ގެއްލިފައިވާ "ރަންކުރި" ރާއްޖޭގެ ސަރަހައްދުން އަދި ބޭރުވެފައި ނުވާނެ ކަމަށާއި ދޯނި ހޯދުމުގެ މަސައްކަތަށް އިންޑިޔާއިން ހެލިކޮޕްޓަރެއްގެ އެހީތެރިކަން ހޯދާނެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ގެއްލިގެން ހޯދާތާ ތިން ދުވަސްވެފައިވާ ދޯނީގައި ދަތުރުކުރީ ދެ ދިވެހިން ނާއި ދެ ބިދޭސީންނެވެ.

ކޯސްޓުގާޑުގައި ބިލްޑިންގައި ނޫސް ވެރިންނަށް މައުލޫމާތު ދެއްވަމުން މޭޖާ މުހައްމަދު ސަލީމް މިއަދު ވިދާޅުވީ ގެއްލުނު ދޯންޏާބެހޭ ޚަބަރެއް އަދި ވެސް ނުވާ ކަމަށާއި ނަމަވެސް އެ ދޯނި އަދި ރާއްޖެ ސަރަހައްދުން ބޭރަށް ނުދާނެ ކަމަށެވެ.

"ދޯނި އަދި އޮންާނެ ކަމަށް މި ބެލެވެނީ ގާތްގަނޑަކަށް 160 މޭލާ ހިސާބުގައި. ވައި ހުރިގޮތުން އިރުމައްޗަށްވާ ގޮތަށް ދާނީ،" ސަލީމް ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ އަވަށްޓެރި އިންޑިއާއާއި ސްރީލަންކާ ފަދަ ގައުމުތަކަށް އެ ދޯންޏާބެހޭ ޚަބަރުތައް މިހާރު ދީފައިވާނެ ކަމަށާއި ރަންކުރި ހޯދުމުގެ މަސައްކަތަށް އިންޑިޔާއިން ހެލިކޮޕްޓަރެއް ގެނައުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށެވެ.

މުދާ އުފުލާ އެ ދޯނި ހޯދުމަށް އެމްއެންޑީއެފްގެ ހެލިކޮޕްޓަރުގެ އިތުރުން މަތިންދާ ބޯޓު ވެސް ވަނީ ބޭނުން ކޮށްފަ އެވެ. ކޯސްޓުގާޑުން ބުނީ ރާއްޖޭގެ އީއީޒެޑް ޕެޓްރޯލް ކުރަމުން އަންނަ އިންޑިއާގެ މަނަވަރު ވެސް އެ ހާދިސާއާ ގުޅިގެން ބޭނުން ކުރަމުން އަންނަ ކަމަށެވެ. އަދި އެ މަނަވަރުގައި އޮންނަ ހެލިކޮޕްޓަރުވެސް އެ އޮޕަރޭޝަންގައި ބޭނުން ކުރާނެ ކަމަށްވެސް އެމްއެންޑީއެފްއިން ބުންޏެވެ.

މުދާ އުފުލާ އެ ދޯނީ ދަތުރަށް ނުކުމެފައި ވަނީ ހޯމަ ދުވަހު މެންދުރު ވިލިނގިލިންނެވެ. ރަނަކުރި ދަތުރަށް ނުކުތް އިރު އެއް ހަފުތާގެ ކޮއްތު ދޯނީގައި ހުންނާނެ ކަމަށް ދޯނީގެ ވެރިފަރާތާ ހަވާލާދީ ކޯސްޓުގާޑުން މިއަދު ބުންޏެވެ.

ނަމަވެސް މިހާތަނަށް ދޯންޏާ ގުޅިފައިނުވާއިރު ދޯނީގެ ސެޓުން ވެސް އެއްވެސް ވަރަކަށް އެހީއަށް އެދި ގޮވާފައިނުވާ ކަމަށް ކޯސްޓުގާޑުން ބުނެ އެވެ.

"މިފަދަ ހާދިސާތައް ހިނގާއިރު ގިނަ ފަހަރަށް ހުންނަނީ ދޯނިތަކުގެ ސަލާމަތީ ކަންކަން އެކަށީގެންވާ ގޮތަކަށް ނޫން. ދޯނީގެ ސެޓް ބޭނުން ކުރާނަމަ ވެސް އިތުރަށް އަޅުގަނޑުމެންނަށް ދޯނި ލޮކޭޓް ކުރަން ފަސޭހަ ވާނެ. މިހާތަނަށް އަދި ދޯނި ޓްރެކް ކުރެވިފައިއެއް ނުވޭ،" ސަލީމް ވިދާޅުވި އެވެ.

ގެއްލިގެން ހޯދަމުން ދަނީ ދިގުމިނުގައި 95 ފޫޓު ހުރި މަޑުފެހި ކުލައިގެ ދަވާދު އަދި ދިރުނބާކޮޅުގައި ހުދުކުލައިގެ ގެގަނޑެއް ލާފައިވާ ދޯންޏެކެވެ.

ގެއްލިފައި ވަނީ ގއ. ނިލަންދޫ ދޯންޏެވެ. ދޯނީގެ ވެރިފަރާތުން ބުނީ ރަނަކުރި ކުއްޔަށް ދީފައި އޮއްނަނީ އެއަތޮޅު ދިޔަދޫ މީހަކަށް ކަމަށާއި ދޯންޏާ ބެހޭ މައުލޫމާތު އެނގޭނީ އެފަރާތަށް ކަމަށެވެ. ރަނަކުރީގައި ދަތުރުކުރި ދެ ދިވެހިންނާއި އެ ދޯނީގައި މަސައްކަތް ކުރާ ބަންގުލަދޭޝްގެ ދެ މީހުންނާ ބެހޭ މައުލޫމާތު އަދި ސާފުވެފައެއް ނުވެއެވެ. ސަން އެނގިފައިވާ ގޮތުގައި އޭގައި ތިބި ދެ ދިވެހިންގެ ތެރޭ ހިމެނެނީ ރ. ރަސްގެތީމު މީހަކާއި ޏ. ފުވައްމުލަކު މީހެކެވެ.