15 Jun 2026, 23:26
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމް ކަމަށްވާ "އެންމެންނަށް ބޯހިޔާވަހިކަން"ގެ ދަށުން ގޯއްޗަށް ކުރިމަތިލާން ބޭނުންކުރާ ޕޯޓަލަށް ދިމާވި މައްސަލަ ހައްލުކޮށް، ފޯމު ހުށަހެޅަން ޖެހޭ ވަގުތު މިރޭ 2:00 އަށް އިތުރުކޮށްފިއެވެ.
މިރޭ 11:59ގެ ނިޔަލަށް ބޯހިޔާވަހިކަމަށް ކުރިމަތިލެވޭ މުއްދަތު ހަމަވާނެ ނަމަވެސް ފަހު ވަގުތު ފޯމު ހުށަހަޅާ ޕޯޓަލް ވަނީ ޑައުންވެފައެވެ.
"އެންމެންނަށް ބޯހިޔާވަހިކަން"ގެ ދަށުން ގޯއްޗަށް ކުރިމަތިލާން އެންމެ ފުރަތަމަ ހުޅުވައިލީ މިދިޔަ މާރިޗު މަހުގެ ފަސްވަނަ ދުވަހުގެރޭ 11:59ގެ ނިޔަލަށެވެ. އަދި ފުލެޓަށް ކުރިމަތިލާން ހުޅުވައިލީ އޭޕްރީލް މަހުގެ 18ވަނަ ދުވަހުގެރޭ 11:59ގެ ނިޔަލަށެވެ. މިނިސްޓްރީން ފަހުން ވަނީ ދެތިން ފަހަރެއްގެ މަތިން މުއްދަތު އިތުރު ކޮށްފައެވެ. އެންމެ ފަހުން އިތުރު ކުރި މުއްދަތު މިރޭ 11:59ގެ ނިޔަލަށް ހަމަވާނެއެވެ.
ބޯހިޔާވަހިކަމަށް ކުރިމަތިލާން ދިން މުއްދަތު އަދި އިތުރުކުރާނެތޯ 'ސަން'އިން އިއްޔެ ސުވާލުކުރުމުން، ހައުސިން މިނިސްޓްރީން ކުރުކޮށް ދިން ޖަވާބުގައި ވަނީ ބޯހިޔާވަހިކަމަށް ކުރިމަތިލާން ހުޅުވައިލި މުއްދަތު ދެން އިތުރުނުކުރާނެ ކަމަށެވެ.
ނަމަވެސް މިރޭ ޕޯޓަލަށް ދިމާވި މައްސަލައާ ގުޅިގެން މިހާރު ވަނީ ވަގުތު އިތުރުކޮށް މިރޭ ދަންވަރު 02:00 އަށް ހަމަވާ ގޮތަށް ބަދަލުކޮށްފައެވެ.