރިއަށް އޮތް ތަނުގައި މާލެ ސިޓީ ކައުންސިލާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާނެ ކަމަށް ބުނެފައިވެއެވެ.

މާލޭގެ އެކި ސަރަޙައްދުތަކުގައި އާންމު އިޖްތިމާއީ މިންގަނޑުތަކާ ޚިލާފުވާގޮތަށް ހުރި ގްރެފިޓީތައް ފޮހުމަށް މާލޭ ސިޓީ ކައުންސިލާއި ދިވެހި ފުލުހުންގެ ޙިދުމަތް ގުޅިގެން ރަސްމީކޮށް ކެމްޕެއިނެއް ފަށާފައިވަނީ 2024 ވަނަ އަހަރުގެ ޖުލައިމަހުގެ 17 ގައިއެވެ.

އޭގެ ކުރިން 2023 ވަނަ އަހަރުގައިވެސް މި ހަރަކާތް ކުރިއަށް ގެންދިޔައެވެ.

މާލޭގެ ހަނި ގޯޅިތަކުގައާއި ގޭންގުތައް އެއްވެ އުޅޭ ހިސާބުތަކުގައި ގްރެފިޓީ ކުރަހައިފައި ހުރެއެެވެ. ބައެއް ފަހަރު ބޭއަދަބީ ބަސްބަސް ހިމެނޭ ޝިއާރުތައް ވެސް ލިޔެފައި ހުރެެއެވެ.