ސަރުކާރު މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކާއި ޕެންޝަނަށް މިދިޔަ މަހުގެ 14ގެ ނިޔަލަށް ކުރި ޚަރަދު، މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ 470 މިލިއަން ރުފިޔާ އިތުރުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހުގެ 14ގެ ނިޔަލަށް ސަރުކާރު މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް 5.31 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަކުރީ 4.84 ބިލިއަން ރުފިޔާއެވެ.

އެހެންކަމުން މިދިޔަ އަހަރާ އަޅައިބަލާއިރު ސަރުކާރުން ވަނީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް 470 މިލިއަން ރުފިޔާ އިތުރަށް ޚަރަދުކޮށްފައެވެ.

ދައުލަތުގެ މުސާރަތައް އެއްހަމަކުރުމުގެ ސިޔާސަތުގެ ދަށުން، ސަރުކާރުން ތަޢާރަފުކުރި އާ ޕޭ ފްރޭމްވާކަށް މިހާތަނަށް ދައުލަތުގެ 93 އިންސައްތަ މުއައްސަސާ ވަނީ ބަދަލުކުރެވިފައެވެ. ނަމަވެސް އެ މަސައްކަތުގެ ތެރެއިން ލީގަލް މުވައްޒަފުންނާއި، އެޗްއާރް މުވައްޒަފުންގެ އިތުރުން ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަ ކުޑަވި މައްސަލަ ފެންމަތިވިއެވެ.

މިދިޔަ މަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މުސާރަ ހާމަނައިޒްކުރުމުގެ މަރުހަލާގައި މުސާރަ ކުޑަވި މުވައްޒަފުންގެ މައްސަލައަށް އަލިއަޅުއްވާލައްވައި، މި މަހުގެ މުސާރައާއެކު އެ މައްސަލަ ހައްލުވެ، މުސާރަ ބޮޑުވާނެ ކަމަށް ވިދާޅުވެފައެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ، އެ ފަދަ ހުރިހާ ކަންބޮޑުވުންތަކެއް ދެނެގަނެވި، މި މަހު މުސާރަ ލިބޭއިރު އެ މައްސަލަތައް ހައްލުކުރެވިފައިވާނެ ކަމަށެވެ.

ރާއްޖޭގެ ދަރަނި އަހަރުން އަހަރަށް ބޮޑުވަމުން އަންނައިރު، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ބޭރުގެ މާލީ އިދާރާތަކުން ބާރު އަޅަމުން އަންނަތާ އަހަރުތަކެއް ވަނީ ވެފައެވެ.

ހަތަރު ލައްކައެއްހާ މީހުންގެ އާބާދީއެއް އޮންނަ ރާއްޖޭގައި ސިވިލް ސާވިސްގައި މިވަގުތު 35،000އަށް ވުރެ ގިނަ މުވައްޒަފުން ތިބިއިރު ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ވެސް ގާތްގަނޑަކަށް 38،000 މުވައްޒަފުން ތިބެއެވެ. މީގެ އިތުރުން މި ސަރުކާރުން އެތައް ހާސް ސިޔާސީ މުވައްޒަފުން ތިބި ކަމަށް ބެލެވޭއިރު، ސަަރުކާރުން އަންނަނީ މުވައްޒަފުން މަދުކުރާނެ ކަމަށް ބުނަމުންނެވެ.