14 Jun 2026, 15:09

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ތަރައްގީކޮށްފައިވާ 4،000 ފުލެޓު ހުންނަ ސަރަހައްދުގައި ބަސް ހުއްޓި ނެތުމުން އެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ކަންބޮޑުވުންތައް ބޮޑު ކަމަށް، ހުޅުމާލޭ އުތުރު ދާއިރާގެ ކައުންސިލަރު ފާޠިމަތު ޒަޙިއްޔާ ވިދާޅުވެއްޖެއެވެ.
ޒަޙިއްޔާގެ އިތުރުން މާލޭގެ މޭޔަރު އާދަމް ޢާޒިމް ވަނީ ފަހި ޔޫނިއަން ޖަމިއްޔާއާ މިދިޔަ ހަފުތާގައި ބައްދަލުކުރައްވައިފައެވެ.
ކައުންސިލުން ބުނީ، އެ ބައްދަލުވުމުގައި, ފަހި ފުލެޓުތައް ހުންނަ ސަރަހައްދުގައި ބަސް ހުއްޓިއެއް ނެތުމަކީ އެ ސަރަހައްދުގައި އުޅޭ ރައްޔިތުންނަށް އޮތް ބޮޑު ދައްޗެއް ކަމަށް ޒަޙިއްޔާ ވިދާޅުވި ކަމަށެވެ.

އެގޮތުން، އެ ސަރަހައްދަށް ބަހުގެ ޚިދުމަތް އެކަށީގެންވާ ގޮތެއްގައި ނުލިބުމުގެ ސަބަބުން، ކުދިން ސްކޫލަށް ގެންދިއުމާއި މީހުން އޮފީސްތަކަށް ދިއުމަށް ދަތިތައް ކުރިމަތިވަމުންދާ ކަމާއި، އާންމުންގެ ދިރިއުޅުމަށް އުނދަގޫވާކަން ޒަޙިއްޔާ ފާހަގަކުރެއްވި ކަމަށް، ކައުންސިލުން ބުންޏެވެ.
މިކަމާ ގުޅިގެން ޢާޒިމް ވިދާޅުވީ، މި މައްސަލައަށް އަވަސް ހައްލެއް ހޯދުމަށްޓަކައި ކަމާގުޅުންހުރި އިދާރާތަކާ ބައްދަލުކޮށް، މަސައްކަތްތައް ފައްޓަވާނެ ކަމަށެވެ.
މާލެއާއި ބައެއް ރަށްރަށުގައި ބަހުގެ ޚިދުމަތް ދެނީ އެމްޓީސީސީންނެވެ. މާލެއާއި ހުޅުމާލޭގައި ދެމުން އަންނަ ބަހުގެ ޚިދުމަތުގެ ތެރެއިން ބަސް ހުއްޓިތައް ހިޔާ ފްލެޓް ސަރަހައްދުގައި ހުރެއެވެ.
މިކަމާ ގުޅިގެން އެމްޓީސީސީގެ ބަހެއް ހޯދާލުމަށް ގުޅުމުން މިހާތަނަށް ޖަވާބެއް ލިބިފައެއް ނުވެއެވެ.