20 Sep 2012, 10:40
ޒަކާތާބެހޭ ގާނޫނާއެކު ޒަކާތުގެ މުއައްސަސާއެއް އުފެދުމުން ޒަކާތް ދައްކާ މިންވަރު އިތުރުވެ އިތުބާރު ލިބިގެންދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
މިނިސްޓަރު މުހައްމަދު ޝަހީމް ވިދާޅުވީ ޒަކާތުގެ ކަންކަން މިހާރު އޮންނަ ގޮތުން ތަފާތު ދަތިތަކާ ދިމާވާ ކަމަށާއި ނަމަވެސް ވަކި މުއައްސަސާއެއް އުފެދުމުން ޒަކާތާ ގުޅިގެން މިހާރު ދިމާވާ ދަތިތައް ހައްލު ވެގެންދާނެ ކަމަށެވެ. އަދި ޒަކާތުގެ ގާނޫނު އަންނަ އިރު ޒަކާތް ދައްކަން ޖެހޭ މިންވަރާއި މުދަލާއި އަދި ޒަކާތުގެ ފައިސާ ހުންނަން ޖެހޭނެ ގޮތް ވަކިންކަން ބަޔާންކޮށްފައި ވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ޒަކާތުގެ ބިލް ރައްޔިތުންގެ މަޖިލީހުގެ ފެށޭ ދައުރަށް ހުށަހަޅުއްވަން އުންމީދު ކުރައްވާ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ. އަދި ވިދާޅުވީ ބިލް ޑްރާފްޓް ކުރުމަށްފަހު ގާނޫނީ ގޮތުން ބަލަންޖެހެ ބެލުންތައް ބަލަން އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ކަމަށެވެ.
"ގާނޫނު ތައްޔާރު ކުރުމުގައި ބެލީ ކުޥޭތާއި ގަތަރާއި މެލޭޝިޔާ ފަދަ ގައުމު ތަކުގެ ސިސްޓަމްތައް،" ޝަހީމް ވިދާޅުވި އެވެ.
މީގެކުރިން ވެސް ޒަކާތާބެހޭ ގާނޫނެއް ހަދަން މަސައްކަތް ކުރި އެވެ. ނަމަވެސް ހިސާބަކަށް ގޮސް ބިލްގެ މަސައްކަތް އޮތީ މަޑުޖެހިފައި އޮތީ އެވެ.
މިނިސްޓަރު ވިދާޅުވީ ޒަކާތާބެހޭ ގާނޫނު އައުމުން ޒަކާތާއި ބެހޭ ވަކި މުޢައްސަސާއެއް އުފެދޭއިރު ޒަކާތާއިބެހޭ މަޖިލިހެއް ވެސް އުފެދިގެން ދާނެ ކަމަށާއި އޭގެ އިތުރުން ސުޕަވައިޒަރީ ކައުންސިލެއް ވެސް އޮންނާނެ ކަމަށެވެ. އެ މަޖިލިސް އުކުލެވިގެންދާނީ ފިގުހު ކޮމެޓިގެ މެމްބަރުންގެ މައްޗަށާއި ވިފާރިވެރިންނާއި އަދި މިނިސްޓްރީ ވެސް އެކުލެވޭ ގޮތައް ކަމަށާއި އެ މަޖިލީހުގައި ކަންކަން މަޝްވަރާގެ މަތިން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖެއަށް ޓެކްސްގެ ނިޒާމް ތަޢާރަފުވުމުން ވިޔަފާރި ވެރިން ޒަކާތް ދައްކާ މިންވަރު ދަށަށް ގޮސް ޒަކާތުގެ ނިޒާމަށް ލޮޅުން އަރާފައިވާ ކަމަށް މިނިސްޓަރު ޝަހީމް ކުރިން ވަނީ ވިދާޅުވެފަ އެވެ.