19 Sep 2012, 22:02
ފަރަންސޭސިވިލާތުގެ މަޖައްލާއެއްގައި ކީރިިތި ރަސޫލާ އަށް ފުރައްސާރަކޮށް ކާޓޫނެއް ކުރަހައި، ޝާއިއުކުރުމުން އިސްލާމީ އުއްމަތުގައި ރުޅިވެރިކަން އުފެދޭނެކަމަަށް ބަަލައި، އިސްލާމީ 20 ގައުމެއްގައި ހުރި ފަރަންސޭސި އެމްބަސީތައް ހުކުރުދުވަހު ބަންދުކުރުމަށް އެގައުމުން ނިންމައިފި އެވެ.
ފަރަންސޭސި ފޮރިން މިނިސްޓްރީން ބުނެފައި ވަނީ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ގައުމުތަކުގައިވާ އެގައުމުގެ އެމްބަސީތަކާއި ކަލްޗަރަލް ސެންޓަރުތަކާއި ސްުކޫލްތައް ހުކުރުދުވަހު ބަންދުކުރާނެ ކަމަށެވެ.
"މިކަން މައްސަލަ އުފެދޭނެ ހުރިހާ ގައުމެއްގައި ސަލާމަތީ ކަންތައްތައް ހާއްސަ ގޮތަކަށް ބަލަހައްޓަން އަހަރެން ވާނީ އަންގާފައި" ފަރަންސޭސި ފޮރިން މިނިސްޓަރު ލޯރެންޓް ފަބިއަސް ވިދާޅުވި ކަަމަށް އަލްޖަޒީރާ ގައިވެ އެވެ.
ފަރަންސޭސި މަޖައްްލާގައި ރަސޫލާގެ ކާޓޫނު ކުރެހުމުން އެގައުމުން ސަލާމަތީ ކަންތައްތައްް ވަރުގަދަކުރީ ރަސޫލާއަށް ފުރައްސާރަކޮށް އެމެރިކާގައި އުފެއްދި ފިލްމާ ގުޅިގެން ހިނގި ހަމަނުޖެހުންތަކަށް ބަލާފަ އެވެ.
ޕެރިހުގައި ހުރި ، ކާޓޫނު ކުރެހި މަޖައްލާގެ އޮފީސްތަކުގެ ކައިރިއަށް ފަރަންސޭސިސަރުކާރުން މިހާރު ވަނީ ފުލުހުން ފޮނުވާފަ އެވެ. އެއީ މިދިޔަ އަހަރު ހިނގި އެފަދަ ކަމަކާ ގުޅިގެން މަޖައްލާއެއްގެ އޮފީހަށް ބަޔަކު ބޮމުގެ ހަމަލާއެއް ދީފައި ވާތީ އެވެ.
ކާޓޫނު ކުރެހުމުން ނުރުހުންވާ އެންމެން ވެސް ޒިންމާދާރު ވުމަށް ފަރަންސޭސި ބޮޑުވަޒީރު ޖީން މާކް މިހާރު ވަނީ ގޮވާލައްވާފަ އެވެ. ކާޓޫނު ކުރެހި މަޖައްލާ އާ ދެކޮޅަށް އެފަދަ އެންމެންނަށް ވެސް ދައުވާ ކުރެވޭނެ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.
އިސްލާމީ އެހެން ގައުމުތަކުގައިވާ ފަރަންސޭސި ވިލާތުގެ މުއައްސަސާތައް ބަންދުކުރަން ނިންމާފައި ވަނީ ހުކުދުވަހު ކަމަށް ވިޔަސް މިސްރުގައިވާ އެފަދަ ތަންތަން މާދަމާ ބަންދުކުރުމަށް ވެސް ފަރަންސޭސިސަރުކާރުން ވަނީ ނިންމާފައެވެ.
ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ފަރަންސޭސި މަޖައްލާގައި ކާޓޫނު ކުރެހުމުން، ކެތްތެރިކަން ދެއްވާތޯ ދުއާކުރުން ހުކުރު ދުވަހު މިސްކިތްތަކުގައި އޮންނާނެކަން އެގައުމުގެ މުސްލިމުން ވަނީ އިއުލާންކޮށްފަ އެވެ. އަދި ކާޓޫނު ކުރެހި ކުރެހުން އެގައުމުގެ މުސްލިމުން ވަނީ ކުށްވެރިކޮށްފައެވެ.
މުސްލިމުންނާއި ރަސޫލާއަށް ފުރައްސާރަވާގޮތަށް ދާދިފަހުން އެމެރިކާގައި އުފެއްދި ފިލްމް، "އިނޮސެންސް އޮފް މުސްލިމްސް"އާ ގުޅިގެންވެސް މުސްލިމުގައުމުތަކުގައި މުޒާހަރާކޮށް ނުރުހުން ފާޅުކޮށްފައިވެ އެވެ. ބައެއް ގައުމުތަކުގައި ކުރި މުޒާހަރާތަށް ހަމަނުޖެހުމަކަށް ބަދަލުވެ ލީބިޔާގައި ހުރި، އެމެރިކާ އެމްބަސީއަށް ހަމަލާދީ އެ ގައުމުގައި ހުންނެވި ސަފީރާއި އިތުރު ޑިޕްލޮމެޓުންތަކެއް ވަނީ މަރާލައިފަ އެވެ.