20 Sep 2012, 11:33
ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގައި ނެކްސް ބިޒްގެ ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ ބޭނުން ކުރަން ފަށާފައިވާތީ ދެން އެ ސިސްޓަމް ހުއްޓާލަން ޖެހިއްޖަނަމަ ވާނެ ގޮތްވެސް ނޭންގޭ ކަމަށް ކޮންޓްރޯލާ އޮފް އިމިގްރޭޝަން، ޑރ. މުހަންމަދު އަލީ ވިދާޅުވެއްޖެ އެވެ.
ކޮންޓްރޯލާ ވިދާޅުވީ ރާއްޖެއަށް އެތެރެވާ މީހުންނާއި އަދި ރާއްޖޭން ބޭރަށްދާ ބިދޭސީންގެ ހުރިހާ މައުލޫމާތުތަކެއް މިހާރު ރެކޯޑް ކުރަމުން ގެންދަނީ ނެކްޒް ބިޒުން ގާއިމްކޮށްފައިވާ ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ ތެރެއިން ކަމަށާއި އެކަން އެގޮތަށް ކުރަނިކޮށް އަނެއްކާވެސް ކޯޓު އަމުރަކުން އެކަން ހުއްޓާލަން ޖެހިއްޖެނަމަ ރާއްޖޭގެ ބޯޑަރު ތޮއްޖެހިދާނެ ކަމަށެވެ.
"އެ ހިސާބުން ދެން ހުރިހާ މަސައްކަތެއް ކުރަން ޖެހޭނީ މެނުއަލްކޮށް، ކޮންމެ ދުވަހަކު 10 އަކާއި 17 ގާތްކުރާ އެތައް ފްލައިޓެއް ރާއްޖެއަށް އަންނަ އިރު މެނުއަލް ކޮށް އެ މަސައްކަތް ކުރަން ޖެހިއްޖެނަމަ ދެން ވާނެ ގޮތް ވިސްނަވާ! އެ ހިސާބަށް ދިޔައިމާ ދެން ނުކުންނާނެ މައްސަލަތައް ތަސައްވަރުވެސް ކުރެވޭނީ،" ކޮންޓްރޯލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހައިކޯޓުން ކުރި ހުކުމާއި ގުޅިގެން އެ ޑިޕާޓްމަންޓަށް ވެސް މިހާރު އޮޅުން އަރާފައިވާ ކަމަށާއި ތަބާވާނީ ކޮންކޯޓަކަށް ކަންވެސް ނޭނގޭ ކަމަށެވެ.
"މީގައި އޮޅުންތަކެއް އެބަހުރި، ހަގައިމުވެސް އަޅުގަނޑުމެންގެ މައްޗަކަށް ހައިކޯޓުގެ ހުކުމެއް ނާދޭ، ދެން އޮތީ ސުޕްރީމްކޯޓުގެ ހުކުމް ކޮބައިތޯ؟ މީގައި ކޮމްޕްލިކޭޝަން މިހުރީ،" ކޮންޓްރޯލާ ވިދާޅުވި އެވެ.
ނެކްޒް ބިޒްއިން 500 މިލިއަން ޑޮލަރު ހަރަދުކޮށްގެން ގާއިމްކުރާ އެ ސިސްޓަމްގައި 15 ކޮމްޕޮނެންޓް ހިމެނޭ ކަމަށައި އެ ސިސްޓަމް ގާއިމްކުރަން ހޭދަކުރާ އިންވެސްޓްމަންޓްގެ އަގު އެއް އަހަރު ތެރޭގައި ލިބޭނެ ކަމަށް ބުނާ ބުނުމަކީ ދޮގެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އޭގެ ބަދަލުގައި އެ ސިސްޓަމަކީ ރާއްޖޭގެ މާލިއްޔަތަށް ވަންނަން ޖެހި ނުވަދެދާ އެތައް ފައިސާއެއް ސަލާމަތް ކުރެވޭނެ ނިޒާމެއް ކަމަށެވެ.
"މިއީ އަޅުގަނޑުމެން ހަގީގަތަށް ވާހަކަ ދައްކަން ޖެހޭ މައްސަލައެއް. އެހެން ނޫނީ ބިދޭސީންގެ ހުރިހާ ކަމެއް ދެން ފެންނާނީ އަޅުގަނޑުމެން އަތް ނުފޯރާ ފަށުގައި އޮތްވާ،" ކޮންޓްރޯލާ ވިދާޅުވި އެވެ.
ނެކްސް ބިޒަށް ދީގެ ބޮޑާ ކޮންޓްރޯލްގެ މަސައްކަތް ފެށީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އެއްބަސްވުމުގައި ސޮއިނުކޮށް މަޑުޖައްސާލުމަށް އަމުރުކޮށްފައި ވަނިކޮށެވެ. އެއާއެކު އޭސީސީން ދެ ފަހަރެއްގެ މަތިން ކޯޓު މެދުވެރިކޮށް އެ ޕްރޮޖެކްޓް ހުއްޓުވި އެވެ. އޭސީސީން ބުނަނީ އެ ޕްރޮޖެކްޓް ނެކްސް ބިޒަށް ދިނުމުގައި ވަރަށް ބޮޑެތި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށެވެ.
އިމިގުރޭޝަނުން އެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން 22 އަހަރުވަންދެން ރާއްޖެ އިން ފުރާ އަދި އަންނަ ކޮންމެ ފަސިންޖަރެއްގެ އަތުން ކޮޅަކަށް ދެ ޑޮލަރު ނެކްސް ބިޒަށް ނެގުމުގެ ބާރު ލިބިދެ އެވެ. އަދި އަލަށް ހައްދާ ކޮންމެ ވީސާ ހުއްދައަކުން އަދި އާ ކުރާ ކޮންމެ ހުއްދައަކުން 15 ޑޮލަރު ވެސް ނެގުމަށް ހަމަޖެހިފައިވެ އެވެ.