11:30


މިދިޔަ އަހަރުގެ އޯޑިޓް ރިޕޯޓު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިނުވާތީ ބައި ލައްކަ ރުފިޔާ އިން ތިން ސިޔާސީ ޕާޓީއެއް ޖޫރިމަނާކޮށްފި އެވެ.


އިލެކްޝަންސް ކޮމިޝަނުން ބުރާސްފަތި ދުވަހުގެ ތާރީހުގައި މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، ސިޔާސީ ޕާޓީގެ ގަވާއިދުގައިވާ ގޮތުގެ މަތިން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މިދިޔަ އަހަރުގެ އޯޑިޓް ރިޕޯޓް ހުށަހަޅާފައި ނުވާތީ، ކޮންމެ ޕާޓީއެއް ބައި ލައްކަ ރުފިޔާ އިން ޖޫރިމަނާކޮށްފައި ވަނީ، އިބްރާހީމް އިސްމާއީލު (އިބްރާ) ރައީސްކަން ކުރައްވާ، ސޯޝަލް ލިބަރަލް ޕާޓީ އާއި އަމަރު ނަސީރު ކުރިން ރައީސެއްގެ ގޮތުގައި ހުންނެވި އަދި މިހާރު އުވާލުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައި ކޯޓުގައި އުޅޭ، އިސްލާމިކް ޑިމޮކްރެޓިކް ޕާޓީގެ އިތުރުން މޮނާޒާ މުހަންމަދު ނައީމު ރައީސްކަން ކުރައްވާ، މޯލްޑިވިއަން ނޭޝަނަލް ކޮންގްރެސް ކަމަށެވެ.


މިދިޔަ މަހުގެ 31 އިން ފެށިގެން 30 ދުވަހުގެ ތެރޭގައި އެ ފައިސާ އިލެކްޝަންސް ކޮމިޝަނަށް ދެއްކުމަށް އެ ތިން ޕާޓީއަށް މިހާރު އަންގާފައިވާ ކަމަށް ވެސް އެބަޔާނުގައިވެ އެވެ.


ސިޔާސީ ޕާޓީގެ ގަވާއިދުގެ 29 ވަނަ މާއްދާގައި ބުނެފައިވަނީ "މީލާދީ އަހަރެއް ނިމޭތާ ގިނަވެގެން 90 ދުވަހުގެ ތެރޭގައި ޕާޓީތަކަށް ލިބޭ ފައިސާ އާއި ތަކެތީގެ އަދަދާއި، އެ ފައިސާ އާއި ތަކެތި ލިބުނު ތަނަކާއި އެތަކެތި ލިބުނު ގޮތަކާއި ފައިސާ ޚަރަދުކުރެވުނު ގޮތުގެ ތަފްސީލާއި މަގުސަދު ހިމެނޭ އޯޑިޓް ރިޕޯޓެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭނެ" ކަމަށެވެ.