މުޅި ރާއްޖޭގައި ފަރުމަސްވެރިކަމުގެ މުބާރާތެއް ބާއްވަނީ
މުޅި ރާއްޖޭގައި ފަރުމަސްވެރިކަމުގެ މުބާރާތެއް ބާއްވަނީ

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ފަރުމަސްވެރިކަމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އިއްޔެ ހުޅުވައިލައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ، ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފަރުމަސްވެރިކަމުގެ މުބާރާތެއް ހުރިހާ ރަށަކަށް ހުޅުވައިލައިގެން އަންނަ ހުކުރު ދުވަހު ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ.

މި މުބާރާތުގައި މާލޭ ސަރަހައްދުން ބައިވެރިވެވޭނީ ފުރަތަމަފޯމުހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ 20 ޓީމަށް ކަމަށް، އެ މިނިސްޓްރީން ބުންޏެވެ.

މުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމުތަކުން ބުދަ ދުވަހުގެ މެންދުރު ދޭއް ޖެހުމުގެ ކުރިން ފޯމު ފުރިހަމަކުރުމަށްފަހު ހުށަހެޅުމަށް، މިނިސްޓްރީން ވަނީ އެދިފައެވެ.

މާލޭ ބަނދަރުގައި އޮތް ދޯޏަކުން ފަރުމަސްތަކެއް މަސްމާރުކޭޓަށް ބާލަނީ: --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މި މައުލޫމާތާއެކީ މިނިސްޓްރީން އާންމުކުރި ގަވައިދުގައިވާ ގޮތުން، މުބާރާތް ކުރިއަށް ދާނީ ހުކުރު ދުވަހުގެ މެންދުރުފަހު 3:00 އިން ފެށިގެން ރޭގަނޑު ނުވައެއް ޖެހުމާ ހަމައަށެވެ.

މާލޭ ސަރަހައްދުން ބައިވެރިވެވޭނީ ފޯމު ހުށަހަޅާ ތަރުތީބުން، ޝަރުތު ހަމަވާ ފުރަތަމަ 20 ޓީމަށް ކަމަށްވާއިރު، ރަށްރަށުގައި ބައިވެރިވާނެ ޓީމުތަކުގެ އަދަދު ކަނޑައަޅާނީ ރަށްރަށުގެ ކައުންސިލުތަކުން ކަމަށް، މުބާރާތުގެ ގަވައިދުގައިވެއެވެ.

ދެ ޖިންސުގެ މީހުންނަށްވެސް ބައިވެރިވެވޭ މި މުބާރާތުގެ ކޮންމެ ޓީމެއްގައި މެނޭޖަރަކާއެކު ގިނަވެގެން ހިމެނޭނީ 13 މެންބަރުންނެވެ. އޭގެ ތެރޭގައި އުޅަނދުގެ ފަތުރުވެރިން ނުހިމެނޭނެއެވެ.

މި މުބާރާތުގައި، މަސްވެރިކަމުގެ ގަވައިދުތަކުން މަނާކޮށްފައިވާ އެއްވެސް ބާވަތެއްގެ މަހެއް ހިފުމާއި ބޭނުންކުރުން، ހިމާޔަތްކޮށްފައިވާ ސަރަހައްދަކުން މަސް ބޭނުން، އަދި ފަޅުވެރިން މަސްވެރިކަމުގެ ހަރަކާތްތަކުގައި ބައިވެރިވުން މަނާވާނެއެވެ.

މި މުބާރާތުން އެއްވަނައަށް ދާ ޓީމަކަށް 30،000 ރުފިޔާ، ދެވަނައަށް ދާ ޓީމަކަށް 25،000 ރުފިޔާ، އަދި ތިންވަނައަށްދާ ޓީމަކަށް 20،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެންމެ ބަރު މަސް ބޭނި މަސްވެރިޔާއަށް 5،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ދުނިޔޭގެ ކަނޑުތަކުގެ ދުވަހަކީ ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ އަށްވަނަ ދުވަހެވެ. ކަނޑުތަކުގެ ދުވަސް ފާހަގަކުރަން ފެށީ 1992ވަނަ އަހަރުން ފެށިގެންނެވެ.