20 Sep 2012, 11:35
ގެސްޓް ހައުސްއެއްގެ ތެރޭގައި ބިއަރު ދަޅުތަކެއް ގެންގުޅުނު މީހަކު 1000ރ. އިން ޖޫރިމަނާ ކޮށްފި އެވެ.
ބަނގުރާ ގެންގުޅުމުގެ ކުށުގައި 1000ރ. އިން ޖޫރިމަނާ ކުރުމަށްފަހު އެ ފައިސާ ހަތް ދުވަހުގެ ތެރޭގައި ކްރިމިނަލް ދައްކަން ހުކުމް ކޮށްފައި ވަނީ ސ. މީދޫ، ސީސަންވާދީ، މުހައްމަދު މުއާޒުގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނަނީ މުއާޒު ކުއްޔަށް ހިފައިގެން އުޅޭ އޮފް ޑޭ އިން ގެސްޓް ހައުސްގެ ކޮޓަރިއަކަށް މެއި 12، 2010 ދުވަހުގެ ރޭގެ ވަގުތެއްގައި ފުލުހުން ގޮސް އޭނާގެ ހާޒިރުގައި އެ ކޮޓަރި ބަލައި ފާސްކުރި އިރު އެ ކޮޓަރީގެ އެނދުގެ ދަށުން ކާލްސް ބާގް ބްރޭންޑްގެ ފަސް ދަޅު ބިޔަރު ފެނިފައިވާކަން އޭނާ ޝަރީއަތުގައި ދައްކާފައިވާ ވާހަކަތަކުންނާއި ހެކީންގެ ހެކިބަހުން އެނގޭ ކަމަށެވެ.
އެ ކޮޓަރީއަކީ އޭނާ ކުއްޔަށް ހިފާފައިވާ ކޮޓަރިއެއް ކަން އެ ގެސްޓް ހައުސްގެ ނަންނޯޓު ކުރާ ފޮތުން އެނގޭ އިރު އެ ކޮޓަރީގެ ތަޅުދަނޑި އެހެން މީހެއްގެ އަތުގައި އޮންނަކަން މުއާޒަށް ޝަރީއަތަށް ސާބިތުކޮށްދެވިފައި ނުވާކަމަށް ވެސް ހުކުމް ބުނެ އެވެ.
ބިޔަރު ދަޅުތައް ކޮޓަރިއަށް ވެއްދީ ކާކުކަން މުއާޒަށް ބުނެދެވިފައި ނުވާއިރު އަދި އެ ކޮޓަރި އޭނަގެ ބެލުމުގެ ދަށުގައި ހުރި އިރު އެވަގުތު އެ ގެސްޓް ހައުސްގައި ހުރި އެހެން މީހަކު އެ ކޮޓަރިއަށް ވަދެފައިވާކަން އެނގެން ނެތްކަމަށް ވެސް އެ ހުކުމްގައި ވެއެވެ. އަދި ބިޔަރު ދަޅުތަކަކީ އެހެން މީހެއްގެ އެއްޗެއްކަން ނުވަތަ އޭނާގެ އެއްޗެއް ނޫން ކަމަށް ބެލެވޭނެ އެއްވެސް ގަރީނާއެއް އޭނާ ޝަރީއަތަށް ހުށަހަޅާފައި ނުވުމުން އޭނާ ޝަރީއަތުގައި ދައްކާފައިވާ ވާހަކަތަކުންނާއި ކަންހިނގާފައިބާ ގޮތަށް ބަލާއިރު އެބިޔަރު ދަޅުތަކަކީ އޭނާގެ އެއްޗެއްކަން ޝަރީއަތަށް ސާބިތުވާކަމަށް ވެސް އެ ހުކުމްގައި ވެއެވެ.
"ދިވެހިރާއްޖެއަށް ގެނައުން މަނާތަކެތީގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ށ) ގެ އެއްވަަނަ ނަންބަރުގެ ދަށުން ބަނގުރާ ގެންގުޅުމުގެ ކުށުން މުހައްމަދު މުއާޒު ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި މިއީ މިފަދަ ކުށެއް މުހައްމަދު މުއާޒު ގެ މައްޗަށް ސާބިތުވާ ފުރަތަމަ ފަހަރު ކަމަށްވާތީ މިކުށުގެ އުގޫބާތުގެ ގޮތުން ބުނެވިދިޔަ ގާނޫނުގެ 13 ވަނަ މާއްދާގެ (ޅ) ގެ ދަށުން މުހައްމަދު މުއާޒު 1000ރ. އިން ޖޫރިމަނާ ކޮށް، މިފައިސާ މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް ސ. މީދޫ ސީސަންވާދީ މުހައްމަދު މުއާޒުގެ މައްޗަށް ހުކުމްކޮށްފީމެވެ،" ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ވެއެވެ.