16 Jun 2026, 03:31
ފީފާ ވޯލްޑް ކަޕް ގްރޫޕް ޖީގެ ފުރަތަމަ މެޗުގައި ބެލްޖިއަމްއާ ދެކޮޅަށް ކުޅެ، ތާރީޚީ ފުރަތަމަ މޮޅާ ގާތަށް މިސްރު ދިޔަ ނަމަވެސް، ދެވަނަ ހާފުގައި ބައިކޮޅަށް ވަން ލަނޑަކުން މެޗު 1-1 އިން އެއްވަރުވެއްޖެއެވެ.
އެމެރިކާގެ ސިއޭޓަލްގައި ކުޅުނު މެޗުގެ 21 ވަނަ މިނެޓުގައި އަލް އަހްލީގެ މިޑްފީލްޑަރު އިމާމް އަޝޫރު ވަނީ 20 ޔާޑު ދުރުން ފޮނުވާލި ބާރު ހަމަލާއަކުން މިސްރަށް ކުރިހޯދައިދީފައެވެ.
ނަމަވެސް މެޗުގެ 66 ވަނަ މިނެޓުގައި ބެލްޖިއަމްގެ ތޯމަސް މިއުނިއާ ނަގައިދިން ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ރޮމެލޫ ލުކާކޫގެ ޕްރެޝަރާއެކު މިސްރުގެ މުހައްމަދު ހާނީ އަތުން ވަނީ ބައިކޮޅަށް ގޯލެއް ވަދެފައެވެ.
މި ނަތީޖާއާއެކު އެފްރިކާގެ ހަތް ފަހަރުގެ ޗެމްޕިއަނުންނަށް ޖެހުނީ މެޗުގެ ފަހު މިނެޓުތަކުގައި ބެލްޖިއަމްގެ ވަރުގަދަ ހަމަލާތަކުން ސަލާމަތްވެ، ބަލިނުވެ ސަލާމަތްވުމަށް ފަހަތަށް ފައިބާފައެވެ. މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި މިސްރު ބަލިނުވެ މެޗެއް ނިންމާލި ތިންވަނަ ފަހަރެވެ.
މެޗުގެ ކުރީކޮޅު މިސްރުން ލީޑު ނެގުމަށްފަހު، ފުރަތަމަ ހާފު ނިމުމުގެ ކުރިން މުސްތަފާ ޒިކޯ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ބެލްޖިއަމްގެ ކީޕަރު ކޯޓުއާ ވަނީ ދިފާއުކޮށްފަ އެވެ. އަދި 34 ވަނަ އުފަންދުވަހު ކުޅުނު މިސްރުގެ ކެޕްޓަން މުހައްމަދު ސަލާހް ދެވަނަ ހާފުގައި ބޮލުން ފޮނުވާލި ހަމަލާއެއްވެސް ކޯޓުއާ މަތަކުރިއިރު، ރީބައުންސްގައި އަޝޫރު ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.
ބެލްޖިއަމްގެ އެންމެ ގިނަ ގޯލު ޖަހައިދީފައިވާ ލޫކާކޫ ކުޅެން އެރުވިތާ އެންމެ 20 ސިކުންތުގެ ތެރޭގައި މިސްރުގެ ހާނީއަށް ހެދުނު ގޯހުން މެޗުގެ ނަތީޖާ އެއްވަރުވިއެވެ.
މި ގްރޫޕުގައި ދެން ބެލްޖިއަމް ބައްދަލުކުރާނީ އަންނަ އާދިއްތަ ދުވަހު ލޮސް އެންޖެލިސްގައި އީރާނާއެވެ. އަދި މިސްރު ނުކުންނާނީ ހޯމަ ދުވަހުގެ ފަތިހު ވެންކޫވަރގައި ނިއުޒިލޭންޑާ ދެކޮޅަށެވެ.