14 Jun 2026, 22:22
ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން އެމެރިކާގެ ފްލޮރިޑާގެ ޕާމް ބީޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕޯޗުގަލް ފުޓުބޯޅަ ޓީމުން ކުރިއަށްގެންދާ ތަމްރީނު ކޭމްޕް ސަރަހައްދުން ތަކުރާރުކޮށް ކިނބޫ ފެންނަމުންދާތީ އެ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ކަންބޮޑުވުން ފާޅުކުރަމުން އަންނަކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
ޕޯޗުގަލް ޓީމާއި ހަވާލާދީ ޕޯޗުގަލްގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޕްރެކްޓިސް ކުރާ ދަނޑުތަކާއި ހިނގާ މަގުތަކުގެ ކައިރިން މިހާތަނަށް ހަތަރު ކިނބޫ ފެނިފައިވެއެވެ. މިކަމުގެ ސަބަބުން ކުޅުންތެރިންގެ މެދުގައި ބިރުވެރިކަން އުފެދިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި ހާދިސާތަކާ ގުޅިގެން ބައެއް ކުޅުންތެރިން ވަނީ އެމީހުން ތިބޭ ހޮޓެލް ކޮޓަރިތަކުން ބޭރަށް ނުކުތުމަށް ވެސް އިންކާރުކޮށްފައެވެ.
"ހަތަރު ކިނބޫ" ފެނިފައިވާ ކަމަށް ރިޕޯޓްތައް ބުނާއިރު، މިއީ ކުޅުންތެރިންގެ ރައްކާތެރިކަމާ މެދު ސުވާލު އުފެދިފައިވާ ކަމެކެވެ.
ޕޯޗުގަލް ޓީމުން މިހާރު ދަނީ މިކަމާ ގުޅިގެން ކޭމްޕްގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުންނެވެ.
ނަމަވެސް މިހާތަނަށް މިކަމާ ގުޅޭ ގޮތުން ޕޯޗުގަލްގެ ފުޓްބޯޅަ ފެޑަރޭޝަނުން ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.