20 Sep 2012, 12:43
ރާއްޖެއަށް ފައިސާ އެތެރެވެ ބޭރުވާގޮތް ރަނގަޅަށް ރެގިއުލޭޓްކުރެވޭނެ އުސޫލެއް އަންނަން ޖެހޭކަމަށް ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސް ފާތިހު އަލީ ވިދާޅުވެއްޖެ އެވެ.
މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުން ހުއްޓުވަން މިއަހަރު ހިންގާ ހާއްސަ އޮޕްރޭޝަންތަކާބެހޭ މައުލޫމާތު ނޫސްވެރިންނާއި ހިއްސާކުރަން ކަސްޓަމްސް ބިލްޑިންގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ފާތިހު ވިދާޅުވީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަނީ ވަރަށްބޮޑެތި ފައިސާގެ މުއާމަލާތްތަކެއްގެ ތެރެއިން ކަމަށާއި އެހެންވެ އެ ފައިސާ ދައުރުވާގޮތް އެގެންޖެހޭ ކަމަށެވެ.
"ރާއްޖެއަށް ފައިސާ ވަދެ ބޭރުވާގޮތް ރެގިއުލޭޓް ކުރެވެން އެބަޖެހޭ. ކޮންގައުމެއްތޯ ދުނިޔޭގަ ރާއްޖެ ނޫނީ ބުރިފްކޭހަކަށް އެތަށް ހާސް ރުފިޔާ އަޅައިގެން ދާގޮތަށް ބެންކް ކައުންޓަރުމަތީ ބަހައްޓާފަ އަޅުގަނޑުގެ އެކައުންޓަށް ޖަމާކޮށްދޭށޭ ބުނީމަ ޖަމާކޮއްދެނީ، އެފައިސާ ހޯދިގޮތެއް ވެސް އޮންނަން ޖެހޭނެ ދެއްތޯ،" ފާތިހު ވިދާޅުވި އެވެ. "ވަރަށް އާދައިގެ މީހުންގެ އެކައުންޓުތަކުގަ އެބަހުއްޓޭ މިލިއަނުން މިލިއަނުން ފައިސާ، އެ އައި ގޮތެއް އޮންނަންޖެހޭނެ އެފައިސާ ހޯދަން ކުރަންޖެހޭ މަސައްކަތެއް ނުފެނޭ، ކީއްކުރަންތޯ މިހުރިހާ ކަމެއް މިކުރަނީ އޭގެ ބައްޕައަކީ ކާކުތޯ؟ އޭގެ ބައްޕައަކީ ފައިސާ، ފައިސާ ހޯދަންވެގެން މިހުރިހާ ކަމެއް މިކުރަނީ އެހެން ކަމުން އެމީހުނަށް ފައިސާ ލިބޭ ގޮތް ފައިސާ ބަދަލުކުރެވޭގޮތް ދެނެގަންނަންޖެހޭ،"
ފާތިހު ވިދާޅުވީ ރާއްޖެއަށް އެންމެ ގިނައިން މަސްތުވާތަކެތި އެތެރެ ކުރަނީ އިންޑިއާއިން ކަމަށާއި އެހެން ކަމުން ކަސްޓަމަށް ބޭނުންވާ މައުލޫމާތް ފޯރުކޮށްދޭ އެއްބަސްވުމެއްގައި އިންޑިއާއާއި އެކީ ސޮއިކޮށްގެން އެއަށް އަމަލުކުރަމުން އަންނަ ކަމަށެވެ. އަދި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މިންވަރު ދަށް ނުކުރެވެނީ ރާއްޖޭގައި ބޮޑު ޑިމާންޑެއް އޮތުމުން ކަމަށާއި އެހެންވެ މަސްތުވާތަކެތިން ސަލާމަތްވެފައިވާ މުޖުތަމައުއެއް ބިނާކުރުމަށް ސަރުކާރުން ބޮޑެތި ހަރަދުތަކެއްކޮށް، މަސްތުވާތަކެތީގައި ޖެހިފައިތިބި މީހުނަށް ރަނގަޅު ކުރުމުގެ ރިހެބިލިޓޭޓް ސިސްޓަމެއް ގާއިމްކުކޮށް ގާނޫނާ ގަވައިދު ތަންފީޒް ކުރަންޖެހޭ ކަމަށެވެ.
"އަޅުގަނޑުމެންގެ ގައުމު ލޮކޭޓްވެފައި މިއޮތީ މަސްތުވާތަކެތި އުފައްދާ ދުނިޔެއަށް ޓުރެފިކް ކުރަމުން ދާ ގައުމުތަކުގެ ކުރިމަތީގައި އެގޮތުން އެމީހުން ވެސް އޭތި މާކެޓްކުރަން މަސައްކަތް ކުރާނެ ދެއްތޯ، ދަނޑެއް ހައްދާ މީހަކު އެންމެ ބޮޑަށް ވިސްނާނީ އޭނަގެ ޕްރޮޑެކްޓް ވިއްކޭނީ ކިހިނެއްތޯ، ރާއްޖެއަކީ މަސްތުވާތަކެތި އުފައްދާ ގައުމެއް ނޫންކަން އަޅުގަނޑުމެން އެންމެނަށްވެސް އެބަ އިނގޭ އެހެނަކަމުން މިތަކެތި ރާއްޖެއަށް އެތެރެކުރުމަށްޓަކައި އެ އުފައްދާ މީހުންވެސް އެބަ މަސައްކަތްތަކެއް ކުރޭ"