ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް އީ ގައި ކިއުރަސާއޯއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗު ބޮޑު ތަފާތަކުން ކާމިޔާބުކޮށް ޖަރުމަނުން މުބާރާތުގެ ފެށުން ވަރުގަދަކޮށްފިއެވެ.

އެމެރިކާގެ ހޫސްޓަން ސްޓޭޑިއަމްގައި ކުޅުނު މި މެޗު ޖަރުމަނުން ކާމިޔާބުކުރީ 7-1 ގެ ބޮޑު ނަތީޖާއަކުންނެވެ.

މެޗުގެ ވަރަށް ކުރީކޮޅުގައި، 6 ވަނަ މިނެޓުގައި ފީލިކްސް އެންމެޗާ ޖަރުމަނަށް ކުރިހޯދައިދީފައި ވަނިކޮށް، ކިއުރަސާއޯގެ ލިވާނޯ ކޮމެނެންސިއާ ވަނީ 21 ވަނަ މިނެޓުގައި ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފިއެވެ.

މިއީ ކިއުރަސާއޯގެ ބައިނަލްއަގުވާމީ ވޯލްޑް ކަޕް ތާރީޚުގައި އެގައުމުން ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ. ނަމަވެސް، ޖަރުމަނުގެ ވަރުގަދަ ހަމަލާތައް ހުއްޓުވުމުގައި ކިއުރަސާއޯގެ ޑިފެންސަށް މާބޮޑު ބާރެއް ނުދެއްކުނެވެ.

ޖަރުމަނުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން އިތުރު ދެ ލަނޑު ޖަހައި މެޗުގެ ކޮންޓްރޯލް އަލުން ހޯދާފައެވެ. އެގޮތުން 37 ވަނަ މިނެޓުގައި ނިކޯ ޝްލޮޓަރބެކް ލަނޑެއް ޖެހިއިރު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކައި ހަވާޓްޒް ވަނީ ޕެނަލްޓީއަކުން ލަނޑެއް ކާމިޔާބުކޮށް 3-1 އަށް ނަތީޖާ ބަދަލުކޮށްފައެވެ.

ދެވަނަ ހާފު ފެށިގެން އެންމެ 69 ސިކުންތުގެ ތެރޭގައި ޖަމާލް މުސިއާލާ ޖަރުމަނުގެ ހަތަރުވަނަ ލަނޑު ޖެހިއެވެ. އޭގެ ފަހުން 67 ވަނަ މިނެޓުގައި ނަތާނިއަލް ބްރައުން، 77 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޑެނިޒް އުންޑާވް އަދި 87 ވަނަ މިނެޓުގައި ކައި ހަވާޓްޒް ޖެހި ދެވަނަ ލަނޑާއެކު ޖަރުމަނުން ވަނީ މެޗުގެ ނަތީޖާ 7-1 އަށް ބަދަލުކޮށްލާފައެވެ.

މެޗުން ބަލިވި ކިއުރަސާއޯ އަކީ އެންމެ 158،000 އެއްހާ މީހުންގެ ކުޑަކުޑަ އާބާދީއެއް އޮންނަ، ކެރީބިއަން ކަނޑުގެ ކުޑަ ޖަޒީރާ ގައުމެކެވެ. އެ ގައުމުން މިފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވީ މުޅި މުބާރާތުގެ ތާރީޚުގައިވެސް ކޮލިފައިވި އެންމެ އާބާދީ މަދު އަދި އެންމެ ބިންކުޑަ ގައުމުގެ ގޮތުގައި ގިނިސް ރެކޯޑެއް ހާސިލްކުރަމުންނެވެ.

ނެދަލެންޑްސްގެ ދަށުން ހިންގާ އަމިއްލަ މިނިވަންކަމެއް އޮންނަ މި ގައުމުގެ ޓީމު ބިނާވެފައިވަނީ ނެދަލެންޑްސްގެ ފުޓްބޯޅަ ނިޒާމުގެ ތެރެއިން ތަމްރީނުވެފައިވާ، ކިއުރަސާއޯގެ ނަސްލަށް ނިސްބަތްވާ މޮޅު ކުޅުންތެރިންގެ މައްޗަށެވެ.

މީގެއިތުރުން، އެމީހުންގެ ކޯޗަކީ ދުނިޔޭގެ އެންމެ ތަޖުރިބާކާރު އެއް ކޯޗު ކަމަށްވާ، އުމުރުން 78 އަހަރުގެ ޑިކް އެޑްވޮކާޓެވެ. އޭނާ ވަނީ މި މެޗާއެކު ވޯލްޑް ކަޕް ތާރީޚުގައި ޓީމަކަށް އިރުޝާދުދިން އެންމެ ދުވަސްވީ ކޯޗުގެ ރެކޯޑުވެސް ހަދާފައެވެ.

އަނެއްކޮޅުން ޖަރުމަނަކީ ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ބޮޑު އެއް ބާރެވެ. އެގައުމަކީ މީގެ ކުރިން ހަތަރު ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ބޮޑު ބާރެކެވެ.

މި މެޗުގައި ޖަރުމަނުގެ ގޯލް ބެލެހެއްޓީ އެގައުމަށް 2014 ވަނަ އަހަރު ވޯލްޑް ކަޕް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރި، އަދި ކުޅުން ހުއްޓާލުމަށްފަހު އަލުން ގައުމީ ޓީމަށް އެނބުރި އައި އުމުރުން 40 އަހަރުގެ ތަޖުރިބާކާރު ގޯލްކީޕަރު މެނުއަލް ނޯޔާއެވެ.

މި ގްރޫޕުގައި ހިމެނޭ އަނެއް ދެ ގައުމަކީ އިކުއެޑޯ އަދި އައިވަރީ ކޯސްޓެވެ. ޖަރުމަނާއި ކިއުރަސާއޯ ދެން އެންމެ އަވަހަށް ބައްދަލުކުރަން ޖެހޭ މެޗުތަކުގައި، ކިއުރަސާއޯ ޖޫން 20 ގައި ނިކުންނާނީ އިކުއެޑޯއާ ދެކޮޅަށެވެ.

ޖަރުމަނު ދެން ބައްދަލުކުރަން ޖެހޭނީ އެފްރިކާގެ ވަރުގަދަ ބާރެއް ކަމަށްވާ އައިވަރީ ކޯސްޓާއެވެ. އެއަށްފަހު، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޖޫން 25 ގައި ކިއުރަސާއޯ ނިކުންނާނީ އައިވަރީ ކޯސްޓާ ދެކޮޅަށެވެ.