މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޓީވީގެ ޝޯތައް ހޯސްޓުކޮދީށްގެން: ޖާވިދު
މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޓީވީގެ ޝޯތައް ހޯސްޓުކޮދީށްގެން: ޖާވިދު

އިންޑިއާގެ ކުޅަދާނަ ނެށުންތެރިޔާ އަދި އެކްޓަރު ޖާވިދު ޖެފްރީއަށް މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ، ޓެލެވިޒަން ހޯސްޓެއްގެ ގޮތުގައި މަސައްކަތްކުރި ދުވަސްވަރު ކަމަށް ބުނެފިއެވެ.

ޓެލެވިޒަން ދާއިރާގައި މަސައްކަތްކުރި ދުވަސްތަކުގެ ހަނދާން އާކުރަމުން ޖާވިދު ބުނީ، އޭނާ ޗެނަލް 'ވީ'ގައި ހޯސްޓެއްގެ ގޮތުގައި މަސައްކަތްކުރިއިރު އެއީ ޓީވީގައި އެންމެ ބޮޑު އުޖޫރައެއް ލިބުނު ހޯސްޓު ކަމަށެވެ.

އިންޑިއަން އެކްސްޕްރެސްއަށް ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން ޖާވިދު ބުނީ، މީގެކުރިން ފިލްމުތަކުން ފުރުސަތު ލިބުނު ނަމަވެސް އެ ފިލްމުތަކުން މާބޮޑު އުޖޫރައެއް ނުލިބޭ ކަމަށެވެ.

ހަމައެއާއެކު ފިލްމު ކާމިޔާބު ނުވެއްޖެނަމަ ބާކީ ހުރި ފައިސާ ދޫކޮށްލުމަށް ވަރަށް ގިނަ ޕްރޮޑިއުސަރުން އެދިފައި އެބަހުރި ކަމަށާއި ނަން މަޝްހޫރު ޕްރޮޑިއުސަރުންވެސް 30،000 ނުވަތަ 35,000 ރުޕީސް ދިނުމަށްފަހު، ބާކީ ހުންނަ 15,000 ވަރު ދޫކޮށްލުމަށް އެދިފައިވާނެ ކަމަށް ޖާވިދު ވަނީ ބުނެފައެވެ.

ޖާވިދު ދަރިފުޅު މީޒާންއާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

އެހެންވެ ދިރިއުޅުމުގެ ބޮޑު ބައެއް އޭރު ބަރޯސާވެފައި އޮންނަނީ ޓީވީ ހޯސްޓެއްގެ ގޮތުގައި މަސައްކަތްކޮށްގެން ލިބޭ އާމްދަނީގެ މައްޗަށް ކަމަށް ފިލްމު ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރާ ޖާވިދު ބުނެފައިވެއެވެ. އަދި ޖާވިދުގެ އާއިލާ މިހާރު ދިރިއުޅޭ ގެ ވެސް ގަތީ ޓީވީގައި މަސައްކަތްކޮށްގެން ލިބުނު އާމްދަނީއިން ކަމަށް އޭނާ ވަނީ ބުނެފައެވެ.

ޗެނަލް 'ވީ'އާ ޖާވިދު ގުޅުނު ހިސާބުން ބެލުންތެރިންނަށް އޭނާގެ ކިބައިގައި ހުރި މަޖާ ސިފަތައް ފެންނަންފެށި ކަމަށާއި މަޝްހޫރު ޑާންސް ޝޯ "ބޫގީ ވޫގީ" ފެށުނީ އޭގެފަހުން ކަމަށް ޖާވިދު ބުނެފައިވެއެވެ.

ފިލްމު "ސަލާމް ނަމަސްތޭ"، "ދަމާލް" އަދި "ތަރަ ރަމް ޕަމް"، އަދި ވެބް ސީރީސް "ޑު ޔޫ ވޮނަ ޕާޓްނަ" ފަދަ އުފެއްދުންތަކުގައި މަސައްކަތްކޮށްފައިވާ ޖާވިދު އަކީ ސޮނީ އެންޓަޓެއިންމަންޓްއިން ދާދިފަހުން ދައްކަންފެށި "އިންޑިއާސް ބެސްޓް ޑާންސަ" ސީޒަން 5ގެ ފަނޑިޔާރުންގެ ޕެނަލުގައި ވެސް ހިމެނޭ ފަންނާނެކެވެ.

ޖާވިދު ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ އަންނަ މަހުގެ 10 ވަނަ ދުވަހު ރިލީޒްކުރާ ހެއްވާ މަޖާ ފިލްމު "ދަމާލް 4"ގެ ރޯލަކުންނެވެ.