ޒާތީ މައުލޫމާތު ރައްކާތެރިކުރަން އިހުސާނާ ހަވާލުކުރުން އެއީ ޑްރެކިއުލާ އާ ބްލަޑް ބޭންކް ހަވާލުކުރުން: ފިއްޓޭ
ޒާތީ މައުލޫމާތު ރައްކާތެރިކުރަން އިހުސާނާ ހަވާލުކުރުން އެއީ ޑްރެކިއުލާ އާ ބްލަޑް ބޭންކް ހަވާލުކުރުން: ފިއްޓޭ

ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ބިލަކީ ރާއްޖެއަށް މިވަގުތު ވަރަށް ބޭނުންތެރި ބިލެއް ކަމަށާއި، ނަމަވެސް އެ ބިލު ތަންފީޒުކުރަން ހޯމް މިނިސްޓަރު އަލީ އިހުސާނާ ހަވާލުކުރުމަކީ ޑްރެކިއުލާއާ ބްލަޑް ބޭންކެއް ހަވާލުކުރުން ކަހަލަ ކަމެއް ކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) މިއަދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލީ އިބްރާހީމް ހުށަހަޅުއްވާފައިވާ ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ބިލަށް ރައްޔިތުންގެ މަޖިލީހުގައި ބަހުސްކުރައްވަމުން ފިއްޓޭ ވިދާޅުވީ، މަޖިލީހުން ކުރާ މުހިންމު ދެ މަސައްކަތަކީ ގާނޫނު ހެދުމާއި އެ ގާނޫނުތަކަށް އަމަލުކުރާ މިންވަރު ބެލުން ކަމަށެވެ. ބިލުގެ މުހިންމުކަން ފާހަގަކުރައްވަމުން އޭނާ ވަނީ ބިލަށް ތާއީދުކުރައްވާފައެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާން: --- ފޮޓޯ: ރައީސް އޮފީސް

ނަމަވެސް، މިފަދަ މުހިންމު ބިލެއް ތަންފީޒުކުރުން ހޯމް މިނިސްޓަރާ ހަވާލުކުރުމާ މެދު ފިއްޓޭ ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރައްވާފައެވެ.

އެގޮތުން އޭނާ ތުހުމަތު ކުރެއްވި ގޮތުގައި، ވައިކަރަދޫގެ 400 އެއްހައި މީހުންގެ ޒާތީ މައުލޫމާތު ވަގަށް ނަގައިގެން ވެރިކަން ކުރާ ޕީއެންސީއަށް ވެއްދި ބޭފުޅަކީ މިނިސްޓަރު އިހުސާނެވެ. އަދި އެކަމަށް މިނިސްޓަރު އިއުތިރާފުވެވަޑައިގެންފައިވާ ކަމަށްވެސް ފިއްޓޭ ވިދާޅުވިއެވެ.

ފިއްޓޭ މިފަދައިން ވިދާޅުވިއިރު، އެމްޑީޕީން މީގެ ކުރިން ވަނީ އިހުސާންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. އޭގެ ތެރޭގައި އައިޑީކާޑް ޔުނިޓުން މައުލޫމާތު ހޯދައިގެން މީހުންނަށް ނޭނގި އެ މީހުން ވެރިކަން ކުރާ ޕީއެންސީއަށް ވެއްދުމަށް އެހީތެރިވި ކަމަށް ތުހުމަތު ކުރެއެވެ. އެއީ ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ވަރަށް ބޮޑުވި މައްސަލައެކެވެ.

މިފަދަ ތުހުމަތުތައް އިހުސާނަށް ކުރެވިފައިވާއިރު، މިކަމަށް އިޝާރާތް ކުރައްވައި ފިއްޓޭ ވިދާޅުވީ ޒާތީ މައުލޫމާތު ބިލް ތަންފީޒުކުރަން އިހުސާން އާއި ހަވާލުކުރުމަކީ ޑްރެކިއުލާއާ ބްލަޑް ބޭންކް ހަވާލުކުރުންފަދަ ކަމެއް ކަމަށެވެ.

"އަޅުގަނޑު މި ދަންނަވަނީ ޒާތީ މައުލޫމާތުގެ ބިލު ތަންފީޒުކުރަން ވެގެން އިހުސާން އާއި ހަވާލުކުރުން އެއީ ޑްރެކިއުލާއާ ބްލަޑް ބޭންކް ހަވާލުކުރުންފަދަ ކަމެއް،" ފިއްޓޭ ވިދާޅުވިއެވެ.

މީގެ އިތުރުން، ސަރުކާރުން ގާނޫނުތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުންދާ ކަމަށް ފިއްޓޭ ތުހުމަތުކުރެއްވިއެވެ. ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ގާނޫނު ގިނަ ގައުމެއްކަން ފާހަގަކުރައްވައި، ވިޔަފާރީގެ އުސޫލުން ގާނޫނު ވިއްކަން ނުކުތަސް އެންމެ ބޮޑަށް ވިކޭނީ ރާއްޖޭގެ ގާނޫނުތައް ކަމަށާއި، އޭރުން ތަންފީޒުކުރަން ޖެހޭ ގާނޫނުތައް މަދުވާނެ ކަމަށް ވިދާޅުވެ އޭނާ ވަނީ ސަރުކާރަށް ފާޑުވިދާޅުވެފައެވެ.