20 Sep 2012, 11:13
ބެއިޖިންގް (ސެޕްޓެމްބަރ 20) : އެމެރިކާގެ ދިފާޢީ ވަޒީރު ލިޔޮން ޕެނެޓާ، ޗައިނާގެ މުސްތަޤްބަލްގެ ރައީސް އަދި މިހާރުގެ ނައިބު ރައީސް ޝީ ޖިންބިންގް އާ ބެއިޖިންގްގައި ބައްދަލުކުރައްވައިފި އެވެ. މިއީ ޔޫރަޕަށް ކުރިން ދިން އިސްކަން މިހާރު އޭޝިޔާއަށް ދޭގޮތަށް އެމެރިކާގެ ސްޓްރެޓެޖީ ބަދަލުކުރިކަން ހާމަވުމަށްފަހު ޕެނެޓާ، ޗައިނާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ޖަޕާނަށް ކުރެއްވި ދަތުރުފުޅެއް ނިންމަވާލެއްވުމަށް ޗައިނާއަށް ވަޑައިގެން ފުރަތަމަ ދެއްވި ބަޔާނުގައި ޕެނެޓާ ވިދާޅުވީ ޗައިނާއާ ގުޅުންތައް ބަދަހިކުރަން އެމެރިކާ ބޭނުން ކަމުގައެވެ. ޕެނެޓާއާއި ޝީ ޖިންބިންގް ބައްދަލުކުރެއްވީ ޗައިނާގެ ޕީޕަސްގެ މާލަމުގެ ނަމުން މަޝްހޫރުވެފައިވާ ހައިބަތުބޮޑު ޢިމާރާތުގައެވެ. ޕެނެޓާ އާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝީ ޖިންބިންގް ވެސްވަނީ އެމެރިކާއާ ގުޅުންތައް ބަދަހިކުރުމަކީ ޗައިނާ އިސްކަން ދޭކަމެއްކަމަށް ވިދާޅުވެފައެވެ. ޚާއްސަކޮށް ޢަސްކަރީ ގޮތުންނާއި ސިޔާސީ ގޮތުން ދެޤައުމުގެ ދެމެދުގައި އިތުބާރާއި ޔަގީންކަން އޮތުމުގެ މުހިއްމު ކަމުގެ މައްޗަށް މިރަސްމިއްޔާތުގައި ދެއްކެވި ވާހަކާގައި ޝީ ޖިންބިންގް އަލިއަޅުވާލެއްވިއެވެ.
ޕެނެޓާ ޗައިނާއަށް ވަޑައިގެން މިއުޅުއްވަނީ އޭޝިޔާގައިވާ އެމެރިކާގެ އެންމެ ނުފޫޒުގަދަ ޤައުމު އަދި އެމެރިކާގެ ބައިވެރިޔާ ކަމަށްވާ ޖަޕާނާއި ޗައިނާއާ ދެމެދު މިލްކުވެރިކަމުގެ އަރާރުން އުފެދިފައިވާ ޖަޒީރާތަކުގެ މައްސަލާގައި ޖަޕާން ކުރިޔަށްވުރެ ހަރުކަށި ގޮތެއްގައި ޙަރަކާތްތެރިވާން ފެށުމުން ދެޤައުމުގެ ގުޅުންތައް ގޯސްވެފައިވާ ދުވަސްވަރެއްގައެވެ. މިލްކުވެރިކަމުގެ އަރާރުން އުފެދިފައިވާ ޖަޒީރާތަކުގެ މައްސަލަ ހޫނުވީ ކޮންމެ އަގެއްގައި ނަމަވެސް އެރައްތައް ޗައިނާއަތުން ގަންނާނެ ކަމަށްބުނެ ޖަޕާން ސަރުކާރުން ބަޔާނެއް ނެރުމާގުޅިގެންނެވެ.
ޗައިނާއާ މެދު މިފަދަ އިހާނާތްތެރި ގޮތަކަށް ބަޔާނެއް ނެރުމުގެ ހިއްވަރު ޖަޕާނަށް ލިބުނީ އެމެރިކާގެ ސްޓްރެޓީޖިކް ސިޔާސަތުތަކަށް ދާދިފަހުން ގެނައި ބަދަލުތަކާ ގުޅިގެން ކަމަށްވަނީ ބެލެވިފައެވެ. މި ބަދަލުތަކުގައި އެމެރިކާވަނީ ޔޫރަޕަށް ކުރިން ދިން އިސްކަން ޔޫރަޕްގެ ބަދަލުގައި މިހާރު އޭޝިޔާއަށް ދޭންފަށާފައިވާކަން ހާމަކޮށްފައެވެ. މިކަމުގެ ސަބަބުން ޗައިނާ އާ ވާދަކުރާ އެމެރިކާއަށް ޖަޕާނުގެ ބޭނުންތެރިކަން ބޮޑުވެގެންދާނެ ކަމަށް މުޙައްލިލުން ދެކެވަޑައިގަންނަވައެވެ.
ޔޫރަޕްގެ ޤައުމުތަކުގެ ބޭނުންތެރިކަން އެމެރިކާއަށް ކުރިން ބޮޑުވީ ކުރީގެ ސޮވިއެޓް ޔުނިޔަން އަދި ފަހުން ރަޝިޔާ އާ ވާދަކުރަމުން ގެންދިޔަ ދުވަސްވަރުގައެވެ. މިހާރު އެމެރިކާ ޢަސްކަރީ ގޮތުންނާއި އިޤްތިސާދީ ގޮތުންނާ އަދި ބާރާއި ނުފޫޒުގެ ގޮތުން ދުނިޔޭގައި ވާދަކުރަންޖެހިފައިވަނީ ޗައިނާއަށެވެ. ޗައިނާ އާ ވާދަކުރާއިރު ޖަޕާނުގެ އަގު އެމެރިކާގެ ކުރިމަތީގައި ކުރިޔަށްވުރެ ބޮޑުވެގެންދާނެ ކަމަށްވަނީ ބެލެވިފައެވެ.
ނަމަވެސް ޗައިނާގެ ޢަސްކަރީ އެކަޑަމީގައި ރޭ ވާހަކަ ދައްކަވަމުން ޕެނެޓާ ވަނީ ޔޫރަޕަށް ކުރިން ދިން އިސްކަން ޔޫރަޕްގެ ބަދަލުގައި މިހާރު އޭޝިޔާއަށް ދޭގޮތަށް އެމެރިކާގެ ސްޓްރެޓެޖީ ބަދަލުކުރީ ޗައިނާއާ ދިމާކުރަންނޫންކަން ޗައިނާއަށް ވިސްނައި ދިނުމަށް މަސައްކަތް ކުރައްވާފައެވެ. އަދި ޖަޕާނާއި ޗައިނާ އާ ދެމެދު މިލްކުވެރިކަމުގެ އަރާރުން އުފެދިފައިވާ ޖަޒީރާތަކުގެ މައްސަލާގައި އެމެރިކާ ވަކިކޮޅަކަށް ނުޖެހޭ ކަމަށްވެސް ޕެނެޓާ ވިދާޅުވިއެވެ. -- ނޫސްއެޖެންސީތައް