ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާއަށް ބޭއްވި ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި އަބްދުﷲ ޞާދިގު (ސޯބެ) މިއަދު މަގާމުގެ ހުވާ ކުރައްވައިފިއެވެ.

މިއަދު ބާއްވާ މަޖިލީހުގެ ޖަލްސާގައި ސޯބެ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރުކަމުގައި ކުރިން ހުންނެވި މުހައްމަދު ސިނާންގެ މައްޗަށް ސާބިތުވެފައިވާ ދަރަންޏެއް ހުކުމާ އެއްގޮތަށް ދައްކާފައި ނުވާތީއެވެ. އެ މައްސަލައިގައި ސުޕްރީމް ކޯޓުން 12 އޭޕްރިލްގައި ކުރި ހުކުމާ ގުޅިގެން ސިނާންގެ މެންބަރުކަމުގެ ޝަރުތު ވަނީ އުނިވެފައެވެ.

އެ ދާއިރާގައި މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި ބައި-އިލެކްޝަންގައި ސޯބެ މި ގޮނޑި ކާމިޔާބު ކުރެއްވީ ވޯޓުލީ މީހުންގެ 51 އިންސައްތަ ވޯޓު ހޯއްދަވައިގެންނެވެ. އެއީ ޖުމްލަ 1375 ވޯޓެވެ. އޭނާއާ ވާދަކުރެއްވި ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓު އަހުމަދު ސައީދު (ސޮޑާ) އަށް ލިބިވަޑައިގަތީ 48 އިންސައްތަ ވޯޓެވެ. އެއީ 1313 ވޯޓެވެ.

އިންތިޚާބުގެ ކާމިޔާބީއަށްފަހު ވާހަކަ ދައްކަވަމުން ސޯބެ ވިދާޅުވީ މަޖިލީހުގެ ތެރެއިން ސަރުކާރު ޒިންމާދާރު ކުރުވުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

ސޯބެ ވަނީ މީގެ ކުރިން އައްޑޫ ސިޓީގެ މޭޔަރުގެ މަގާމު ވިދިވިދިގެން ތިން ދައުރު އަދާކުރައްވާފައިއެވެ. މިއީ އޭނާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެއްގައި ވާދަކުރެއްވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ސޯބެ މަޖިލީހާ ގުޅިވަޑައިގަތުމާއެކު އެމްޑީޕީގެ މެންބަރުންގެ އަދަދު ވަނީ 13އަށް އިތުރުވެފައެވެ. އެ މަޖިލީހުގައި ވެރިކަން ކުރާ ޕީއެންސީގެ މެންބަރުންގެ އަދަދު ވަނީ 74އަށް މަދުވެފައެވެ.