ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެންމެ ބޮޑު އެންމެ މަގުބޫލު ޕާޓީއަކީ ޖުމްހޫރީ ޕާޓީ ކަމަށް ހައްދަވާނެ ކަމަށް އެ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅު ވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީއާ އަލަށް ގުޅުނު މީހުންގެ ފޯމުތަކާއި ހަވާލުވާން ރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ޤާސިމް ވިދާޅުވީ ރާއްޖޭގައި އޮތީ ޖުމްހޫރީ ވެރިކަމެއް ކަމަށާއި، އެހެން ކަމުން ރާއްޖޭގެ ވެރިކަން ކުރަން ވެސް އެންމެ ރަނގަޅު ވާނީ ޖުމްހޫރީ ޕާޓީ ކަމަށެވެ.

ޖުމްހޫރީ ޕާޓީއާ ގިނަ ބަޔަކު ގުޅޭއިރު އެ ފޯމުތައް ރެޖިސްޓްރީ ކޮށްދިނުމުގައި އިލެކްޝަނުން އިހުމާލު ވެފައިވާ ކަމަށާއި ނަމަވެސް ޕާޓީގެ ރެޖިސްޓްރީގައި މިހާރު ވެސް 13000 މެންބަރުންނަށްވުރެ ގިނައިން އެބަތިބި ކަމަށް ގާސިމް ވިދާޅުވި އެވެ.

"ޕާޓީގެ މެމްބަރުން ވަރަށް ބޮޑަށް މިހާރު އިތުރުވަމުން އެބަދޭ، ނަމަވެސް ހިތާމައަކީ އިލެކްޝަންސް ކޮމިޝަނަށް ފޮނުވާ ފޯމުތައް ރެޖިސްޓްރީ ކޮށް ނުދޭ މައްސަލަ، އެހެން ނަމަވެސް އަޅުގަނޑުމެންގެ ރަޖިސްޓްރީގަ މިހާރުވެސް އެބަތިބި ތޭރަހާހަށް ވުރެ ގިނަ މީހުން،" ޤާސިމް ވިދާޅުވި އެވެ.

މަޝްހޫރު ވިޔަފާރި ވެރިޔާ އަދި ރައްޔިރުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ވިދާޅުވީ ޖުމްހޫރީ ޕާޓީން އިލެކްޝަނަށް ފޮނުވާ ފޯމުތައް ރެޖިސްޓްރީނުވެދާތީ މެމްބަރުންގެ ކަންބޮޑުވުން އެބައޮތް ކަމަށެވެ.

"އަޅުގަނޑުމެން ފޮނުވާ ފޯމުތައް އިލެކްޝަންސް ކޮމިޝަނުން ބަލައިގަންނަ ގޮތާއި، މިކަން ލަސްވެގެންދާ މިންވަރުން އަޅުގަނޑުމެންނާ ގުޅެމުން އަންނަ ފަރާތް ތަކުގެ ޝަކުވާ އަޅުގަނޑު މެންނާއި ހަމައަށް އެބަ އާދޭ، މީ ވަރަށް ދެރަ ކަމެއް. ދެމަަސް ތިން މަސް ވެގެންދާ އިރުވެސް ރަޖިސްޓްރީ ނުކުރެވި އަނެއްކޮޅުން ފިންގާ ޕްރިންޓް ދިމާ ނުވެގެނޭ ކިޔައިފައި ރިޖެކްޓް ކުރައްވާ،" ގާސިމް ވިދާޅުވި އެވެ "އަޅުގަނޑު ހައިރާން ވަނީ ފުލުހުން ތަންތަނަށް ގޮސް ފިންގާ ޕްރިންޓް އެބަހޯދާ އެހެން ވީމަ އަޅުގަނޑު ހިތަށް އަރަނީ މިވަރު ކަމެއްގަ ހަމަ އެހާވަރުތަކެއް ވާނެ ބާއޭ،"

އަންނަ ރިޔާސީ އިންތިޚާބު، ޖުމްހޫރީ ޕާޓީއަށް ކާމިޔާބު ކުރެވޭނެ ކަމަށާއި އިޤްތިސޯދީ ހީނަރުކަމުން ރާއްޖެ ސަލާމަތް ކޮށްދެއްވާނެ ކަމަށް ވެސް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވި އެވެ.

ރޭ ޖުމްހޫރީ ޕާޓީ އާއި އަލަށް ގުޅުނީ 101 މީހުނެވެ. އެއީ ކ. ކާށިދޫ އިން 49 މީހުން ނާއި، އދ. މަހިބަދޫން 52 މީހެކެވެ.