ކާބޯތަކެތި ބަންދު ކުރުމާއި ލޭބަލް ކުރުމުގެ ގަވައިދާ އެއްގޮތަށް ކާބޯތަކެތި ލޭބަލް ކުރުމަށް ހަ މަހުގެ މުއްދަތެއް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ދީފިއެވެ.

މިދިޔަ އަންގާރަ ދުވަހު އެމްއެފްޑީއޭއިން ވަނީ، އެ ގަވައިދު ގެޒެޓުކޮށް އަމަލުކުރަން ފަށާފައެވެ. އެގޮތުން، ގަވައިދުގައިވާ ކަންކަމާ ޚިލާފުވެއްޖެނަމަ، ބޮޑެތި އަދަދުތަކުން އެ އޮތޯރިޓީއަށް ޖޫރިމަނާ ކުރެވެއެވެ.

އެ އޮތޯރިޓީން މިއަދު ކުރި އިއުލާނެއްގައި ވަނީ، އެ ގަވައިދަށް އަމަލުކުރަން ފަށާއިރު، ޕެކެޓުކޮށް ލޭބަލް ކޮށްފައިވާ ތަކެތި ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެއްތުމަށްޓަކައި ހަ މަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

އެހެންވެ، ދީފައިވާ މުއްދަތުގެ ތެރޭގައި ގަވައިދާ އެއްގޮތަށް ކާބޯތަކެތި ލޭބަލް ކުރުމަށް ސަމާލުކަން ދިނުމަށް އެމްއެފްޑީއޭއިން އެދިފައިވެއެވެ.

ފާހަގަކުރެވޭ ގޮތުގައި، މި ގަވައިދުގެ ހަދާފައި ވަނީ، ރާއްޖޭގައި އުފައްދާ އަދި ރާއްޖެއަށް އިމްޕޯޓު އަދި އެކްސްޕޯޓު ކުރާ ކާބޯތަކެތި ގޯސްކޮށް ލޭބަލްކުރާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށެވެ. އަދި ފަސް ފަހަރަށް ވުރެ ގިނައިން ކުށް ތަކުރާރުކޮށްފި ނަމަ، އެއް މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިތުރުން ލައިސެންސް ނުވަތަ ރަޖިސްޓްރީ ބާތިލުކުރުމުގެ އިޚްތިޔާރު ވެސް އެ އޮތޯރިޓީއަށް އޮންނާނެއެވެ.

ގަވާއިދުގައި ބަޔާންކުރާ ގޮތުން، ލޭބަލް ނުކޮށް ނުވަތަ އަސްލު އޮޅޭ ގޮތަށް ލޭބަލްކޮށްގެން މުދާ ވިއްކުމަކީ މަނާ ކަމެކެވެ.