ނެޓްބޯލް ކުރިއަރުވަން ބީއެމްއެލްއިން އެހީތެރިވާން ނިންމައިފި
ނެޓްބޯލް ކުރިއަރުވަން ބީއެމްއެލްއިން އެހީތެރިވާން ނިންމައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއޭއެމް) އާއެކު ތިން އަހަރު ދުވަހުގެ މުއްދަތަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން، ނެޓްބޯލް އެސޯސިއޭޝަނުން ކޮންމެ އަހަރަކު ބާއްވާ އިންޓަސްކޫލް ނެޓްބޯލް ޓޯނަމެންޓް ނުވަތަ "ބީއެމްއެލް ރާއްޖެ ޖޫނިއަ ނެޓްބޯލް ޗެމްޕިއަންޝިޕް" އަދި ޖޫނިއާ ޗެމްޕިއަންޝިޕް ޓޯނަމެންޓް ހިންގުމަށް ބޭންކުގެ ފަރާތުން މާލީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

ނެޓްބޯލް އެސޯސިއޭޝަނުން މިފަދަ މުބާރާތްތައް ގަވާއިދުން ބާއްވަމުންދަނީ ދިވެހިރާއްޖޭގައި ނެޓްބޯޅަ ކުރިއަރުވައި ތަރައްގީކޮށް، ޒުވާން ކުޅުންތެރިންގެ ހުނަރުތައް އިތުރުކުރުމުގެ މަގުސަދުގައެވެ. މި ޕާޓްނާޝިޕްގެ ސަބަބުން ކުރިއަށް އޮތް ތިން އަހަރު ދުވަހު މި މުބާރާތްތައް އިތުރަށް ފުޅާކުރުމަށް ފުރުސަތު ލިބިގެންދާނެއެވެ.

ނެޓްބޯޅަ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ތެރެއިން--ސަންފޮޓޯ/ ފަޔާޒް މޫސާ

ބޭންކް އޮފް މޯލްޑިވްސް އިން ދަނީ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ކުޅިވަރު ހަރަކާތްތަކާއި ގައުމީ އެސޯސިއޭޝަންތަކާއެކު ސްޓްރެޓީޖިކް ޕާޓްނަޝިޕްތައް ގާއިމުކުރަމުންނެވެ. މި މަސައްކަތުގެ ދަށުން މުޅި ރާއްޖޭގައި ކުޅިވަރުގެ ހުނަރުތައް ތަރައްގީކުރުމަށް ބޭންކުން ބޮޑު އިސްކަމެއް ދެއެވެ.

ނެޓްބޯލް އެސޯސިއޭޝަންގެ އިތުރުން، ބީއެމްއެލް އިން ދަނީ ފުޓްބޯލް އެސޯސިއޭޝަން، ބާސްކެޓްބޯލް އެސޯސިއޭޝަން، މޯލްޑިވްސް އެކުއަޓިކްސް އެސޯސިއޭޝަން، ސާފިން އެސޯސިއޭޝަން، އަދި ޓެނިސް އެސޯސިއޭޝިއަން ފަދަ އިދާރާތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މީގެ އިތުރުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާއެކުވެސް ބޭންކުން ދަނީ ގާތް ގުޅުމެއް ބާއްވަމުންނެވެ.