ވޯލްޑް ކަޕް 2026: ސްކޮޓްލޭންޑްގެ 36 އަހަރުވީ އިންތިޒާރަށް ނިމުމެއް، ހައިޓީ ބަލިކޮށް ތާރީޚީ މޮޅެއް
ވޯލްޑް ކަޕް 2026: ސްކޮޓްލޭންޑްގެ 36 އަހަރުވީ އިންތިޒާރަށް ނިމުމެއް، ހައިޓީ ބަލިކޮށް ތާރީޚީ މޮޅެއް

ފީފާ ވޯލްޑް ކަޕުގެ ތާރީހުގައި 36 އަހަރުގެ ދިގު އިންތިޒާރަށްފަހު ސްކޮޓްލޭންޑުން 1-0 ގެ ނަތީޖާއަކުން ހައިޓީ ބަލިކޮށް ތާރީހީ މޮޅެއް ހޯދައިފިއެވެ.

މިއީ ވޭތުވެދިޔަ 36 އަހަރު ދުވަހުގެ ތެރޭގައި ވޯލްޑް ކަޕް މުބާރާތެއްގައި ސްކޮޓްލޭންޑަށް ލިބުނު ފުރަތަމަ މޮޅެވެ. މި މޮޅާއެކު، ވަރުގަދަ ޓީމުތައް ހިމެނޭ ގްރޫޕް ސީގެ އެއްވަނަ މަގާމު ސްކޮޓްލޭންޑަށް މިވަނީ ލިބިފައެވެ.

މެޗުގެ ހަމައެކަނި ލަނޑު، ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެސްޓަން ވިލާގެ ތަރި ޖޯން މެކްގިން އެވެ.

މެކްގިން ފޮނުވާލި މި ހަމަލާ ގޯލަށް ވަނީ ހައިޓީގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި މިސްރާބު ބަދަލުވެގެންނެވެ. މިއީ 1998 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކްރެއިގް ބާރލީ ޖެހި ގޯލަށްފަހު، ބަރާބަރު 10،244 ދުވަސް ފަހުން ސްކޮޓްލޭންޑުން ވޯލްޑް ކަޕެއްގައި ޖެހި ފުރަތަމަ ގޯލެވެ.

ހައިޓީ އާއި ސްކޮޓްލެންޑް ކުޅުނު މެޗުގެ ތެރެއިން--

މެޗުގެ ދެވަނަ ހާފުގައި ހައިޓީން ނަތީޖާ ހަމަހަމަކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. އެގޮތުން މެޗު ނިމެން ކައިރިވެފައިވަނިކޮށް ހައިޓީގެ ފްރެންޓްޒްޑީ ޕިއެރޮޓް ބޮލުން ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް ދިޔައީ ކިރިޔާއެވެ.

މި ގްރޫޕްގެ އަނެއް މެޗުގައި، ދުނިޔޭގެ ގަދަ 10 އެއްގައި ހިމެނޭ ބްރެޒިލް އާއި މޮރޮކޯ ނިއު ޖާޒީގައި ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވުމުން، ސްކޮޓްލޭންޑަށް މިވަނީ ބޮޑު ފުރުސަތެއް ހުޅުވިފައެވެ.

މެޗުން އެއްވަރުވިނަމަ، މުބާރާތުގެ ދެވަނަ ބުރަށް ދިއުމަށްޓަކައި ބްރެޒިލް ނުވަތަ މޮރޮކޯ ބަލިކުރަން ސްކޮޓްލޭންޑަށް މަޖުބޫރުވީހެވެ.

ނަމަވެސް މިހާރު ލިބުނު ތިން ޕޮއިންޓާއެކު، ތާރީޚުގައި ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ނޮކައުޓް ބުރަށް ދިއުމުގެ ރަން ފުރުސަތެއް ކޯޗު ސްޓީވް ކްލާކްގެ ޓީމަށް މިވަނީ ތަނަވަސްވެފައެވެ.

ސްކޮޓްލޭންޑް ދެން ބައްދަލުކުރާނީ އަންނަ ޖޫން މަހުގެ 20 ގައި، އެފްރިކާގެ ޗެމްޕިއަން މޮރޮކޯއާއެވެ.