މާލިއްޔަތު ގާނޫނަށް ގެނައި އިސްލާހުތަކީ ގާނޫނު އަސާސީއާ ޚިލާފު އިސްލާހުތަކެއް ނޫންކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާތީ ސަރުކާރުން ރައްޔިތުންނަށް ދެމުންގެންދާ ސަބްސިޑީޒް އާއި މާލީ އިނާޔަތްތައް ދެން ދެވޭނީ ކަމާގުޅޭ ގާނޫނެއްގެ ދަށުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދުގެ އޭނާގެ ބްލޮގްގައި އިއްޔެ ވިދާޅުވެފައި ވަނީ ސަރުކާރުން ދޭ ސަބްސިޑީޒް އާއި އެހެނިހެން އިނާޔަތްތައް ވެސް ދޭންވާނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކާއި އެއްގޮތަށް ކަމަށް މާލިއްޔަތު ގާނޫނަށް ގެނައި އިސްލާހުތަކުގައި ބުނެފައިވާ ކަމަށެވެ.

ގާނޫނުގައި ބަޔާންވެފައި ވަނީ 65 އަހަރުން މަތީގެ މީހުންނަށް 2000ރ. ދޭންޖެހޭނެ ވާހަކަ އެކަނި ކަމަށާއި ސަބްސިޑީޒް އާއި އެހެނިހެން އިނާޔަތްތަށް ސަރުކާރުން ދެމުން ގެންދަނީ ސިޔާސަތެއްގެ ދަށުން ކަމަށެވެ.

"މިސާލަކަށް 65 އަހަރުންމަތީގެ މީހުންނަށް ދެވޭ ޕެންޝަނުގެ ވާހަކައެވެ. އެހެންނަމަވެސް، އެހެން ބައެއް ހާލާތްތަކުގައި ތިބޭ ފަރާތްތަކަށް ދެވޭ އިނާޔަތް އެދެވެނީ، ހަމައެކަނި ސިޔާސަތެއްގެ ދަށުންނެވެ. ޤާނޫނެއްގައި އެކަން ކުރާނެގޮތް އޮވެގެނެއް ނޫނެވެ،" ނަޝީދުގެ ވިދާޅުވެފައި ވެއެވެ.

ސިޔާސަތެއްގެ ދަށުން ދެވޭ އިނާޔަތްތަކުގެ ތެރޭގައި އެކަނިވެރި މައިންނަށް ދެވޭ އިނާޔަތުގެ ފައިސާ އާއި ކަރަންޓް ސަބްސިޑީ އާއި އާސަންދައިގެ ދަށުން ދެވޭ އެހީ އާއި މަސްވެރިންނަށް ދެވޭ ސަބްސިޑީ އަދި މަތީ ތައުލީމަށް ދެވޭ މާލީ އެހީ ހިމެނޭ ކަމަށް ނަޝީދު ވިދާޅުވެފައި ވެއެވެ.

ކުރީގެ ލީގަލް ރިފޯމް މިނިސްޓަރު ވިދާޅުވެފައި ވަނީ މިކަންކަންމަށް މާލިއްޔަތުގެ ގާނޫނުން ވިޔަސް އަދި ގަވާއިދަކުން ވިޔަސް ހައްލު ހޯދެއް ނޯންނާނެ ކަމަށާއި މިކަން ހައްލު ކުރަން ޖެހޭނީ އެމަޖެންސީކޮށް ގާނޫނެއް ފާސްކުރަން ކަމަށެވެ. ހުކުމާއި ގުޅިގެން ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕްގެ އުސޫލުން ދައުލަތާ ގުޅިގެން ވިޔަފާރިކުރާ ފަރާތްތަކަށް ދެވޭ އިނާޔަތްތައް ނުވަތަ ވަކި ޕްރޮޖެކްޓެއް ހިންގާ ފަރާތަށް މަންފާއެއްގެ ގޮތުގައި ދެވޭ އިނާޔަތްތައް ވެސް ދެން ދެވޭނީ ކްރޮސް ސަބްސިޑީ ދިނުމުގެ އުސޫލުތައް ބަޔާންކުރާ ގާނޫނެއް ފާސްކޮށްގެން ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

"މާލިއްޔަތު ގާނޫނުގެ ތެރެއިން އެކަން ހަމަޖައްސާލެވޭކަށް ނޯންނާނެ އެވެ. އަދި، ގަވާއިދެއް ހަދާލައިގެން ވެސް، އެކަން ކޮށްލެވޭކަށް ނޯންނާނެ އެވެ. ގާނޫނުގައި ބުނަނީ، އެކަން ކުރެވޭނީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއްގައިވާ ގޮތުގެމަތިން ކަމަށެވެ. އެހެންކަމުން، ކްރޮސް ސަބްސިޑީ ދިނުމުގެ މައިގަނޑު އުސޫލުތައް ހިމެނޭ ޤާނޫނެއް ފާސްކުރުން ނޫންގޮތެއް ދެން ނޯންނާނެއެވެ،" ނަޝީދު ވިދާޅުވި އެވެ.