ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑޮލަރު ޑެބިޓް ކާޑުން މާލީ މުއާމަލާތްކޮށްގެން ކޮންމެ ހަފުތާއަކު 1،000 ޑޮލަރު ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން ފަށައިފިއެވެ.

ބީއެމްއެލްއިން ބުނި ގޮތުގައި އެ ޕްރޮމޯޝަންގައި ބައިވެރިވުމަށް ބޭންކުން ދޫކުރާ ޑޮލަރު ޑެބިޓް ކާޑަކަށް އަލަށް އެޕްލައިކުރަން ޖެހެއެވެ. އަދި އެ ކާޑުން މަދުވެގެން 100 ޑޮލަރުގެ މުއާމަލާތްތައް ކުރަންޖެހެއެވެ.

އެ ޕްރޮމޯޝަން އަންނަ މަހުގެ 30ގެ ނިޔަލަށް ކުރިއަށް ދާނެއެވެ. އެގޮތުން ޑޮލަރު ޑެބިޓް ކާޑެއް ބޭނުންކޮށްގެން ވިޔަފާރިކޮށްގެންނާއި ސަބްސްކްރިޕްޝަންތަކަށް ފައިސާ ދައްކައިގެންނާއި ޓިކެޓް ނަގައިގެންނާއި ޑިޖިޓަލް ޚިދުމަތްތަކަށް ފައިސާ ދައްކައިގެން އެ ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްއިން އެ ޕްރޮމޯޝަން ފަށައިފައިވަނީ، އެ ބެންކަށް ލިބޭ ޑޮލަރުގެ ނިސްބަތުން ބަލާއިރު ވިއްކަންޖެހޭ ޑޮލަރުގެ ނިސްބަތް މަތިވެފައިވާ ކަމަށް ބުނެ، ފިޔަވަޅުތަކެއް އަޅައިފައިވާ ދަނޑިވަޅެއްގައެވެ. އޭގެ ތެރޭގައި ރުފިޔާ ކާޑުތަކުން ޑޮލަރުގެ މުއާމަލާތް ކުރެވޭ މިންވަރު މަދުކުރުމާ ގުޅިގެން، ގިނަ ބަޔެއްގެ ނުރުހުން ވަނީ އެ ބެންކަށް އަމާޒުވެފައެވެ.

ބީއެމްއެލްއިން އަންނަނީ އެ ފިޔަވަޅުތައް އަޅަނީ ކޮންމެހެން އަޅަން ޖެހުމުން ކަމަށް ބުނަމުންނެވެ.